ސިއުޒާ
ދެވަނަ ފަހަރަށް މީސްތަކުން އުދެފިގެން އަންނާނީ ކިހިނެއްތޯ؟
އެންމެ ފުރަތަމަ ހުޅުވޭނީ ކޮން ބޭކަލެއްގެ ކަށްވަޅެއްތޯ؟
ކަށްވަޅުން ތެދުވާ ހިނދު މީސްތަކުންގެ ކަންކަން ހުންނާނީ ކޮން ގޮތަކަށްތޯ؟
އެއްވެސް މީހެއް މަޙްޝަރުގެ މައިދާނަށް ހާޒިރު ނުކުރެވި ދޫކޮށްލެވޭނެތޯ؟
އަދި ޖަނަވާރުންވެސް މަޙްޝަރު ކުރެވޭނެތޯ؟
އާދެ، މިވަޤުތު އަޅުގަނޑުމެން ބަލައިލާނީ ޤުރުއާނާއި ސުންނަތުގެ އަލީގައި މިކަންކަން ހިނގައިދާނެ ގޮތުގެ ތަފްޞީލުތަކަށެވެ.
އެންމެ ފަހުގެ ތާޅަފިއްޔާއި އެކު މަޙްޝަރުގެ މައިދާނަށް މީސްތަކުން ޙާޒިރު ކުރެވޭނެއެވެ. އެވަޤުތު ކަން ވެގެންދާނެ ގޮތް ބަޔާން ކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ (وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ) " އަދި ތާޅަފިލި ފުމެލެވޭ ހިނދު އެބައިމިހުންގެ ވެރި ރަސްކަލާންގެ ހަޒްރަތަށް ކަށްވަޅުތަކުން އަވަސްއަވަހަށް ނިކުމެގެން ދާނެއެވެ." (قَالُوا يَٰوَيْلَنَا) " އެބައިމީހުން ބުނާނެއެވެ. އޭ! ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ." (مَن بَعَثَنَا مِن مَّرْقَدِنَا) " ތިމަންމެން ނިދަން ތިބި ތަނުން އަލުން ދިރުވުމަކަށް ފޮނުވީ ކާކު ހެއްޔެވެ."
އާދެ، އެބައިމީހުންނަށް އޭގެ ޖަވާބުގައި ބުނެވޭނެއެވެ. (هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ) " މިއީ ރަޙްމާނުވަންތަ އިލާޙު ވަޢުދު ކުރެއްވި ކަންތަކެވެ. އަދި ރަސޫލުން ވިދާޅުވި ތެދު ބަސްފުޅެވެ." (إِنكَانَتْإِلَّاصَيْحَةًۭوَٰحِدَةًۭ) "ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ އެކަންތައް ނުވާނެއެވެ." (فَإِذَاهُمْجَمِيعٌۭلَّدَيْنَامُحْضَرُونَ) "އެ އަޑު އިވުމާއިއެކު އެހާރުން އެހާރަށް އެބައިމީހުން އެންމެން ވާނީ ތިމަން އިލާޙުގެ ހަޒްރަތަށް ހާޛިރު ކުރެވިފައެވެ."
އާދެ، ކަށްވަޅުން އަޅުގަނޑުމެން ތެދުވާނީ ނިދާފައި އޮންނަ މީހަކާއި ދިމާލަށް ހަޅޭލަވައިގަތުމުން ސިއްސައިގެން ގޮސް ހޭލާފަދަ ގޮތަކަށް ބިރުން ތިބެއެވެ. އެތަކެއް ދުވަހެއް ވަންދެން ކަށްވަޅުގައި އޮތުމަށްފަހު ކަށްވަޅުން އެފަދަ ގޮތަކަށް ސިއްސައިގެން ގޮސް ތެދުވަން ޖެހުމުން ކުރެވޭނެ އިޙްސާސް ތަސައްވުރު ކޮށްލައްވާށެވެ.
އާދެ، ކަށްވަޅުން ތެދުވާއިރު ފެންނާނީ ފަރުބަދަތައް ގޮވަމުންދާ މަންޒަރެވެ. ކަނޑުތައް އަލިފާން ރޯވެ އަނދަމުންދާ މަންޒަރެވެ. ކާއިނާތުގައިވާ ތަރިތަކާއި، އިރާއި ހަނދު އެތަކެތީގެ އޯރބިޓުން ނެއްޓި ގޮވަމުންދާ މަންޒަރެވެ. އިރު އެބައިމީހުންގެ ބޮލާއި ދިމާލުން ސީދާ މަތީގައި ވާތަނެވެ. އެބައިމީހުންގެ ފައި ދަށުގައިވާ ބިންގަނޑު އޮންނާނީ ތެޅިތެޅިއެވެ. އެބައިމީހުންގެ ބޯމަތީގައިވާ އުޑު ފަޅަފަޅައިގެން ގޮސް ހުޅުވިގެން ދާނެއެވެ.
އެވަޤުތު މީސްތަކުންގެ ހާލު ހުންނާނެގޮތް ބަޔާން ކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ (وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَٰكِنَّ عَذَابَ اللَّهِ شَدِيدٌ(" އަދި މީސްތަކުން އެވަޤުތު މަސްތުވެފައިވާ ބަޔަކު ފަދައިން ވާތީ ތިބާއަށް ފެންނާނެއެވެ." ( وَمَا هُم بِسُكَارَىٰ) "ނަމަވެސް އެބައިމީހުން އެވަނީ މަސްތުވެފައެއް ނޫނެވެ. (وَلَٰكِنَّ عَذَابَ اللَّهِ شَدِيدٌ) " އެހެނެއްކަމަކު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަޒާބު ގަދަފަދަ ވުމުގެ ސަބަބުން އެބައިމީހުންނަށް ވެފައިވާ ގޮތެކޭ އެއީ."
އާދެ، ދުނިޔެމަތީގައި އެއްވެސް ފާފައެއް ނުކުރާ ތުއްތު ކުއްޖާއަށް މި މަންޒަރުތައް ފެނުމުން ކިހިނެއްތޯ ވެގެން މިދަނީ. އާދެ، އެ ދުވަހާއި ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ (يَوْمًا يَجْعَلُ الْوِلْدَانَ شِيبًا) " އެދުވަހުގެ ބިރުވެރިކަމުގެ ސަބަބުން ކުޑަކުދަ ތުއްތު ކުއްޖާގެ ބޮލުގެ އިސްތަށިގަނޑު ނުރަވެގެންދާނެއެވެ."
އާދެ، އެ ތުއްތު ކުއްޖާ ދުނިޔެމަތީގައި އެއްވެސް ފާފައެއް ކޮށްފައެއް ނުވެއެވެ. އެ ކުއްޖާ މަރުވެގެން ގޮސްފައިވަނީ ފިޠުރަތުގެ ޠާހިރުކަން މަތީގައެވެ. އެހެންނަމަވެސް އެދުވަހުގެ ބިރުވެރިކަމުގެ ސަބަބުން އެ ތުއްތު ކުރައްޖާގެ ބޯ ނުރަވާއިރު އަޅުގަނޑުމެން ސުވާލު ކޮށްލަންޖެހޭ އެދުވަހުން އަޅުގަނޑުމެންގެ ހާލަކީ ކިބައިތޯ؟ އެދުވަހުން އަޅުގަނޑުމެން ސަލާމަތް ވާނީ ކިހނެއްތޯ؟
މަރުވުމަށްފަހު އިންސާނާ އަލުން ދިރުއްވޭގޮތް ސިފަ ކުރައްވަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ (ما بين النفختين أربعون) " ތާޅަފިލިގެދެ ފުލެމެއްވުމުގެ ދެމެދުގައި ވަނީ ސާޅީހެވެ."
އެހިނދު އެއީ ސާޅީސް ދުވަސްތޯ، ނުވަތަ ސާޅީސް މަސްތޯ، ނުވަތަ ސާޅީސް އަހަރުތޯ ސުވާލު ކުރެއްވުމުން އެކަލޭގެފާނު ޖަވާބެއް ނުދެއްވައެވެ. އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ (ޘުއްމަ ޔަންޒިލުﷲ މިނައްސަމާއި މާއަން ފަޔަންބުތޫނަ ކަމާ ޔަންބުތުލް ބަޤްލަ ) " އެއަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ އުޑުން ފެންފަދަ އެހެން ނަމަވެސް ފެނަށްވުރެން އޮލަ އެއްޗެއް ވެއްސަވާނެތެވެ. އަދި ވާރޭ ވެހުމުން އޮށުން ގަސް ފަޅައިގެން އަންނަ ފަދައިން އިންސާނާވެސް އެދުވަހުން އިންސާނާގެ ކަށިކޮޅަކުން އެތުރި ބޮޑުވެ ފުރިހަމަ ވެގެން އަންނާނެއެވެ.
އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ (ވަލައިސަ މިނަލް އިންސާނި ޝައިއުން އިއްލާ ޔުބްލާ) " އިންސާނާގެ ފަނާވެ ނުދާނެ އެއްވެސް އެއްޗެއް ނުވާނެއެވެ." ( އިއްލާ އަޞްމަޢު ވާޙިދަން ވަހުވަ އަޒްބުއްޖަނަބް) " އެންމެ ކަށިކޮޅެއް ފިޔަވައެވެ. އެއީ ޢަޒްބުއްޖަނަބް އޭ ކިޔުނު ކަށިކޮޅެކެވެ." (ވަމިންހު ޔުރަކަބުލް ޚަލްޤު ޔައުމަލް ޤިޔާމަ) " އަދި އިންސާނާ ތަރުތީބުވެ ގަހެއް ފަދައިން ފަޅައިގެން ހެދި ބޮޑުވެގެން އަންނާނީ މި ޢަޒްބުއްޖަނަބް އޭ ކިޔުނު ކަށިކޮޅުންނެވެ.
އެހެންވެ މިކަން ބަޔާން ކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާންގެ ފޮތުގައި ގަސްގަހާއި ހެގި ހެދި ބޮޑުވެގެން އަންނަ ގޮތާއި އިންސާނުން އަލުން ދިރުއްވޭ ގޮތާއި ވަނީ އެއްގޮތް ކުރައްވާފައެވެ. އެގޮތުން އެކަލާންގެ ވަޙީ ކުރައްވާފައިވަނީ (وَاللَّهُ الَّذِي أَرْسَلَ الرِّيَاحَ)" އަދި ﷲ އީ ވައިރޯޅި ފޮނުއްވާ ރަސްކަލާންގެއެވެ." (فَتُثِيرُ سَحَابًا فَسُقْنَاهُ إِلَىٰ بَلَدٍ مَّيِّتٍ) " ދެން އެ ވައިރޯޅި ވިލާތައް އުފުލައެވެ. އަދި އެ ރަށެއްގެ ބިންގަނޑު މަރުވެފައިވާ ރަށަކަށް ތިމަން ރަސްކަލާންގެ އެ ވިލާތައް ގެންގޮސް އެއިން ފެން ދެއްވަމެވެ." (فَأَحْيَيْنَا بِهِ الْأَرْضَ بَعْدَ مَوْتِهَا) " އަދި ބިންގަނޑު މަރުވެފައި އޮތުމަށްފަހު އެ ވިލާތަކުގެ ފެނުން ތިމަންރަސްކަލާންގެ އެ ބިމަށް ދިރުން ދެއްވީމެވެ." (كَذَٰلِكَ النُّشُورُ) " ޤިޔާމަތް ދުވަހު އަލުން ދިރުއްވާ ފޮނުއްވުން ވެސް ވަނީ މިފަދައިންނެވެ."
އާދެ، އެހެންކަމުން އަޅުގަނޑުމެންނަށް އެނގިގެން ދަނީ މަރުވެފައިވާ ބިމަކަށް ވާރޭ ފޮނުއްވާ އެ ބިމަށް ދިރުން ދޭން ކުޅަދުންވަންތަ އިލާޙު މަރުވެފައިވާ އިންސާނުންނަށްވެސް ދިރުން ދެއްވަން ކުޅަދުންވަންތަވެ ވޮޑިގެން ވާކަމެވެ. އަދި އެކަމުގައި އެ އިލާޙަށް އެއްވެސް ބުރަކަމެއް ނުވާކަމެވެ.
އެންމެ ފުރަތަމަ ހުޅުވޭނީ ކޮންބޭކަލެއްގެ ކަށްވަޅެއްތޯ؟
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ (އަނަ ސައްޔިދު ވަލަދިއާދަމަ ޔައުމަލް ޤިޔާމަތި، ވަ އައްވަލް މަން ޔަންޝަޤް އަންހުލް ޤަބްރް) " ތިމަންކަލޭގެފާނީ ޤިޔާމަތް ދުވަހު އިންސާނުންގެ ލީޑަރެވެ." (ވަ އައްވަލް މަން ޔަންޝަޤް އަންހުލް ޤަބްރް) "އަދި އެދުވަހުން އެންމެ ފުރަތަމަ ހުޅުވިގެން ދާނީ ތިމަންކަލޭގެފާނުގެ ކަށްވަޅެވެ."
އާދެ، އެހެންކަމުން އެންމެ ފުރަތަމަ ހުޅުވޭނީ މަދީނާގައިވާ އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކަށްވަޅުކަން މި ޙަދީޘްފުޅުން އެނގިގެންދެއެވެ. ނަމަވެސް އެހެން ޙަދީޘްއެއްގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކުރައްވާފައިވަނީ (ފައިންނައްނާސަ ޔުޞްޢަޤޫނަ ފައަކޫނު އައްވަލަ މަން ޔުފީޤު) " މީސްތަކުން ތާޅަފިލީގެ ފުމެލެއްވުމާއި އެކު ނެތިގެން ދާނެއެވެ. އަދި އެއަށްފަހު ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ކަށްވަޅުން ތެދުވާނީ ތިމަންކަލޭގެފާނެވެ. ( ފައިޒާ މޫސާ ބާޠިޝުން ބިޖާނިބިލް ޢަރްޝު) " އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަރުޝީގައި މޫސާ ޢަލައިހިއް ސަލާމް ހިފަހައްޓަވައިގެން ހުންނަވާތަން ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. ( ފަލާ އަދްރީ އަކާނަ ފީމަން ޞަޢިޤަ ފައުފާޤަ، އައުކާނަ މިން މަނިސްތަޝްނަﷲ ޢައްޒަ ވަޖައްލަ) " އެހެންކަމުން މޫސާ ޢަލައިހިއް ސަލާމް އަކީ ފުރަތަމަ ތާޅަފިލީގެ ފުމެލެއްވުމާއި އެކު ނެތިގެން ދިޔަ ބޭކަލެއްތޯ، ނުވަތަ ތާލަފިލީގެ ފުމެލެއްވުމާއި އެކު ނެތިގެން ދިޔުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އިސްތިސްނާ ކުރައްވާފައިވާ މަޚްލޫޤާތުންގެ ތެރެއިން ބޭކަލެއްތޯ ތިމަންކަލޭގެފާނަށް އެނގިއެއް ނުލައްވާނެއެވެ.
އެއްވެސް މީހެއް މަޙްޝަރުގެ މައިދާނަށް ޙާޟިރު ނުކުރެވި ދޫކޮށްލެވޭނެތޯ؟
އާދެ، އެމީހަކު މަރުވެފައިވަނީ ޖައްވުގައި ކަމުގައި ވިޔަސް، ނުވަތަ އެމީހަކީ މާސިންގާ ފުން ކަނޑުގެ ތެރެއަށް ގެއްލިގެން ގޮސްފައިވާ މީހެއްކަމުގައި ވިޔަސް، ނުވަތަ އެމީހަކު އަލިފާނުން އަންދާ އަޅިއަށް ހެދިފައިވީ ކަމުގައި ވިޔަސް، ޤިޔާމަތް ދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އެންމެން އަލުން ދިރުއްވާ ޖަމާ ކުރައްވާނެއެވެ.
އެކަން ބަޔާން ކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ (أَيۡنَ مَا تَكُونُواْ يَأۡتِ بِكُمُ ٱللَّهُ جَمِيعًاۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ) " ތިޔަބައިމީހުން ކޮންމެ ތަނެއްގައި ތިބި ކަމުގައި ވިޔަސް ޤިޔާމަތް ދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުން އެންމެން އެއްތާކަށް ގެންނަވާނެއެވެ. ހަމަކަށަވަރުން ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ."
އާދެ، މި ކާއިނާތާއި މި ކާއިނާތުގައި ވާހާ އެއްޗެއް އެކަލާންގެއަށް މިލްކުވެ ވޮޑިގެން ވާތީ، މިއީ އެކަލާންގެއަށް އެއްވެސް ބުރަކަމެއް ނޫންކަންވެސް އަޅުގަނޑުމެން ދަންނަންޖެހެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވަނީ (وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا) " އަދި އެބައިމީހުން އެންމެން މަޙްޝަރުގެ މައިދާނަށް ތިމަން އިލާޙު އެއްކުރައްވާނަމެވެ. އަދި އޭގެ ތެރެއިން ހަމަ އެކަކުވެސް ދޫ ނުކުރައްވާނަމެވެ."
އާދެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ހުރިހާ މަޚްލޫޤުން އެދުވަހު އަލުން ދިރުއްވާ ޖަމާ ކުރައްވާނެއެވެ. އެހެންކަމުން ސުވާލަކީ ޖަނަވާރުންވެސް އަލުން ދިރުއްވި ހިސާބު ބެއްލެވޭނެތޯ؟
ޖަނަވާރުންވެސް މަޙްޝަރު ކުރެވޭނެތޯ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ (وَإِذَا الْوُحُوشُ حُشِرَتْ) "އަދި ވަލު ޖަނަވާރުތައް އެއްތަނަކަށް އެއްކުރައްވާ ހިނދެވެ."
އާދެ، އެދުވަހުން ކަން ވެގެންދާނެ ގޮތް ބަޔާން ކުރައްވަމުން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވަނީ (ޔަޙްޝުރުﷲ ލް ޚަލްޤަ ކުއްލަހުމް ޔައުމަލް ޤިޔާމަ) " ޤިޔާމްތަ ދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ހުރިހާ މަޚްލޫޤާތުން ޖަމާ ކުރައްވާނެއެވެ." (އަލް ބަހާއިމަ ވައްޠައިރަ ވައްދަވާބް) " ވަލު ޖަނަވާރާއި، ދޫނިތަކާއި، ސޫފާ ސޫފިތައްވެސްމެއެވެ." ( ވަކުއްލަ ޝައިއިން) " އަދި ހުރިހާ އެއްޗެކެވެ." ( ފަޔަބްލުޣު މިން ޢަދްލިﷲ އަން ޔައުޚުޒަ މިނަލް ޖަމާއިލިލް ޤަރްނާ) " އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަދުލުވެރިކަމުގެ ސަބަބުން ދަޅު ހުރި ޖަނަވާރު ދަޅު ނެތް ޖަނަވާރަށް ދީފައިވާ ގެއްލުމުގެ ބަދަލުވެސް އެކަލާންގެ އެދުވަހުން ދެއްވާނެއެވެ."
އާދެ، އަނިޔާ ލިބިފައިވާ ޖަނަވާރަށްވެސް އަނިޔާ ދިން ޖަނަވާރުގެ ކިބައިން ބަދަލު ހިފުމުގެ ފުރުސަތު އެދުވަހުން ލިބިގެން ދާނެއެވެ. ހުރިހާ ދެކޮޅުވެރިކަމާއި އަރާރުން ވުމެއް އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ހައްލު ކުރައްވާ އެންމެ ޢަދުލުވެރި ޙުކުމުން އެ އިލާޙު ޙުކުމް ކުރައްވާނެއެވެ. ( ޘުއްމަ ޔަޤޫލު ކޫނީ ތުރާބާ) "އެއަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ޖަނަވާރުންނަށް އަންގަވާނެއެވެ." ( ކޫނީ ތުރާބާ) " ވެއްޔަށް ވާށެވެ."
އާދެ، ކާފަރުންނަށް މި މަންޒަރު ފެނުމުން އެބައި މީހުންނަށް ވާނެ ގޮތް ބަޔާން ކުރައްވަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ (وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا) " އަދި ކާފަރުވީ މީހާ ބުނާނެއެވެ. އޭ! ސަހަރޯއެވެ. ތިމަންވެސް ވެއްޔަށް ވީނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ." އާދެ، މި ކާފަރު މީހާއަކީ ދުނިޔޭގެ ޙަޔާތުގައި ގިނަ ދުވަސްތަކެއް ދިރިއުޅުމަށް ނުހަނު ސަމާލުކަން ދިން މީހެކެވެ. ފައިސާ ޖަމާކޮށް ދުނިޔޭގެ ޙަޔާތުގައި ދިގު އުމުރެއް ލިބުމަށް ނުހަނު ބޭނުންވި މީހެކެވެ. އަދި ދުނިޔޭގައި އުޅުނުއިރު އެއްވެސް ވަރަކަށް މަރުވާން ބޭނުންވި މީހެއް ނޫން އޭނާއަކީ. އެހެން ނަމަވެސް ކަމުގެ ހަޤީގަތް ފެނުމުން، ދުނިޔޭގައި ދިރިހުރުމަށް އެހާ ފޯރިދެއްކި މި އިންސާނާ އެދުވަހުން އެދެމުން މިދަނީ ޖަނަވާރުންތައް ފަދައިން އޭނާވެސް ވެއްޔަށް ވެގެން ދާށެވެ. އަދި އެފަދަ ނިކަމެތި ގޮތަކަށް އޭނާގެ ނިމުންވެސް އަންނާށެވެ.
- ޝައިޚް މުޙައްމަދު ޣާލިބްގެ ދަރުސަކުން