ޔޫރަޕުގެ ޤައުމުތަކުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ހޯދައިދިނުމުގެ މަޝްވަރާތައް ދަނީ ކުރިއަށް: ޚާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ޔޫރަޕުގެ ޤައުމުތަކުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ހޯދައިދިނުމުގެ މަޝްވަރާތައް ދަނީ ކުރިއަށް: ޚާރިޖީ ވަޒީރު

ދިވެހި ރައްޔިތުންނަށް ޔޫރަޕުގެ ޤައުމުތަކަށް އެތެރެވުމުގައި ވިސާގެ ލުއިފަސޭހަކަން ހޯދައިދިނުމަށާއި، އޮން-އެރައިވަލް ވިސާ ނުވަތަ ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ބައިނަލްއަޤްވާމީ ފެންވަރުގައި މުހިންމު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިކަން ހާމަކުރެއްވީ، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގެ ތެރެއިން، އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު އިރުތިޝާމް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުފަތުރުގެ ފަސޭހަކަން ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ދިވެހި ޕާސްޕޯޓަކީ ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑު ޤަދަރަކާއި އިތުބާރެއް ހޯދާފައިވާ ޕާސްޕޯޓަކަށް ވުމާއެކު، ރައްޔިތުންނަށް ލިބެންޖެހޭ ލުއިތައް ހޯދައިދިނުމަށް ޑިޕްލޮމެޓިކް ފެންވަރުގައި މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޔޫރަޕުގެ ޤައުމުތަކަށް ދިވެހިން ކުރާ ދަތުރުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ގިނަ އަދަދެއްގެ ޔޫރަޕު ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށް ވާއިރު، ތަޢުލީމު ހާސިލުކުރުމަށާއި، ޗުއްޓީ ހޭދަކުރުމުގެ އިތުރުން ޢާއިލީ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިންވެސް އެ ޤައުމުތަކަށް ދަތުރުކުރާ ކަމަށެވެ. އެހެންކަމުން، ޝެންގެން ވިސާ ނެގުމުގައި ދިވެހިންނަށް މިހާރަށްވުރެ ފަސޭހަ މަގުތަކެއް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

މީގެކުރިން ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އެމްބަސީތަކަށް ގޮސްގެން ހޯދަންޖެހުނު ޝެންގެން ވިސާ، މިހާރު ރާއްޖޭގައި ހުންނަ ވީއެފްއެސް (VFS) ސެންޓަރު މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި ހިނގާ އަހަރުގެ ތެރޭގައިވެސް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ޔޫރަޕުގެ ވަކިވަކި ޤައުމުތަކާއެކު ރަސްމީ ބައްދަލުވުންތައް ބާއްވައި، ވިސާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެކި ޤައުމުތަކާއެކު ބާއްވާ ދެފަރާތުގެ ސިޔާސީ މަޝްވަރާތައް (ބައިލެޓަރަލް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް) ގެ ތެރެއިން، ދިވެހިންނަށް އެއާޕޯޓުން އޮން-އެރައިވަލް ވިސާ ލިބޭނެ ގޮތް ހެދުމަށާއި، ކުރިން ވިސާ ނަގަން ނުޖެހޭ ފަދަ ލުއި އެއްބަސްވުންތަކަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. ޚާރިޖީ ދާއިރާގެ މިފަދަ މަސައްކަތްތަކަކީ އަބަދު އާންމުންނަށް ފެންނަން ހުންނަ ކަންކަމަށް ނުވި ނަމަވެސް، އޭގެ އެދެވޭ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.

ޚާރިޖީ ދާއިރާ އަބަދުވެސް ދެމިއޮންނާނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް، ބޭރު ދުނިޔޭގައި ދިވެހި ރައްޔިތުންގެ ހައްޤުތަކާއި ކަރާމާތް ރައްކާތެރިކޮށްދިނުމުގައި ކަމަށް ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދިވެހިންނަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޤަދަރާއި އިޙްތިރާމް ލިބިގެންވާ ބައެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، ދަތުރުފަތުރު ކުރުމުގައި އެންމެ ފުރިހަމަ ލުއިފަސޭހަކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން