ގިރާވަރުފަޅުން 100 ހެކްޓަރު ހިއްކައިފި؛ ތިލަފުއްޓާއި ޔޫޓީއެފް ބުރިޖުން ގުޅައިލުމުގެ ޑިޒައިން މަސައްކަތް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 9ސ
ގިރާވަރުފަޅުން 100 ހެކްޓަރު ހިއްކައިފި؛ ތިލަފުއްޓާއި ޔޫޓީއެފް ބުރިޖުން ގުޅައިލުމުގެ ޑިޒައިން މަސައްކަތް ފަށަނީ

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ގިރާވަރުފަޅުން ހިއްކަމުންދާ ސަރަހައްދުގެ 100 ހެކްޓަރަށްވުރެ ބޮޑު ބައެއް މިހާރު ހިއްކައި ނިމިފައިވާ ކަމަށާއި، ތިލަފުއްޓާއި އުތުރު ތިލަފަޅު (ޔޫޓީއެފް) ބުރިޖުން ގުޅައިލުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ޑިޒައިން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުން ކުރި ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ ފޯރަމް" ގައެވެ. މި ފޯރަމުގައި އާންމު ރައްޔިތަކު ވަނީ ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރެވޭނެ ތާރީޚަކާއި، އެ ސަރަހައްދު ބުރިޖުން ގުޅައިލުމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ގޯތި ދޫކުރި ގިނަ ތަންތަނުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ހުރީ ނުފެށި ކަމަށެވެ. އެހެންނަމަވެސް، އިގުތިސާދީ އަދި މާލީ ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމެވީ އެ ބިންތައް އަވަހަށް ހިއްކައި، ރައްޔިތުންނަށް އެ ބިންތައް ކަށަވަރުކޮށްދިނުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުރީ ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ބިން ހިއްކާ ކުންފުންޏަށް ބަދަލުގެ ގޮތުގައި ހުޅުމާލެއާއި ތިލަފުށިން އަގުބޮޑު ބިންތަކެއް ލިބޭ ގޮތަށް ކަމަށްވާއިރު، އެއީ އެކި ބޭނުންތަކަށް ދައުލަތަށް ނުހަނު މުހިންމު ބިންތަކަކަށް ވާތީ މި ސަރުކާރުން އެ އުސޫލު ބަދަލުކުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ބިން ދިނުމުގެ ބަދަލުގައި އެމްއޭސީއެލް މެދުވެރިކޮށް ފައިސާ ދައްކައިގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް މި ސަރުކާރުން ހަމަޖެއްސިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރި މަސައްކަތުން ގުޅިފަޅާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން ނިމި، ގޯތިތައް ހަވާލުކުރުމުގެ މަރުހަލާ މިހާރު އޮތީ ނިމުމަކާ ގާތުގައި ކަމަށެވެ. އަދި ގިރާވަރުފަޅުން 100 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށްފަހު މަސައްކަތް ވަގުތީގޮތުން މަޑުޖެހުނީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށާއި، ނަމަވެސް މިހާރު އަލުން މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މާ ލަސްތަކެއް ނުވެ ބާކީ އޮތް ބައި ހިއްކައި ނިންމުމަށްފަހު، ސާވޭ ކުރުމުގެ ކަންކަން ފުރިހަމަކޮށް ރައްޔިތުންނާ ގޯތިތައް ހަވާލުކުރުން ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު ހިއްކާފައިވާ ސަރަހައްދުތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ވަށާފާރު ރޭނުން ފަދަ މަސައްކަތްތައް ކުރުމުގެ ހުއްދަ އެޗްޑީސީ މެދުވެރިކޮށް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

ބުރިޖުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، މިހާރު ކުރިއަށްދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖުގެ މަސައްކަތް ތިލަފުއްޓާ ހަމައަށް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް އެއްކޮށް ނިންމައިލުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އަދި ތިލަފުށިން ފެށިގެން އުތުރު ތިލަފަޅާ ހަމައަށް ބުރިޖު ދިގުދައްމައިލުމަށް ބޭނުންވާ ފީޒިބިލިޓީ ސްޓަޑީތައް މިހާރު ހަދައި ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބޭރުގެ ފަރާތްތަކުން ލޯނު ހޯދުމުގައި ހުރި ދަތިތަކާ ހުރެ މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހުރަސްތަކެއް ހުރި ނަމަވެސް، ލޯނު ހަމަޖެހެންވާއިރަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތައް ނިންމުމުގެ ގޮތުން، ބުރިޖު ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގެ ތެރޭގައި އެ ބުރިޖުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލުކޮށް ފެށުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެވެ.

މީގެއިތުރުން، ހިއްކާފައިވާ ބިންތަކުގައި ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ ޚިދުމަތް އަދި މަގު ހެދުމުގެ މަސައްކަތްތަކަކީ ބިން ހިއްކުމަށް ދިޔަ ޚަރަދަށްވުރެ އެތައް ގުނައެއް ބޮޑު، އަދި ދައުލަތުގެ ބަޖެޓުން އެއްފަހަރާ ދެއްކުމަށް ދަތި ބޮޑު ހޭދައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ހަމައެކަނި ގުޅިފަޅުގެ އެފަދަ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށްވެސް 400 މިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ދާނެ ކަމަށް ލަފާކުރެވޭތީ، އެ ފައިސާ ހޯދަން މަޑުކޮށްފިނަމަ ރައްޔިތުންނަށް ގޯތިތަކުގައި ވަޒަންވެރިވުން ލަސްވާނެތީ، މިހާރު ސަރުކާރުން ނިންމާފައިވަނީ އެމްޓީސީސީއާއި ޕަބްލިކް ވޯކްސް ގުޅިގެން އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވައިލެއްވީ، އެކި ގޮތްގޮތުން ހުރި ދަތިތަކަށް ހައްލު ހޯދައިގެން ވީހާވެސް އަވަހަކަށް އެ ބިންތަކުގައި ރައްޔިތުންނަށް އާބާދުވެ، ދިރިއުޅެވޭނެ ފަދަ އިންތިޒާމުތައް ފަހިކޮށްދިނުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

 

މިއަދު އޮންލައިން