ޚާރިޖީ ދާއިރާ އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޚާރިޖީ ދާއިރާ އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި: ވަޒީރު

ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާއަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޤައުމުގެ މަޞްލަޙަތު ދެމެހެއްޓުމުގައި ދެމިއޮންނާނެ ދާއިރާއެއް ކަމަށާއި، އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެ ދާއިރާގެ މުވައްޒަފުން މެދުކެނޑުމެއްނެތި 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ބޭއްވި "އަހާ ފޯރަމް" ގައި ބައިވެރިވެވަޑައިގެން، ފޯރަމް ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

އެ ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު އިރުތިޝާމް ވިދާޅުވީ، ޚާރިޖީ ދާއިރާއަކީ ޢާންމު ރައްޔިތުންނާ ވަކިން އަދި ދުރުގައި ހިނގާ ކަންތައްތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކަށް ހީވި ނަމަވެސް، އެއީ ޙަޤީޤަތެއް ނޫން ކަމަށެވެ. އެގޮތުން، ދިވެހި ޚާރިޖިއްޔާގެ މުވައްޒަފުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެ ތިބެ، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ލާބައަށްޓަކައި ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި ޚިދުމަތް ކުރަމުން އަންނަ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ޚާރިޖީ ދާއިރާއިން ކުރާ ހުރިހާ މަސައްކަތްތަކަކީ ޢާންމުންގެ ލޮލަށް ފެންނަން ހުންނަ ކަންކަމަށް ނުވި ނަމަވެސް، ދިވެހި ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ފަސޭހަތަކާއި ޙައްޤުތައް ހޯދައިދިނުމަށްޓަކައި ބައިނަލްއަޤްވާމީ އެކި ފެންވަރުގެ މުހިންމު ބައްދަލުވުންތަކާއި މަޝްވަރާތައް ކޮންމެ ދުވަހަކުވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.

"ޚާރިޖީ ދާއިރާ ދެމި އޮންނާނީ ޤައުމު ދިފާޢުކުރުމުގައި. ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި، އަދި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަކާލާތުކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި،" ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިފެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ދިވެހި ރައްޔިތުންނަށް ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ފަސޭހަކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، ބޭރު ދުނިޔޭގައި ރާއްޖޭގެ މަޞްލަޙަތު އެންމެ ފުރިހަމައަށް ހިމާޔަތްކުރުމަށް ޚާރިޖީ ވުޒާރާއިން އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން