އެފްރިކާ ބައްރުގެ 7 ޤައުމަކާއެކު ޚާރިޖީ ގުޅުން ޤާއިމުކުރުމުގެ މަޝްވަރާތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
އެފްރިކާ ބައްރުގެ 7 ޤައުމަކާއެކު ޚާރިޖީ ގުޅުން ޤާއިމުކުރުމުގެ މަޝްވަރާތައް ފަށައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާ އިތުރަށް ފުޅާކޮށް، ދުނިޔޭގެ އެކި ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ ސިޔާސަތުގެ ދަށުން، އެފްރިކާ ބައްރުގެ ހަތް ޤައުމަކާއެކު ސިޔާސީ ގުޅުން ޤާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ ސަރުކާރުގެ ވަޒީރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްކެވި ވާހަކަފުޅުގައެވެ.

ފޯރަމްގައި އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ދުނިޔޭގެ 187 ޤައުމަކާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށް، ދިވެހިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށްޓަކައި، މިހާތަނަށް ރަސްމީ ގުޅުމެއް ނެތް ޤައުމުތަކާއެކު ގުޅުން އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން، މިހާރު މަޝްވަރާތައް ހިނގަމުންދަނީ އެފްރިކާ ބައްރުގެ ހަތް ޤައުމަކާއެކު ގުޅުން ޤާއިމުކުރުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ދިވެހި ރައްޔިތުންނަށް ފައިދާއާއި ލުއިފަސޭހަކަން ހޯދައިދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ދިވެހިން ގިނައިން ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ޒިޔާރަތްކުރާ ޤައުމުތަކުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

މިގޮތުން، ސްރީލަންކާއާއި މެލޭޝިއާ ފަދަ ޤައުމުތަކުގައި ތިބޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދާދިފަހުން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި މުހިންމު ކަންތައްތަކަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޑިޕެންޑެންޓް ވިސާގެ ކަންކަމާއި، މެޑިސިން ކިޔަވާ ދަރިވަރުންނަށް ވިސާ ހޯދުމުގައި ހުރި ދަތިތަކަށް އެދެވޭ ޙައްލުތަކެއް ހޯދުމުގެ މަޝްވަރާތައް ހިމެނެއެވެ.

މީގެއިތުރުން، ފަތުރުވެރިކަމާއި ބައިނަލްއަޤްވާމީ ދަތުރުފަތުރާއި، ތިމާވެށީގެ ދާއިރާއިންނާއި، ރާއްޖެއަށް އިޤްތިޞާދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި ބޭރު ދުނިޔެއާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއްނެތި ކުރަމުން އަންނަކަމަށްވެސް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

މިއަދު އޮންލައިން