ސަރުކާރުގެ ސްކޫލްތައް އޭސީކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން، ކްލާސްރޫމްތައް އޭސީ ކުރުމުގެ ހުރިހާ މަސައްކަތެއް މިއަހަރުގެ ނިޔަލަށް މުޅިން ނިންމާލެވޭނެ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރިން ފެނަކައިން މި މަސައްކަތް ކުރިއަށް ގެންދިޔަނަމަވެސް، މިހާރު މި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ސްޓެލްކޯއާ ކަމަށެވެ. އަދި ސްޓެލްކޯއިން ދީފައިވާ ޔަޤީންކަމާ އެއްގޮތަށް، ދައުރު ނިމެން މަޑުކުރަން ނުޖެހި މިއަހަރު ނިމެންވާއިރަށް ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމާލެވޭނެ ކަމަށާއި، އަންނަ ދިރާސީ އަހަރު ހުރިހާ ކުދިންވެސް ކިޔަވާނީ ފިނި ކްލާސްރޫމްތަކުގައި ކަމަށް އެމަނިކުފާނު ޔަޤީންކޮށްދެއްވިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، ކްލާސްރޫމްތައް ހޫނުގަދަވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ދަތިތައް އަމިއްލަފުޅަށް ފެނިވަޑައިގެން، އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ނިންމެވި މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢު ތަންފީޒުކުރުމުގައި ބައެއް ރަށްރަށުގައި ކަރަންޓު ދަށްވުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެފަދަ 40 ސްކޫލެއްގައި ކަރަންޓު ނިޒާމު އަޕްގްރޭޑްކޮށްގެން ނަމަވެސް އެ މައްސަލަތައް ހައްލުކޮށް މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކްލާސްރޫމްތަކާއި ސްޓާފްރޫމްތައް އޭސީކުރުމަށްފަހު، ދެވަނަ ފިޔަވަހީގައި ސްކޫލް ހޯލްތައްވެސް އޭސީކުރުމަށް ވަނީ ހަމަޖެހިފައެވެ.