ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގެ ކޭސް ނަންބަރު 28 ގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ޚާއްޞަ ކޮމިޝަނަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، އެ ކޮމިޝަން އަލުން އެކުލަވާލައްވައިފިއެވެ.
މި ކޮމިޝަނަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ، ކޮމިޝަނުގެ ރައީސްގެ މަގާމަށް ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު އައްޔަންކުރެއްވުމެވެ. މި މަގާމުގައި ކުރިން ހުންނެވީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރެވެ. މީގެ އިތުރުން ވެސް ކޮމިޝަނުގެ ކުރީގެ މެންބަރުންގެ ތެރެއަށް ބަދަލުތަކެއް ގެންނަވައި، އިތުރު ދެ ބޭފުޅަކު މިހާރު ވަނީ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރައްވާފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އިއުލާންކުރެއްވި މި ކޮމިޝަނަކީ، ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކުން ދައްކާގޮތުގައި، ކަނޑުގެ އިމުގެ މައްސަލައިގައި ކުރީ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލި، މަސްވެރިކަމަށާއި ކަނޑުއަޑީގެ މުއްސަނދިކަމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އުފެއްދެވި ކޮމިޝަނެކެވެ.
މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ފުންކޮށް ދިރާސާކޮށް، ދައުލަތަށް ލިބުނު ގެއްލުންތަކާއި އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަނެ، އެކަން ފުރިހަމައަށް ތަހުގީގުކުރުމެވެ.