މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިންފުލުއެންޒާއާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، އާންމުން އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވުމާއެކު، ވައިރަސްތަކާއި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. ޚާއްސަކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގޯތިގެދޮރާއި އާންމު ސަރަހައްދުތަކުގައި ފެން ހެދި، ޑެންގީ ހުމާއި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ އެޑިސް މަދިރި އާލާވުން އިތުރުވަމުންދާކަމަށް އެ އިދާރާއިން ބުނެއެވެ.
ޑެންގީ ހުމުގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއެކު ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި މަސްތަކާއި ހުޅުތަކުގައި ވޭންއެޅުން ހިމެނެއެވެ. އެހެންކަމުން މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމާއި، ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމުގެ އިތުރުން މަދިރި ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.
ބައްޔެއްގެ އަލާމާތެއް ފެނިއްޖެނަމަ ގޭގައި އަރާމުކުރުމަށާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. ނަމަވެސް 3 ދުވަހަށްވުރެ ގިނަ ދުވަހު ހުން މަޑުނުވުމާއި، މާބޮޑަށް ވަރުދެރަވެ ވާގިނެތުން، ނުވަތަ ކާތަކެތި ނުހިފެހެއްޓުން ފަދަ ނުރައްކާތެރި އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވަނީ އަންގާފައެވެ.
މީގެއިތުރުން، 5 އަހަރުން ދަށުގެ ކުޑަކުދިންނާއި ވަކިން ޚާއްސަކޮށް 2 އަހަރުން ދަށުގެ ކުދިންނަށް އިންފުލުއެންޒާ ޖެހުމުން ހާލަތު ސީރިއަސްވުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އެހެންކަމުން ރޯގާ ޖެހިފައިވާ ކުދިން މާބޮޑަށް ވަރުބަލިވުމާއި، 6 ނުވަތަ 8 ގަޑިއިރު ވަންދެން ކުޑަކަމު ނުދެވި ދިއުން އަދި ގާތުން ކިރު ނުބޯނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.