ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާ ގަވާއިދުން ނުދައްކާ އަދި ޓެކްސް ބަޔާން ހުށަހަނާޅާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ އުސޫލުގެ ދަށުން، އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ފައިސާ ނުދައްކާވާ 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.
މީރާއިން އާންމުކުރި ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި، 2024 ޑިސެންބަރުން ފެށިގެން 2026 ޖޫންގެ ނިޔަލަށް އާންމު ދާއިރާގެ ޖީއެސްޓީ (GST) ގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދައްކަންޖެހި، އެ ފައިސާ ޚަލާޞްކޮށްފައިނުވާ ފަރާތްތަކެވެ. މި ފަރާތްތަކުގެ ތަފުސީލީ މައުލޫމާތުތައް މިހާރު ވަނީ މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
މި ފިޔަވަޅާ ގުޅޭގޮތުން މީރާއިން ބުނީ، މިފަދަ ފަރާތްތަކުގެ ނަންތައް އާންމުކުރުމުގެ ކުރިން، ޤާނޫނުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކަށް ފޯނުން ގުޅައި ޤާނޫނީ ގޮތުން އަޅާނެ ފިޔަވަޅުތަކާއި، ދެވޭނެ އަދަބުތަކުގެ އިތުރުން ލިބިދެވޭ އިންޒާރުތަކުގެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އޭގެ އިތުރުން އެސްއެމްއެސް (SMS) މެދުވެރިކޮށްވެސް އެ ފަރާތްތަކަށް އެކަން ރަސްމީކޮށް އަންގާފައިވާނެ ކަމަށް އެ މުވައްސަސާއިން ފާހަގަކުރެއެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާއިން އެކުލަވާލާފައިވާ އެންފޯސްމަންޓް ޕޮލިސީގެ ދަށުން، މިފަދަ ފަރާތްތަކާ މެދު އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނީ އިތުރު ފިޔަވަޅުތައް މެދުނުކެނޑި އަޅަމުން ގެންދާނެ ކަމަށްވެސް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.