ދައުލަތުގެ މާލިއްޔަތު ޤަވާއިދާ ޚިލާފަށް ތަކެތި ހޯދި މައްސަލާގައި އޭއީއެޗްގެ ޕްރޮކިއުމަންޓާއި ބިޑް ކޮމިޓީގެ މެންބަރުންނަށް ދައުވާކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދައުލަތުގެ މާލިއްޔަތު ޤަވާއިދާ ޚިލާފަށް ތަކެތި ހޯދި މައްސަލާގައި އޭއީއެޗްގެ ޕްރޮކިއުމަންޓާއި ބިޑް ކޮމިޓީގެ މެންބަރުންނަށް ދައުވާކުރަނީ

މާކެޓުގައި ލިބެންހުރި އަގަށްވުރެ ބޮޑު އަގުގައި ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމްތަކެއް ހޯދުމުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އިސް 4 މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ނޮވެންބަރު 10 ވަނަ ދުވަހު އޭސީސީން މިގޮތަށް ނިންމާފައިވަނީ، އޭއީއެޗަށާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް 4 މަސް ދުވަހަށް ބޭނުންވާ ލެބޯޓަރީ ސާމާނު ހޯދުމަށް 2025 ވަނަ އަހަރު ކުރި އިޢުލާނަކާ ގުޅިގެން ހިންގި ތަޙުޤީޤަށް ފަހުގައެވެ. އެ އިޢުލާނުގެ ދަށުން 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދަން ހުޅުވާލުމުން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ. ނަމަވެސް އެ ފަރާތުން ހުށަހެޅީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި، ދައުލަތުގެ މާލިއްޔަތު ޤަވާއިދާ ޚިލާފަށް އެ ތަކެތި ގަނެފައިވާކަން އޭސީސީގެ ތަޙުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވާ ފަރާތްތަކަކީ:

- މުޙައްމަދު ޞާއިން އަޙްމަދު – ޕްރޮކިއުމަންޓް އޮފިސަރ / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި

- ޢަޡީމް ލަޠީފް – ސީނިއަރ ހެލްތުކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ / ބިޑު ކޮމިޓީގެ ޗެއަރޕާސަން

- ޢަބްދުﷲ ވަޙީދު – ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ / ބިޑު ކޮމިޓީގެ މެންބަރު

- ޑރ. ފާތިމަތު އަމާނީ ނަސީރު – ޕީޑިއެޓްރީޝަން / ބިޑު ކޮމިޓީގެ މެންބަރު

މި މުވައްޒަފުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން "ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ" އާއި، 517 ވަނަ މާއްދާގެ (ހ) ގެ ދަށުން "ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާ" އެވެ.

މީގެ އިތުރުން، މި މުޢާމަލާތުގެ ސަބަބުން ދައުލަތަށް ގެއްލުންވި ފައިސާގެ ޢަދަދު ހިސާބުކޮށް، އެ ފައިސާ އެ މުވައްޒަފުންގެ އަތުން އަނބުރާ ހޯދުމުގެ އިދާރީ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން