ޢާއިޝަތު ރަފާޙް ޢަލީ
ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މި ޙަދީޘްފުޅުގައި މުހިންމު ކަމެއްގެ އިޝާރާތެއް އެކުލެވިގެންވެއެވެ.
ފުރަތަމަ ކަމަކީ، ﷲ ތަޢާލާއަށް ޝުކުރު އަދާކުރުމުގެ ތެރޭގައި މީސްތަކުންނަށް ޝުކުރު އަދާކުރުން ހިމެނޭ ކަމެވެ. ސަބަބަކީ އިންސާނާ ﷲ ތަޢާލާއަށް ޝުކުރު އަދާކުރަން ބޭނުންވާނަމަ، އެންމެ ފުރަތަމަ އޭނާއަށް ލިބިފައިވާ ނިޢުމަތް ހަނދާނަށް ގެންނަންޖެހެއެވެ. އެހެންކަމުން މީހަކަށް ނިޢުމަތެއް ލިބި، އެ ނިޢުމަތަކީ ސީދާ ﷲ ތަޢާލާ ދެއްވެވި ނިޢުމަތެއްކަން އެނގުމުން، އެ ނިޢުމަތް ﷲ ތަޢާލާއަށް ނިސްބަތްކޮށް، އެ ނިޢުމަތް އޭނާއާ ހަމައަށް ފޯރުކޮށްދިނުމުގެ މެދުވެރިއަކަށްވި މީހުންނަށް ޝުކުރު އަދާކުރެއެވެ. އަދި މިއީ ނިޢުމަތް ހަނދާންކުރުމުގެ ތެރެއިންވާ ކަމެކެވެ.
ދެވަނަ ކަމަކީ، ނިޢުމަތް ހަނދާންކުރުމަށްފަހު، ﷲ ތަޢާލާއަށް ޝުކުރު އަދާކުރުމުގައި އެކަލާނގެއަށް ކިޔަމަންގަތުމާއި އަޒުމް ކަނޑައެޅުން އޮންނަންޖެހޭނެއެވެ. މުއުމިނަކު ﷲ ތަޢާލާއަށް ޝުކުރު އަދާކުރާއިރު، އޭނާއަށް އެ ލިބުނު ނިޢުމަތުގެ މުހިންމުކަމާއި، އޭގެ ބޭނުންތެރިކަން އަދި އެއަށް އޭނާ ބޭނުންވެފައިވާ މިންވަރު ކަށަވަރުވެ އެނގޭނަމަ، އޭނާގެ ޝުކުރުވެރިކަން ވެގެންދާނީ އޭނާގެ ހިތުގެ އަޑިން ނުކުންނަ ކަމަކަށެވެ. އަދި ދުޢާކުރާ މީހެކޭ އެއްފަދައިން، ކުރިއަށްވުރެ ބޮޑަށް އޭނާ ޝުކުރުވެރިވާނެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިން، ނިކަމެތިވެ މަޖުބޫރުވެފައިވާ މީހާ ދުޢާކުރުމުން އެ ދުޢާ އިޖާބަ ނުކުރައްވަނީ ހެއްޔެވެ؟ ނުވަތަ އޭނާ ގޮވައިލުމުން އިޖާބަ ނުކުރައްވަނީ ހެއްޔެވެ؟
ތިމަންކަލޭގެފާނު ވިދާޅުވަނީ، ޝުކުރުވެރިވާ މީހާގެ ހާލަކީވެސް މިއީއެވެ. ލިބެން އޮތް ނިޢުމަތަކުން މަޙްރޫމްވެ، އެއަށް ބޭނުންޖެހިފައިވަނިކޮށް އެ ނިޢުމަތް ލިބުނު މީހާ ޝުކުރުވެރިވާ ގޮތާއި، ނިޢުމަތް ގެއްލިގެންނުގޮސް އަބަދުވެސް ލިބިފައިވާ މީހާ ޝުކުރުވެރިވާ ގޮތް ތަފާތުވާނެއެވެ.
ކީރިތި ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވަނީ އެހެންވެގެންނެވެ: ޖާހިލިއްޔަތުކަން ނުދަންނަ (ނުވަތަ ނަބިއްޔާ ﷺ ބަޔާންކުރެއްވި ކަންކަމުން އެއްކިބާވާ) މީހުންގެ ފަރާތުން ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަމެވެ. ސަބަބަކީ އީމާންކަމާއި ތައުޙީދުގެ ނިޢުމަތް ގެއްލުމުގެ ނުރައްކާތެރިކަން އެމީހުންނަށް ނޭނގޭތީއެވެ.
އެހެންކަމުން، މި ދެވަނަ ކަމުގެ ސަބަބުން، އިންސާނާއަށް އެ ނިޢުމަތުގެ އަގު ވަޒަންކުރެވޭނަމަ، އެ ނިޢުމަތް ލިބުމުގެ މެދުވެރިއަކަށްވި ކޮންމެ މީހަކަށް އޭނާ ޝުކުރު އަދާކުރާނެއެވެ.
- ޝައިޚް ޢަބްދުއްސަލާމް އަލްޝުވައިޢިރު
- މިއަދުނޫސް