ޢިބްރަތްތެރި ވާހަކަ-: މަންމަ ދެއްކި ކުއްޖާއާ ކައިވެނި ނުކުރީތީ ދަރިފުޅުގެ އުފާވެރި ދިރިއުޅުން ހަލާކުކުރަން މަސައްކަތްކުރި މަންމައަކަށް ލިބުނު ބޮޑު ދެރައިގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޢިބްރަތްތެރި ވާހަކަ-: މަންމަ ދެއްކި ކުއްޖާއާ ކައިވެނި ނުކުރީތީ ދަރިފުޅުގެ އުފާވެރި ދިރިއުޅުން ހަލާކުކުރަން މަސައްކަތްކުރި މަންމައަކަށް ލިބުނު ބޮޑު ދެރައިގެ ވާހަކަ-

އެއީ ޒުވާން ދެމަފިރިންނެވެ. ދިރިއުޅެނީ ހުޅުމާލޭގައެވެ. ދެމަފިރިންވެސް ވަޒިފާއަދާކުރެއެވެ. ރަނގަޅު އާމްދަނީއެއް ލިބެއެވެ. އުޅެނީވެސް ވަރަށް ލޯބިންނެވެ.  

އެއީ ޢީދު ބަންދެކެވެ. މާލޭގައި ދިރިއުޅޭ މަންމަ އޭނާގެ 19 އަހަރުގެ އަންހެންދަރިފުޅު ގޮވައިގެން ދަރިފުޅުގެ ގާތުގައި އިނދެލަން ހުޅުމާލެއަށް ދިއުމުން ދެމަފިރިންވެސް މަރުޙަބާކިޔެވެ. ވަރަށް ހެޔޮކޮށްހިތައި ކަންކަންވެސް ކޮށްދިނެވެ.  

ދެމަފިރިން ލޯބިން އުޅޭތަން ފެނުމުން އުފާކުރުމުގެ ބަދަލުގައި މަންމަގެ ހިތުގައި އުފެދުނީ ޙަސަދަވެރިކަމެވެ. އެއީ ދަރިފުޅު ކައިވެނިކުރަން މަންމަ ދެއްކި ކުއްޖާއާއި ކައިވެނިނުކުރީތީއެވެ.  

އެއްދުވަހު ފިރިމީހާއަށް އައުދެވުނުއިރު އުޅެނީ ބޮޑު މައްސަލައެއް ކުރިމަތިވެގެންނެވެ. މަނަމަ އޮތީ ސޯފާގައި ރޯށެވެ. ވީގޮތަކާއިމެދު ސުވާލުކޮށްލުމުން ކޮއްކޮ ބުނީ ފަހަރި މަންމަ ކޮއްޕާލުމުން މަންމަ ވެއްޓި އުނގަނޑަށް ތަދުވީކަމަށެވެ. ފިރިމީހާ އަނބިމީހާއަށް ވަރަށް ބާރަށް ގޮވާލުމުން ކޮޓަރިން ނުކުމެގެން އައިސް ހުއްޓޭއިރަށް ފިރިމީހާއަށް އުޅެވުނީ އަތްއިސްކުރެވޭށެވެ.  

އަނބިމީހާ ދުރަށްޖެހިލާފައި ވެގެންއުޅޭގޮތަކާއިމެދު ސުވާލުކުރުމުން ފިރިމީހާ ބުނީ މަންމަ ވައްޓާލައިފައި ނުއެނގޭކަމަށް ހަދަނީ ކަމަށެވެ. އަނބިމީހާ ބުނީ މަންމަ ވެއްޓުނުކަން އޭނާއަށް ނުވެސް އެނގޭ ކަމަށެވެ. ވެގެން އުޅޭ ގޮތަށް ކެމެރާގެ ފުޓޭޖުން ބަލައިލިމާ ރަނގަޅުވާނެކަމަށެވެ.  

މަންމަ ބުނީ މިއީ ކެމެރާފުޓޭޖްބަލާވަރުގެ ކަމެއް ނޫންކަމަށެވެ. އެހެން ބުނުމުން މަންމައާއިމެދު ޝައްކުކުރެވި ފުޓޭޖް ބެލިއިރު މިއީ އަންހެންދަރިފުޅާއި މަންމަ ކުޅެގެންއުޅޭ ޑްރާމާއެކެވެ. މަންމަ ނުވެސް ވެއްޓެއެވެ. އޮށޯވެލައިގެން އޮތީއެވެ. ޑްރާމާ ޖެއްސީ ދަރިފުޅު އައިސް ދޮރުހުޅުވި އަޑުއިވުމުންނެވެ. އެކަން ބޭޒާރުވުމުން އަނބިމީހާ ބަހެއްވެސް ނުބުނެ ގޮސް ކޮޓަރިއަށްވަނީއެވެ. 

އިރުކޮޅަކުން ފިރިމީހާ ގޮސް ކޮޓަރިއަށްވަދެ ވަރަށް ދެރަވެ އަނބިމީހާގެ ކިބައިން މާފަށް އެދުނެވެ. ބުނީ މަންމަ އެވަރުގެ ބޮޑު ދޮގެއް ހަދައިފާނެކަމަށް ނުވިސްނި ރުޅިއާދެވުނީކަމަށާއި ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އަނބިމީހާ ފިރިމީހާއަށް މާފުކުރިއެވެ.  

ކުރެވުނު ކަންތަކަށްވީ ދެރައިން މަންމަ ބުނެވެސް ނުލައި އެނބުރި މާލެދިއައީއެވެ. މަންމަ ވަރަށް ދެރަވިއެވެ. އެއީ އެހާރަނގަޅު ޅީދަރިފުޅަކާއިމެދު ކަންތައްކުރެވުނު ގޮތުންނެވެ. އަލުން ކުރިމަތިލާންވެސް ލަދުގަންނަންޖެހޭވަރުގެ ކަމެއް ކުރެވުނީތީއެވެ.  

އެފްލެޓުގައި ދޮރުން ބޭރުގައާއި ސިޓިންގރޫމްގައި ކެމެރާހަރުކުރީ އެޢިމާރާތުގެ ދެފްލެޓަކުން ވައްކަންކުރީމާ ރައްކައުތެރިކަމަށެވެ. އެކަންކުރެވުނުކަން ވެގެންދިއައީ ދެމަފިރިންގެ ދިރިއުޅުން ސަލާމަތްކުރެވުނު ސަބަބަކަށެވެ.  

އަޅުގަނޑު ބުނެލަން ބޭނުންވަނީ ލޯބިން ދިރިއުޅޭ ދެމަފިރިންގެ ދެމެދުގައި ފިތުނަ އުފައްދަން އެކަކުވެސް މަސައްކަތްނުކުރާށެވެ! ޚާއްޞަކޮށް މައިންނަކީ ދަރިންގެ ދިރިއުޅުން އުފާވެރިކޮށްދޭން މަސައްކަތްކުރަންޖެހޭނެ ބައަކަށްވާއިރު ދަރިންގެ ދިރިއުޅުން ހަލާކުރަން ކަންކަންކުރަން ހެޔޮނުވާނެއެވެ.

 

- ޝަމްސް / މިއަދުނޫހުގެ ކިޔުންތެރިއެއް   

މިއަދު އޮންލައިން