މިއީ ގިނަ ބައަކަށް ނުވިސްނޭ ކަމެއް! ތިމާ ނޫން އެހެން މީހަކަށް ބޭނުންނުވާ ބައިވެރިންގެ ސިފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
މިއީ ގިނަ ބައަކަށް ނުވިސްނޭ ކަމެއް! ތިމާ ނޫން އެހެން މީހަކަށް ބޭނުންނުވާ ބައިވެރިންގެ ސިފައެއް!

މިއީ ދައްކަން އެހައި ފަސޭހަ ވާހަކައެއްވެސް ނޫނެވެ. ގިނަ ބައަކު ވިސްނާނީ އޮންނަ އެންމެ ނުބައި ގޮތަށްކަމަށްވާތީއެވެ. ނަމަވެސް ދެމަފިރިންގެ ގުޅުން ދެމެހެއްޓުމަށް ކުރިމަތިވާ ބޮޑު ހުރަހަކަށްވާތީ މިވާހަކަ ދައްކަން އެބަޖެހެއެވެ. ކައިވެނި ރޫޅުމުން ސަލާމަތްކުރެވެން އޮތީ މި ޙަޤީޤަތްތައް އެނގިގެންކަމަށްވާތީއެވެ.  

މިހާރަކަށް އައިސް ވަރަށް ގިނައިން އިވޭ އެއް ޝަކުވާއަކީ ބައިވެރިޔާ އަނެކާގެ ކިބައިން ބޭނުންވާވަރު ގިނަވުމެވެ. ރަނގަޅެވެ. ކޮންމެ ކަމަކަށްވެސް ރަނގަޅު މިންވަރެއް އޮންނަންވާނެއެވެ. ވީމާ އެކަމަށް ދެމަފިރިން ވާހަކަ ދައްކައި ޙައްލުހޯދަންވާނެއެވެ.  

އަހުރެން މިބުނަނީ އެކަން ޝަކުވާއަކަށް ނުހެދުމަށެވެ. ސަބަބަކީ ބައިވެރިޔާ އަނެކާގެ ކިބައިން އެދޭނީ ހިލޭ މީހަކާއެކު އެއްވެސް ގުޅުމެއް ހިންގަން ބޭނުންނުވާތީއެވެ. ހަމައެކަނި ބައިވެރިޔާ އާއި އެކަނި އެގުޅުން ބާއްވަން ބޭނުންވާތީއެވެ. މިއަދު ލިބުން އެންމެ އުނދަގޫވެގެން މިއުޅެނީ އެފަދަ ބައިވެރިންނެވެ.  

މިޒަމާނުގައި ފޯނާއި އިންޓަރނެޓްގެ ސަބަބުން އެމީހަކު ކުރަން ބޭނުންވާ ކޮންމެ ކަމެއް މިއޮތީ ވަރަށް ފަސޭހަވެފައެވެ. އަދި ކޮންމެ ދިމާއަކުންވެސް ކަންކަން އޮތީ ވަރަށް ފަސޭހަވެފައެވެ. އެހެންކަމާއިއެކުވެސް އެފަސޭހަ ގޮތް ދޫކޮށް ބައިވެރިޔާ އާއިއެކު އެކަނި ހުރިހާ ގުޅުމެއް ބާއްވަން ބޭނުންވާ ބައިވެރިއަކު ލިބިއްޖެނަމަ އޮތީ އެކަމަށް ޝުކުރުވެރިވުމެވެ.  

އަހުރެންނަށް މީހަކު ޙިއްޞާކުރި ވާހަކައެއްވެސް ބުނެލާނަމެވެ. މިފަދަ މައްސަލައެއްގައި ވަރިވާން ބޭނުންވެގެން އަންހެނަކު ކޯޓަށް ދިއައެވެ. ފަނޑިޔާރަކަށް އިނީ އަންހެނެކެވެ. އަނބިމީހާގެ ޝަކުވާތައް އަޑުއަހައި ނިންމައިލުމާއިއެކު ކައިވެނި ރޫޅާލައިދިނެވެ. ދެމފިރިން އެކުގައި ކޯޓުން ނުކުންނަން ހިނގައިގަތްތަނާ ފިރިމީހާއަށް ގޮވާލާފައި އަތަށް ކަރުދާސްކޮޅެއް ލައިދިނެވެ. ބޭރަށް ނުކުމެ ދެމަފިރިން އެކުގައި ތިބެގެން ކަރުދާސްކޮޅު ބަލައިލިއިރު އޮތީ ފަނޑިޔާރުގެ ފޯނުނަންބަރެވެ.  

މިވީ ކިހިނަކުން ހެއްޔެވެ؟ މިހެދުނީ ބޮޑު ގޯހެއްކަން ވިސްނުމުން ދެމަފިރިން ގެއަށްދިއައީ ކައިވެނި ރުޖޫޢަކޮށްގެންނެވެ. އަހުރެން އުންމީދުކުރަނީ އަހުރެން މިދިން ނަޞީޙަތުން ފައިދާއެއް ކުރާނެ ކަމަށެވެ.

 

- ޔަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން