ހދ. މަކުނުދޫ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމަށް ރަށުން ބޭރަށް ދާންޖެހޭ ދިއުމަށް ނިމުމެއް ގެނެސް، ރަށުގައި ތިބެގެން ފުރިހަމަ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މުހިންމު މަސައްކަތްތަކެއް އެ ރަށުގައި ފަށައިފިއެވެ. އެ އަތޮޅުގެ އެހެން ރަށްރަށާ ވަކިން އެކަހެރިކޮށް އޮންނަ މަކުނުދޫގެ ރައްޔިތުންނަށް، ޚާއްސަކޮށް ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި ސިއްހީ ފަރުވާއަށް ފުރައިގެން ދިއުމަކީ އަބަދުވެސް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ރަށުގައި ތިބެގެން ބޭނުންވާ ޒަރޫރީ ސިއްހީ ޚިދުމަތްތައް ފުރިހަމައަށް ލިބޭނެ ގޮތް ހެދުމަކީ ރައްޔިތުންގެ ބޮޑު އެދުމަކަށް ވާއިރު، އެ ރަށު ސިއްހީ މަރުކަޒުގައި އައު ޚިދުމަތްތައް ފެށުމަށްޓަކައި ޖާގަ އިތުރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.
މަކުނުދޫ ސިއްހީ މަރުކަޒަކީ ޖާގައިގެ ދަތިކަން ހުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އެ މަރުކަޒުން މިހާރުވެސް އާންމު ބަލިތަކުގެ އިތުރުން ޚާއްސަ ބަލިތަކުގެ ފަރުވާ އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކާއި، އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް އެ މަރުކަޒުގައި ހިމެނެއެވެ.
މަކުނުދޫ ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހުސައިން ނިޒާމް ވިދާޅުވީ، ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އަޅަމުންދާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިމުމާއެކު، ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެކްސްރޭ އަދި އަލްޓްރާސައުންޑް ސްކޭންގެ ޚިދުމަތް އެ މަރުކަޒުގައި ފެށިގެންދާނެ ކަމަށެވެ.
މި އައު ޚިދުމަތްތަކާއެކު، އާދައިގެ ޓެސްޓުތަކަށާއި ސްކޭން ކުރުމަށް ކަނޑު ހުރަސްކޮށް އެހެން ރަށްރަށަށް ދަތުރުކުރަންޖެހޭ ޖެހުމަށް ބޮޑު ލުޔެއް ލިބި، ސިއްހީ ކަންކަމުގައި ރައްޔިތުން އުފުލަންޖެހޭ މާލީ އަދި ޖިސްމާނީ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.