ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 (COP31) ބައްދަލުވުމުގެ ހަވާސާގައި ބޭއްވި "އަންތާލިޔާ ލީޑާސް ސަމިޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ލީޑަރުންނާއި ވެރިން ބައިވެރިވެވަޑައިގަންނަވާ މި މަތީ ފަންތީގެ ސަމިޓަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި އަދި ޢަމަލީ ޙައްލުތަކެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އިންތިޒާމުކޮށްފައިވާ ބައްދަލުވުމެކެވެ.
މި ސަމިޓުގެ ތެރެއިން، ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މީގެއިތުރުން، އެކި ޤައުމުތަކުގެ ވެރިންނާ އެކު ދޭދޭ ބައްދަލުވުންތައް ބާއްވަވައި، މޫސުމީ މައްސަލަތަކުގައި ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން އެމަނިކުފާނު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން ވެސް ސަމިޓުގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.