މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މައްޗަށް އޮތް ޒިންމާތައް ފުރިހަމަކޮށް، މާލީ ނިޒާމު ހަރުދަނާކުރުމާއެކު، ވަޢުދުތަކަކީ އަމަލީ، ނަތީޖާ ފެންނަ ކުރިއެރުންތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، ތަރޓީ ފަސްޓް ސެޝަން އޮފް ދަ ކޮންފަރަންސް އޮފް ދަ ޕަރޓީޒް ޓު ދަ ޔުނައިޓަޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-31)ގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުންނެވެ. މިމޭރުމުން، އެންމެން ގުޅިގެން މަސައްކަތްކުރުމަށް މައިގަނޑު ތިން ކަމެއް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެއީ މާލީ އެހީތެރިކަން، އިސްލާޙީ ބަދަލު އަދި ތަންފީޒުކުރުމެވެ.
މޫސުމީ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވީ، އެ ފައިސާއަކީ އިތުރު، ޔަޤީންކަން އޮތް އަދި ހިލޭ އެހީގެ މައްޗަށް ބިނާވެފައިވާ މާލީ އެހީތެރިކަމަކަށް ހެދުމަށެވެ. އަދި ގްރީން ކްލައިމެޓް ފަންޑަށް ފައިސާ އިތުރުކުރުމަށާއި، އެޑަޕްޓޭޝަން ފަންޑަށް އެކަށީގެންވާ މިންވަރަށް ފައިސާ ހަމަޖެއްސުމަށާއި، ލޮސް އެންޑް ޑެމޭޖް ފަންޑަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ނާޒުކު ޤައުމުތަކުން، އެ ޤައުމުތަކުގެ ހިއްސާ ކުޑަ، ކާރިސާއަކުން ސަލާމަތްވުމަށް ދަރަނިވެރިވުމަށް މަޖުބޫރުކުރުވައިގެން ނުވާނެއެވެ.
ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ ނާޒުކުކަން ރަނގަޅަށް ދެނެގަތުމަށްޓަކައި ބައިނަލްއަޤުވާމީ މާލީ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ ގޮތް އަލުން މުރާޖަޢާކުރަންޖެހޭ ކަމުގައެވެ. އަދި ވިލުންތެރިކަމަށް ކުރާ ހޭދައަކީ މާލީ ބުރައެއްގެ ބަދަލުގައި އެންމެންގެ މުސްތަޤުބަލަށް ކުރެވޭ ވުނަކުރުމެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމުގައި ވިދާޅުވިއެވެ.
މޫސުމީ ފިޔަވަޅުތަކާ ގުޅިގެން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ އަދި ބައިނަލްއަޤުވާމީ ގޮތުން ލިބެންހުރި މަދު ވަސީލަތްތައް ޙިކުމަތްތެރިކަމާއެކު ބޭނުންކޮށްގެން ކާބޯތަކެއްޗާއި، ހަކަތަ އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މޫސުމީ މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ 'ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ' ގްރީން ކްލައިމެޓް ފަންޑުން ދާދި ފަހުން އެކްރެޑިޓްކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއީ އޭޝިއާގެ ކުދި ޖަޒީރާ ޤައުމަކަށް މިފަދަ އެކްރެޑިޓޭޝަނެއް ލިބުނު ފުރަތަމަ ފަހަރެވެ. މި ކާމިޔާބީން ދައްކުވައިދެނީ މޫސުމީ މާލީ އެހީތެރިކަން ހޯދައި، އޭގެ ފައިދާ ފޯރުކޮށްދިނުމަށް ރާއްޖޭގެ މުއައްސަސާތައް ތައްޔާރުވެފައިވާ މިންވަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވަމުން، މޫސުމީ އަމާޒުތައް ނަތީޖާ ފެންނަނިވި ކުރިއެރުންތަކަކަށް ބަދަލުކުރުމަށްޓަކައި އެކަށީގެންވާ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ސިޔާސީ ސާބިތުކަމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް އެ ޤައުމުތަކުގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ބާރުދޭ ބައިނަލްއަޤުވާމީ ނިޒާމަކަށްވެސް އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ.
ބަޔާން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސާފާއި، ޒިންމާދާރުކަމާއި އަމަލީ މަސައްކަތްތަކަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަޤުވާމީ ޒިންމާތަކާއި ވަޢުދުތައް ފުއްދުމުގެ ތެރެއިން، މަލްޓިލެޓަރަލިޒަމްގެ ސަބަބުން މާނަހުރި ނަތީޖާތަކެއް ނެރެވިދާނެކަން ސާބިތުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކޮޕް-31 ގެ ބައިވެރިންނަށް ގޮވާލެއްވިއެވެ.