ޑިޖިޓަލް ޓްރާންސްފޮމޭޝަން: ޓްރޭޑިއަންގެ ދެވަނަ ފިޔަވަހިން ޚިދުމަތްތައް ފުޅާކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 30ސ
ޑިޖިޓަލް ޓްރާންސްފޮމޭޝަން: ޓްރޭޑިއަންގެ ދެވަނަ ފިޔަވަހިން ޚިދުމަތްތައް ފުޅާކުރަނީ

"ޓްރޭޑިއަން" ޕްލެޓްފޯމްގެ ދެވަނަ ފިޔަވަހީގައި ތަންފީޒުކުރުމަށް ރޭވިފައިވާ މަސައްކަތްތައްދަނީ ބާރަށް ކުރިއަށް ކަމަށް މައިންޑްކޯ އިން ހާމަކޮށްފިއެވެ.

މައިންޑްކޯ އިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާ "މޯލްޑިވްސް 2.0"ގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދެވޭ އިމްޕޯޓް އެކްސްޕޯޓް ގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް ޤާއިމުކުރެވޭ "ޓްރޭޑިއަން" ޕްލެޓްފޯމްގެ ދެވަނަ ފިޔަވަހީގައި ތަންފީޒުކުރުމަށް ރޭވިފައިވާ މަސައްކަތްތައްދަނީ ބާރަށް ކުރިއަށެވެ.

ފުރަތަމަ ފިޔަވަހީގެ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، ޓްރޭޑިއަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، އިތުރު ޚިދުމަތްތައް ޕްލެޓްފޯމަށް ތަޢާރަފުކޮށް ސަރުކާރުގެ ރެގިއުލޭޓަރީ އިދާރާތަކާއި ވިޔަފާރިތަކާ ދެމެދު އޮންނަ ގުޅުން ދަނީ މި މަޝްރޫޢުގެ ތެރެއިން އިތުރަށް ބަދަހިކުރެވެމުންނެވެ.

ބޯޑަރުގައި ފޯރުކޮށްދެވޭ ވިޔަފާރިއާ ގުޅޭ ރެގިއުލޭޓަރީ ޚިދުމަތްތަކަށް މަރުކަޒީ ޑިޖިޓަލް ދޮރާއްޓެއް ހުޅުވައިދިނުމަށް އެކުލަވާލެވުނު ޓްރޭޑިއަންގެ އަމާޒަކީ، އާންމުކޮށް ވަކިވަކި އައިޓީ ސިސްޓަމްތަކާއި މަރުޙަލާތަކުގެ ތެރެއިން ގިނަ އިދާރާތަކާ މުޢާމަލާތްކުރަންޖެހޭ ވިޔަފާރިތަކުގެ މަސައްކަތްތައް ލުއިފަސޭހަކޮށްދިނުމެވެ.

އެއް ޕްލެޓްފޯމަކުން މި ޚިދުމަތްތައް ފޯރުކޮށްދިނުމުން، އިދާރީ ތަކުލީފުތައް ކުޑަކުރެވި، ދެފުށް ފެންނަ މިންވަރު އިތުރުވެ، އިދާރާތަކުގެ ވިލަރެސްކުރުން ހަރުދަނާވެ، ރާއްޖޭގައި އިތުރަށް ހަލުވި އަދި ހަރުދަނާ ވިޔަފާރީގެ ވެއްޓެއް ޤާއިމުމަށް މަގުފަހިވެގެންދާނެއެވެ.

ފުރަތަމަ ފިޔަވަހީގެ ކުރިއެރުމުގެ މައްޗަށް ބިނާކުރުން

ޓްރޭޑިއަންގެ ފުރަތަމަ ފިޔަވަހީގައި ވަނީ ދިވެހިރާއްޖޭގެ ބޯޑަރުގައި ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެވޭ ވިޔަފާރިއާއި ގުޅޭ ރެގިއުލޭޓަރީ ޚިދުމަތްތަކުގެ ޑިޖިޓަލް ނިޒާމުގެ ބިންގާ އަޅައި، ކަނޑުމަގުން ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިލެކްޓްރޯނިކްކޮށް، ޝިޕިންގ އެޖެންޓުންނާއި، ފްރައިޓް ފޯވާޑަރުން އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކަށް މަރުކަޒީ ޕްލެޓްފޯމެއް މެދުވެރިކޮށް މުހިންމު ޚިދުމަތްތައް އެއްވިއުގައަކުން ހޯދުމުގެ މަގު ފަހިކޮށްދެވިފައެވެ.

ކަނޑުމަގުން ކުރެވޭ އިމްޕޯޓާއި ގުޅޭ މުހިއްމު ބައެއް ޚިދުމަތްތައް ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅުމަށް ސެޕްޓެމްބަރު 2025 ގައި ނިންމުނު ފަހުން، ރާއްޖެއަށް ކަނޑުމަގުން އަންނަ ބޯޓުފަހަރުތަކުގެ ޑިކްލަރޭޝަން އަދި ގުޅުންހުރި އިތުރު ރެގިއުލޭޓަރީ ހުއްދަތައް ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅުމަށް ޖޫން 2026 ގައި ޕްލެޓްފޯމްގެ ޚިދުމަތްތައްވަނީ ފުޅާކުރެވިފައެވެ.

މި ކުރިއެރުންތަކުގެ ސަބަބުން، ކަރުދާހާއި މެނުއަލްކޮށް ބޯޑަރުގައި ހަރަކާތްތެރިވާ އެތައް ރެގިއުލޭޓަރީ އިދާރާއެއް ކުރަމުން އައި މަސައްކަތްތައް އެއް ނިޒާމަކަށް ފައްތައި، ނަތީޖާއެއްގެ ގޮތުން އައި.އެމް.އޯ ފާލް (IMO FAL) ކޮންވެންޝަނަށް ރާއްޖެއިން ޢަމަލުކުރާ މިންވަރު ވަނީ އިތުރުކުރެވިފައެވެ.

މި ބިންގަލުގެ މައްޗަށް ބިނާކޮށް، ދެވަނަ ފިޔަވަހީގައި، ޓްރޭޑިއަންގެ ޚިދުމަތްތައް ވިޔަފާރިއަށް ފަހިކޮށްދޭ އެހެނިހެން ދާއިރާތަކަށް ފުޅާކުރުމަށް މަސައްކަތްތައްދަނީ ކުރެވެމުންނެވެ.

އޭގެ ތެރޭގައި ވައިގެ ދަތުރުފަތުރާ ގުޅުންހުރި ޚިދުމަތްތަކާއި، މުދަލުގެ ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހެޅުމުގެ މަރުޙަލާތަކާއި، އިތުރު ރެގިއުލޭޓަރީ ހުއްދަތައް ދޫކުރުން ޕްލެޓްފޯމްގެ ޒަރީޢާއިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

ޓްރޭޑިއަން ޕްލެޓްފޯމަށް ދެވަނަ ފިޔަވަހީގައި ގެނައުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާއެކު، ޑަބްލިޔު.ޓީ.އޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ފުރިހަމަ ނޭޝަނަލް ސިންގަލް ވިންޑޯ ނިޒާމެއްގެ ތެރެއިން ބޯޑަރުގައި ދެވޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއަށް މަގުފަހިވެގެންދާނެއެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުން

ޓްރޭޑިއަން ޕްލެޓްފޯމްގެ ދެވަނަ ފިޔަވަހީގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މިވަގުތު ހާސިލުކުރުމަށް އަމާޒުހިފާފައިވާ އެންމެ މުހިންމު ލަނޑުދަނޑިއަކީ ނޮވެމްބަރު 2026ގެ މެދުތެރޭގައި ތަޢާރަފުކުރުމަށް ރޭވިފައިވާ އޭވިއޭޝަނާ ގުޅުންހުރި ޚިދުމަތްތައް ޕްލެޓްފޯމް މެދުވެރިކޮށް ލިބޭނެގޮތް ހަމަޖެއްސުމެވެ.

މި ޚިދުމަތްތަކާއެކު، އެއާލައިންތަކަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިހާރު ލިޔެކިއުންތައް ހުށަހަޅާ ޗެނަލްތަކުގެ އިތުރުން ޓްރޭޑިއަން މެދުވެރިކޮށްވެސް އެޕްލިކޭޝަންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

ޓްރޭޑިއަން ފޭސް 2 ގެ ދަށުން އޭވިއޭޝަން ދާއިރާއަށް ހިނގަމުންދާ ނޮވެމްބަރު މަހުގެތެރޭ އަލަށް ތަޢާރަފުކުރާ 8 ޚިދުމަތަކީ:

1. ޝެޑިއުލްޑް ފްލައިޓްސް އޮތޮރައިޒޭޝަން (Scheduled Flights Authorisation)

2. އެޑް ހޮކް ޗާޓަރ ފްލައިޓްސް އޮތޮރައިޒޭޝަން (Ad Hoc Charter Flights Authorisation)

3. ފްލައިޓް ޝެޑިއުލް ހުށަހެޅުން (Flight Schedule Submission)

4. އެއާލައިން އެޖެންޓް ހަމަޖެއްސުން (Airline Agent Assignment)

5. ޝެޑިއުލްޑް ފްލައިޓްސް ލައިސަންސް އާކުރުން (Scheduled Flights Licence Renewal)

6. ޝެޑިއުލްޑް ފްލައިޓްސް ލައިސަންސް ބާޠިލުކުރުން (Scheduled Flights Licence Cancellation)

7. ފްލީޓް އަދާހަމަކުރުން (Fleet Update)

8. ފްލައިޓް ޝެޑިއުލް އަދާހަމަކުރުން (Flight Schedule Update)

މި ޚިދުމަތްތައް ތަޢާރަފުކުރުވުމުން ކަނޑުމަގުން ކުރެވޭ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ޚިދުމަތްދޭ ބައިވެރިން ޓްރޭޑިައން ޕްލެޓްފޯމްގެ ތެރެއަށް ގެނެވި، އިމްޕޯޓް އެކްސްޕޯޓްގެ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ ރެގިއުލޭޓަރީ އިދާރާތަކާއި ވިޔަފާރިތައް އެއް ވިއުގައަކުން ގުޅުވާލެވޭނެއެވެ.

އަދި ބޯޑަރުގައި ހިންގޭ ބައިނަލްއަޤްވާމީ ވިޔަފާރިއާއި ބެހޭ މުޢާމަލާތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ހިމެނޭ އެހެނިހެން ޚިދުމަތްތައްވެސް ފިޔަވަހިތަކަކަށް ބަހާލައިގެން ތަޢާރަފުކުރުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

އެގޮތުން ސިސްޓަމް ތަރައްޤީކުރުމާއި، ޓެސްޓުކުރުމާއި، ސިސްޓަމްގައި ބައިވެރިވާ ސަރުކާރުގެ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރގެ ކަމާގުޅޭ ފަރާތްތަކުން ޕްލެޓްފޯމް ބޭނުންކުރުމަށް ތައްޔާރުވެ އަހުލުވެރިވެފައިވާ މިންވަރު ވަޒަންކޮށް ބޯޑަރުގައި ފޯރުކޮށްދެވޭ ޚިދުމަތްތައް އެޕްލިކޭޝަން ހުށަހަޅާ މައި ޕްލެޓްފޯމްގެ ގޮތުގައި ޓްރޭޑިއަން ޕްލެޓްފޯމް ކަނޑައެޅުމަށް މަގުފަހިވެގެންދާނެއެވެ.

ޔޫޒަރ އެކްސެޕްޓެންސް ޓެސްޓިންގ (UAT) މެދުވެރިކޮށް ޕްލެޓްފޯމް ހަރުދަނާކުރުން

ޓްރޭޑިއަން ޕްލެޓްފޯމްްގެ ދެވަނަ ފިޔަވަހީގެ ޚިދުމަތްތައް ޕްލެޓްފޯމްގައި ލައިވްކުރުމުގެ ކުރިން ހެދުނު ޔޫޒަރ އެކްސެޕްޓެންސް ޓެސްޓިންގ (UAT) ތައްވަނީ ޕްލެޓްފޯމް ބޭނުންކުރުމުގައި ޝާމިލުވާ ބައިވެރިންގެ އިތުބާރު ޤާއިމުކުރުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. މި ޓެސްޓިންގތަކުގެ ސަބަބުން، ޚިދުމަތްތައް ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ކުރިން ޕްލެޓްފޯމް މަސައްކަތްކުރާ ގޮތް ވަޒަންކޮށް، ކަމާބެހޭ އިދާރާތަކަށާއި ދާއިރާގެ ބައިވެރިންނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ދެވަނަ ފިޔަވަހީގެ ދަށުން، ޖޫން އިން އޮކްޓޫބަރު 2026އާ ދެމެދު ޖުމްލަ 16 ޔޫ.އޭ.ޓީ ސެޝަނެއް ބާއްވާފައިވާއިރު، މި ސެޝަންތަކުގައި 243 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ސެޝަންތަކުގައި އޭވިއޭޝަނާ ގުޅުންހުރި ޚިދުމަތްތަކުގެ އިތުރުން ރެގިއުލޭޓަރީ ލައިސަންސްތަކާއި، ހުއްދަތަކާއި އަދި ސެޓްފިކެޓުތައް ހުށަހެޅުމުގެ ވަރކްފްލޯތައް ޕްލެޓްފޯމްގައި މަސައްކަތްކުރާގޮތް ވަނީ ކަވަރުކުރެވިފައެވެ.

އޭވިއޭޝަން ޚިދުމަތްތަކަށް ޚާއްސަކޮށްގެން، 16 އިން 30 ޖޫން 2026 އާ ދެމެދު 11 ޔޫ.އޭ.ޓީ ސެޝަނެއް ބޭއްވުނުއިރު، އެ ސެޝަންތަކުގައި 137 ބައިވެރިން ބައިވެރިވިއެވެ.

މި ސެޝަންތަކުން ލިބުނު ފީޑްބެކަށް ބިނާކޮށް، ދެވަނަ ބުރުގެ ސެޝަންތައް 11 އަދި 12 އޮކްޓޫބަރު 2026 ގައި ވަނީ ބާއްވާފައެވެ. މި ބުރުގައި އިތުރު 75 ބައިވެރިން ބައިވެރިވެފައިވާއިރު، ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ އެއާލައިން ރަޖިސްޓްރޭޝަނާއި އެއާލައިން ޝެޑިއުލިންގެ ޚިދުމަތުގެ ވަރކްފްލޯތައް ޓެސްޓްކުރުމަށެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސަސް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ރެގިއުލޭޓަރީ ޚިދުމަތްތަކަށް އަމާޒުކޮށްގެން އޮކްޓޫބަރު މަހު 3 ޔޫ.އޭ.ޓީ ސެޝަނެއް ބޭއްވިިއިރު ޖުމްލަ 31 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ޓެސްޓިންގ ޙަރަކާތްތަކަކީ ސިސްޓަމްގެ ފަންކްޝަންތަކާއި އޮޕަރޭޝަނަލް ވޯކްފްލޯތައް އިތުރަށް ފުރިހަމަކޮށް، ޚިދުމަތްތައް ތަޢާރަފުކުރުމުގެ ކުރިން ދާއިރާގެ ބައިވެރިންގެ ޚިޔާލުތަކާ އެއްގޮތަށް ކަންކަން ބައްޓަންކުރުމަށް އެހީތެރިވެދޭ މުހިންމު މަސައްކަތްތަކެކެވެ.

މި ޓެސްޓިންގތައް ނިމުމާއެކު، އިތުރު ޚިދުމަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ތަޢާރަފުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. މިއީ ޓްރޭޑިއަން ތަންފީޛުކުރުމުގެ ދެން އޮތް މަރުޙަލާ ފެށި، އިމްޕޯޓް އަދި އެކްސްޕޯޓްގެ ރެގިއުލޭޓަރީ ޚިދުމަތްތަކަށް ފުރިހަމައަށް ގުޅިލާމެހިފައިވާ ނޭޝަނަލް ސިންގަލް ވިންޑޯއެއް ޤާއިމުކުރުމުގެ ފުޅާ ތަޞައްވުރާ ގާތަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން