މަރްޔަމް ސާޖިދާ
ޒުވާން އުމުރަކީ އިންސާނާގެ މުޅި ދިރިއުޅުމުގެ މިޞްރާބު ކަނޑައެޅޭ އެންމެ މުހިންމު މަރުޙަލާއެވެ. ޚާއްޞަކޮށް އުމުރުން 25 އަހަރުން ދަށުގެ ޒުވާނުންނަކީ އާ ކަންކަން ތަޖުރިބާކޮށް، އަމިއްލަ ޝަޚުޞިއްޔަތު ބިނާކުރަމުންދާ ބައެކެވެ. މި މުހިންމު ދަނޑިވަޅުގައި، މަޝްހޫރު ދީނީ ޢިލްމުވެރިޔާ، މުފްތީ އިސްމާޢީލް މެންކް، ޒުވާނުންނަށް ދެއްވާ އެންމެ އަގުހުރި އެއް ނަސޭހަތަކީ، ތިބާގެ ދީނާއި އަޚުލާޤު ރައްކާތެރިކޮށްދޭނެ ފަދަ ހެޔޮލަފާ ރަޙުމަތްތެރިން އިޚްތިޔާރުކުރުމެވެ.
އިސްލާމްދީނުގައި ރަޙުމަތްތެރިން އިޚްތިޔާރުކުރުމަށް ދެއްވާފައިވާ އަހައްމިއްޔަތު ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން ވަރަށް ސާފުކޮށް އެނގެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. "މީހާ ވަނީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ފަހެ، ތިޔަބައިމީހުން ކުރެ ކޮންމެ މީހަކުވެސް އެމީހަކު އެކުވެރިކަން ބާއްވަނީ ކާކާތޯ ބަލާހުށިކަމެވެ." (އަބޫ ދާވޫދު އަދި ތިރުމިޛީ). މި ޙަދީޘްފުޅަށް ބާރުދެއްވަމުން މުފްތީ މެންކް ވިދާޅުވަނީ، ޒުވާން އުމުރުގައި ތިބާއަށް އަމިއްލަ ނަފްސަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ ރަނގަޅު އެކުވެރިންތަކެއް ޚިޔާރުކުރުން ކަމުގައެވެ.
ރަނގަޅު ރަޙުމަތްތެރިން ހޯދުމުގެ ކުރިން، އެންމެ ފުރަތަމަ ތިބާއަކީ އެހެން މީހުންނަށް ހުރި ރަނގަޅު ރަޙުމަތްތެރިއެއްތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހެއެވެ. ތިބާގެ ކިބައިގައި ރިވެތި އަޚުލާޤާއި، ނަމާދަށް ފަރުވާތެރިވުމާއި، ތެދުވެރިކަން ހުރިނަމަ، ތިބާއާ ގާތްވާނީވެސް އެފަދަ ހެޔޮލަފާ މީހުންނެވެ. ހަމައެއާއެކު، ތިބާ އުޅެނީ ރަނގަޅު ބަޔަކާއެކުތޯ ދެނެގަތުމަށް މުފްތީ މެންކް ވަރަށް ސާދާ މިންގަނޑެއް ބަޔާންކޮށްދެއްވައެވެ. އެއީ، ތިބާގެ ހެޔޮ އާދަތަކުގެ ސަބަބުން ތިބާގެ ރަޙުމަތްތެރިންގެ ކިބައިގައި ހުރި ނޭދެވޭ ސިފަތައް މަދުވެ، އެމީހުން ހެޔޮ ކަންކަމާ ދިމާއަށް އަންނަނަމަ، އެއީ ރަނގަޅު ގުޅުމެކެވެ. ނަމަވެސް، އެމީހުންގެ ނޭދެވޭ އާދަތަކުގެ އަސަރު ތިބާއަށް ކޮށް، ތިބާ ކުރަމުން އައި ހެޔޮ ކަންކަން މަދުވާން ފަށައިފިނަމަ، ތިބާ ތިހުރީ ނުރަނގަޅު ބަޔަކާއެކުގައެވެ.
މި ޙަޤީޤަތް ކީރިތި ރަސޫލާ ﷺ ސިފަކޮށްދެއްވާފައިވަނީ ވަރަށް ފުރިހަމަ މިސާލަކުންނެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ."ހެޔޮލަފާ އެކުވެރިޔާއާއި ނުބައި އެކުވެރިޔާގެ މިސާލަކީ އަތަރު ވިއްކާ މީހަކާއި ކަނބުރުވެރިއެއްގެ މިސާލެވެ. އަތަރު ވިއްކާ މީހާގެ ގާތުގައި އުޅޭނަމަ، އޭނާ ތިބާއަށް އަތަރުކޮޅެއް ދީފާނެއެވެ. ނުވަތަ ތިބާ އޭނާގެ އަތުން އަތަރު ގަނެފާނެއެވެ. ނުވަތަ އެންމެ ކުޑަމިނުން އޭނާގެ ގައިން ދުވާ މީރުވަސް ތިބާއަށް ލިބޭނެއެވެ. ނަމަވެސް ކަނބުރުވެރިޔާގެ ގާތުގައި އުޅޭނަމަ، އޭނާގެ އުނދުނުން ބުރައިގެންދާ އަލިފާންކަންޏަކުން ތިބާގެ ހެދުން އަނދައިގެން ހިނގައިދާނެއެވެ. ނުވަތަ އޭނާގެ ގައިން ދުވާ ނުބައި ވަސް ތިބާއަށް ލިބޭނެއެވެ." (ބުޚާރީ އަދި މުސްލިމް).
ޒުވާން އުމުރުގައި މަސްތުވާތަކެއްޗާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެހެނިހެން ފާޙިޝް ކަންކަމަށް އަރައިގަންނަ ގިނަ ކުދިންނަށް އެކަން ދިމާވަނީ ނުރަނގަޅު ރަޙުމަތްތެރިންގެ ސަބަބުންނެވެ. އެންމެ ނުރަނގަޅު އެކުވެރިއެއްގެ ސަބަބުން މުޅި ގުރޫޕު ހަލާކުވެގެން ހިނގައިދާނެތީ، ތިބާގެ އަގުހުރި ވަގުތާއި އެކުވެރިކަން ދޭނީ ދީނީ ގޮތުންނާއި އަޚުލާޤީ ގޮތުން ތިބާއަށްވުރެ ކުރީގައި ތިބި، ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ކަމުގައި ހަދާށެވެ.
ހަނދާންކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، ރަޙުމަތްތެރިންނަކީ ހަމައެކަނި މި ދުނިޔެއަށް އޮތް ބައެއް ނޫންކަމެވެ. ހެޔޮލަފާ ރަޙުމަތްތެރިންނާއެކު އުޅޭނަމަ، އެމީހުން ތިބާ ސުވަރުގެއާ ދިމާއަށް ގެންދާނެއެވެ. އެހެންކަމުން، ތިބާގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކޮށްދޭނެ ފަދަ ތެދުވެރި، ހެޔޮލަފާ ރަޙުމަތްތެރިންތަކެއް އިޚްތިޔާރުކޮށް، އެ ގުޅުންތައް ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރަމާ ހިނގާށެވެ.
- މިއަދުނޫސް