ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމާ ގުޅޭގޮތުން ރައީސްއާއި ޔޫ.އެން.ޑީ.ޕީގެ އެޑްމިނިސްޓްރޭޓަރ މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމާ ގުޅޭގޮތުން ރައީސްއާއި ޔޫ.އެން.ޑީ.ޕީގެ އެޑްމިނިސްޓްރޭޓަރ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އދ. ގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެޑްމިނިސްޓްރޭޓަރ މިސްޓަރ އެލެގްޒެންޑަރ ޑި ކްރޫއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެފަރާތުގެ ވެސް މަސްލަޙަތު ހިމެނޭ ދާއިރާތައް ކަމަށްވާ، ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، އަދި ކުރިމަގުގައި އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

މި ބައްދަލު ކުރެއްވުމުގައި ޔޫ.އެން.ޑީ.ޕީން ދިވެހިރާއްޖެއަށް ޒަމާނުއްސުރެ ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދެފަރާތުން ޙިއްޞާވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށާއި، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯއްދަވައިދެއްވުމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތް ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން