ޗައިނާގެ އެހީގައި ތަރައްޤީކުރާ ގްރީން ނާސަރީގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޗައިނާގެ އެހީގައި ތަރައްޤީކުރާ ގްރީން ނާސަރީގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ކުރިއަށްގެންދާ ޤައުމީ ބޮޑު މަޝްރޫޢުގެ ދަށުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޤާއިމުކުރާ "ގްރީން ނާސަރީ" ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގަސްގަހާގެހި އިތުރުކޮށް، ރާއްޖެ ފެހިކުރުމުގެ މަތިވެރި މަޤްޞަދުގައި ފަށާފައިވާ މުހިންމު މަސައްކަތެކެވެ. މިގޮތުން، ޗައިނާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު ތަރައްޤީކުރާ މި ޒަމާނީ ގްރީން ނާސަރީގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓުމެއްނެތި، ތާވަލާ އެއްގޮތަށް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

މި ނާސަރީ ވެގެންދާނީ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްތަކާއި، ޚާއްޞަކޮށް ރާއްޖޭގެ މާޙައުލާ ގުޅޭ ދިވެހި ރުއްގަހާއި ނެތެމުންދާ ބާވަތްތަކުގެ ގަސްތައް އާލާކޮށް ހެއްދުމަށް އެޅޭ ވަރަށް މުހިންމު ބިންގަލަކަށެވެ.

މި މަޝްރޫޢު ފުރިހަމަވެގެން ދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ގަސް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާއެއްކަން ވެސް ފާހަގަކުރެވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން