މުރައިދޫގެ ލަފާފުރުމުގެ ދަތިކަމަށް ޙައްލެއް: ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
މުރައިދޫގެ ލަފާފުރުމުގެ ދަތިކަމަށް ޙައްލެއް: ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް

ހއ. މުރައިދޫގެ ރައްޔިތުންނާއި ދަނޑުވެރިންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި އެރަށުގައި ޒަމާނީ ފެންވަރުގެ އައު ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ގާތްގަނޑަކަށް 900 މީހުންގެ އާބާދީއެއް އޮންނަ، އަދި ފުޅާ ދާއިރާއެއްގައި ފަތްކެޔޮ ހައްދައިގެން އާމްދަނީ ހޯދަމުން އަންނަ މުރައިދޫގައި ރައްކާތެރި ބަނދަރެއް ނެތުމުގެ ސަބަބުން ދަނޑުވެރިންނަށާއި އޮޑިވެރިންނަށް ދަނީ ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހެމުންނެވެ.

މުރައިދޫގައި ޒަމާނީ އައު ބަނދަރެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. ނަމަވެސް، ބަނދަރުގެ ފަޅުތެރެ ގަދަވުމުގެ މައްސަލަ ޙައްލުކުރުމަށް ބޭނުންވާ ބޮޑުހިލަ ނުލިބުމުގެ ސަބަބުން މަސައްކަތް މީގެކުރިން އޮތީ މެދުކެނޑިފައެވެ. އެ މައްސަލަ ޙައްލުކޮށް، ބޭނުންވާ ހިލަ ގެނައުމަށް ސަރުކާރުން މިހާރު ވަނީ ފައިސާ ހަމަޖައްސައިދީފައެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމާއި، 50 މީޓަރުގެ ގްރޮއިން ޖެހުމުގެ އިތުރުން 105 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މީގެއިތުރުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، އުޅަނދުފަހަރު އެހެލާ ބޭލުމަށް ރޭމްޕެއް އެޅުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

އަދި ބަނދަރުގެ އިތުރު ވަސީލަތްތައް ޤާއިމުކުރުމުގެ ގޮތުން ވޯކްވޭ ބްރިޖެއް އެޅުމާއި، 1،703.61 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން، ރޭގަނޑު ބަނދަރު ބޭނުންކުރަން ފަސޭހަވާނޭހެން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމުމުން، ރަށުން ބޭރުކުރާ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި އެހެނިހެން މުދާ ރައްކާތެރިކަމާއެކު އޮޑިދޯނިފަހަރަށް ބަރުކުރުމުގެ މަގުފަހިވެގެންދާނެއެވެ. އަދި އުޅަނދުފަހަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، ވިޔަފާރީގެ އެކި ބޭނުންތަކަށް އެއްގަމުން ބިން ލިބި، ރަށުގެ އިޤްތިޞާދަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން