މާލޭގައި މިރޭ ބޭއްވުމަށް ތައްޔާރުވަމުންދާ އެއްވުމަކާ ގުޅިގެން، އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިނުވާނޭހެން، ގާނޫނީ އިމުގެ ތެރެއިން ކަންކަން އިންތިޒާމު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިރޭ ބޭއްވުމަށް ރާވާފައިވާ އެއްވުމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން، ކުރިން އެންގުމަކާ ނުލައި، އެއްވުންތަކަށް ހުއްދަކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނަށް އެއްވެ ނޫޅުމަށާއި، ހުރިހާ ކަމެއްވެސް ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އަންގާފައެވެ.
މީގެއިތުރުން، މިފަދަ އެއްވުންތަކުގެ ސަބަބުން މަގުމަތީގެ ނިޒާމަށް ބުރޫއަރައި، އާންމު ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކޮށް، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
އަދި އެއްވުމުގެ ތެރެއިން ގާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ކޮންމެ އަމަލެއް ވަގުތުން ހުއްޓުވާނެ ކަމަށާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުންގެ ޚިދުމަތުން ވަނީ ދީފައެވެ.