ވެރިކަން ކުރުމުގަ މުސްލިމުންނަށް އެންމެ ފައިދާކުރާނެ މަންހަޖު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 26ސ
ވެރިކަން ކުރުމުގަ މުސްލިމުންނަށް އެންމެ ފައިދާކުރާނެ މަންހަޖު-

ދުނިޔޭގެ ތާރީޚަށް ބެލިނަމަވެސް އެންމެ ޢަދުލުވެރި ވެރިކަމެއް ފެނިގެން ގޮސްފައިވަނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޞަޙާބީންނާއި ތާބިޢީ ބޭކަލުންގެ ޒަމާނުގައިކަން މިއަދުވެސް ޤަބޫލުކުރެއެވެ. އެކަންކަން ޤަބޫލުކުރަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ކާފިރުންވެސް ޤަބޫލުކުރެއެވެ. 

އެހެންކަމުން އިސްލާމީ ވެރިކަމެއްގެ ޙަޤީޤަތް ކޮންމެ މުސްލިމަކުވެސް ދަސްކުރަންވާނެއެވެ. އެފަދަ ގިނަ ގިނަ ޙަޤީޤަތްތަކެއް ބަޔާން ކުރައްވައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވާފައިވާ ތިރީގައިވާ ލިޔުއްވުމުގައި އަގުހުރި ފިލާވަޅުތަކެއްވެއެވެ.  

ނަބަވީ ދަޢުވަތު: 

ޖަހާލަތުގެ އަނދިރިކަމާއި އަނިޔާވެރިކަމާއި ޝިރުކުގެ ނުބައިކަމުގެ ތެރޭގައި މުޅި ދުނިޔެ ޣަރަޤުވެފައި ވަނިކޮށް، ޢަދުލުވެރިކަމުގެ އިޞްލާޙީ ޙަރަކާތެއް ފެށިގެން ދިޔައީ މާތް މުޙައްމަދު ނަބީކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ނުބުއްވަތުގެ ގޮވާލެއްވުމާއެކުގައެވެ. އެގޮވާލެއްވުމުގެ އެންމެ މަތިވެރި އަސާސަކީ މާތް ﷲ އެއްކައުވަންތަކުރުމެވެ. އިންސާނުންގެ އަޅުވެތިކަމުން އިންސާނުން ނެރެ އިންސާނުންގެ ވެރި ރަސްކަލާނގެ އަށް އަޅުވެތިވުމުގެ ތެރެއަށް ގެނައުމެވެ. ދީންތަކުގެ އަނިޔާވެރިކަމުން މާތް ﷲ އެއްކައުވަންތަކުރުމުގެ އިސްލާމީ ހިދާޔަތުގެ ތެރެއަށް ގެނައުމެވެ. 

ނަބަވީ ދައުލަތް 

މުޙައްމަދު ނަބީކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ނަބަވީ ދަޢުވަތު މައްކާގައި 12 ވަރަކަށް އަހަރަށް ދެމިގެން ދިޔައެވެ. އެއަށް ފަހު ނަބަވީ ދައުލަތް އުފެދިގެން ދިޔައީ ޙިޖާޒު ކަރައިގެ މަަދީނާގައެވެ. އެ ދައުލަތުގެ މުސްތަޝާރުންގެ ގޮތުގައި ތިއްބެވީ ނަބަވީ ދަޢުވަތުގެ މަރުޙަލާގައި "ދާރުލްއަރްޤަމް" މަދްރަސާއިން ތަރުބިޔަތުވެވަޑައިގެންނެވި ޢިލްމީ ދަރިވަރުންނާއި އަންޞާރުންނެވެ. އެއީ އިންސާނީ ތާރީޚުގައި ފެނިގެން ދިޔަ އެންމެ ފުރިހަމަ ނަމޫނާ ޖީލުކަމާ މެދު ދެބަސް ވުމެއް ނެތެވެ.

ނަބަވީ ދައުލަތުގެ ސިޔާސަތު: 

އިތުރު އެކަލޭގެފާނުގެ ދައުލަތުގެ އެންމެ ފާހަގަކޮށްލެވޭ ކަންކަމަކީ ޢަދުލުވެރިކަމާއި އިޖުތިމާޢީ ޢަދާލަތު ޤާއިމު ކުރުމާއި ތަފާތު ކުރުމެއް ނެތި އެންމެހާ މީސްތަކުންގެ ޙައްޤުތައް ޙިމާޔަތްކުރެއްވުމެވެ. ދުސްތޫރުލް މަދީނާ ނުވަތަ ޞަޙީފަތުލް މަދީނާ ލިޔުއްވައި އެ ދުސްތޫރުގައި މުސްލިމުންނާއި ޣައިރު މުސްލިމުންގެ ޙައްޤުތައް ޙިމާޔަތްކުރައްވައި އިސްލާމީ ދައުލަތުގެ ހިޔަލުގައި ނުވަތަ ވަށައިގެންވާ އެހެނިހެން ޤަބީލާތަކާއެކު ޞުލްޙަވެރިކަން ޤާއިމު ކުރައްވައި އިސްލާމީ ދަޢުވަތުގެ ގޮވާލެއްވުމާއެކު ދުނިޔޭގެ އެކި ޤައުމުތަކުގެ ރަސްރަސްކަލުންގެ އަރިހަށް ސަފީރުން ފޮނުއްވިއެވެ.

އިތުރު އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމަ ދައުލަތުގެ ކަންކަން ހިންގެވުމުގައި އަޞްޙާބު ބޭކަލުންނާ މަޝްވަރާ ކުރެއްވެވިއެވެ. ކަންކަމަށް އެކަށީގެންވާ މީހުންނާ ކަންކަން ޙަވާލު ކުރެއްވެވިއެވެ. މާތް ﷲ ގެ ޙުކުމްފުޅުތައް ބިންމަތީގައި ޤާއިމުކުރެއްވިއެވެ. " ތިމަންކަލޭގެފާނު މި ބިން މަތީގައި ޢަދުލުވެރިވެޑައި ނުގެންފި ނަމަ ދެން ޢަދުލުވެރިވާނީ ކާކުތޯ" ޙަދީސްކުރައްވައި ޢަދުލުގެ މީޒާން ޤާއިމު ކުރެއްވިއެވެ. އެއްވެސް އިންސާނަކަށް ވެސް ޖަނަވާރަކަށް ވެސް އަނިޔާއެއް ނުދެއްވައެވެ. 

ދައުލަތުގެ މުދާ ޙިމާޔަތްކުރައްވައި އެންމެންގެ ޙައްޤުތައް ފުރިހަމަ އަށް ހޯއްދަވާ ދެއްވިއެވެ. 23 ވަރަކަށް އަހަރަށް ދެމިގެން ދިޔަ ނަބަވީ ދަޢުވަތާއެކު، މަދީނާގައި އުފެއްދެވި އިސްލާމީ މުޖުތަމަޢާއި ދައުލަތް ވަރުގަދަ ކުރެއްވިއެވެ. ހަނގުރާމަ ކުރި ބަޔަކާ ކުރިމަތި ލެއްވިއެވެ. ޞުލްޙަ އިސްކުރި ބައެއްގެ ޞުލްޙަ ޤަބޫލު ކުރެއްވިއެވެ. މި މަގުން ވެރިކަން ހިންގަވަމުން ގެންދެވީ އެއްވެސް ތަފާތު ކުރެއްވުމެއް ނެތިއެވެ. ކަޅު މީހެއް ދޮންމީހެއް، ޢަރަތްބެއް ޢަޖަމީ އަކަށް ތަފާތެއް ނެތެވެ. ޢާއިލާގެ މީހަކަށް، ވަކި ޤަބީލާގެ މީހަކަށް ނުބައްލަވައި ޢަދުލުވެރިކަން ނެގެހެއްޓެވިއެވެ. " ފާޠިމާ ވައްކަން ކުރެއްވި ނަމަވެސް އެކަމަނާގެ އަތް ވެސް ކަންޑުއްވާހުށީމެވެ" މިހެން ޙަދީސްކުރައްވައި، މާތް ﷲ ގެ އެއްވެސް ޙައްދެއްގައި އެއްވެސް މީހެއްގެ ޝަފާޢަތެއް ޤަބޫލެއް ނުކުރައްވައެވެ. ޝުބުހައެއް އޮތް ކަމެއްގައި ލުއި ދެއްވައެވެ. އަމިއްލަފުޅު ޙައްޤާ ގުޅުން ހުރި ކަންކަމުގައި މަޢާފް ދެއްވައެވެ. އިސްލާމީ ދައުލަތުގެ ހިޔަލުގައި ދިރިއުޅެމުން ދިޔަ ޣައިރު މުސްލިމުންނަށް ވެސް އަމާންކަމާއި ޙިމާޔަތާއި ރައްކާތެރިކަން ދެއްވިއެވެ. 

އިތުރު އެކަލޭގެފާނުގެ ނަބަވީ ޙަޔާތްޕުޅު ނިމިގެން ދިޔައީ އުންމަތަށް ވަރުގަދަ ވަޞިއްޔަތްޕުޅެއް ކުރައްވާފައެވެ. " މާތް ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތުގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ހިނދަކު ތިޔަބައިމީހުން ގެއްލެނި ވެގެން ނުދާނޭ " ކަމުގައި ކަށަވަރު ވަޞިއްޔަތް ޕުޅެއް ކުރައްވާފައެވެ. މީގެ އިތުރުން " ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނަށް ފަހު ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ހިފާށެވެ" މި ފަދަ މަތިވެރި ވަޞިއްޔަތްޕުޅުތައް ކުރައްވަމުން މި އުންމަތަށް އަލްވަދާޢު ވިދާޅުވީއެވެ. 

އިސްލާމީ ޚިލާފަތު: 

ދެން ފެށިގެން އައީ ނަބަވީ މަންހަޖުގެ މަތީގައި ޤާއިމުވެގެން ދިޔަ ނަބަވީ ޚިލާފަތެވެ. އެ ޚިލާފަތުގައި ވެރިކަން ކުރެއްވީ ކޮން ބޭކަލުންނެއްތޯއެވެ؟ އާދެ! އިތުރު ތަޢާރަފަކަށް ބޭނުން ނުވާނެ ބޭކަލުންނެވެ. އައްޞިއްދީޤާއި، އަލްފާރޫޤާއި ޛުއްނޫރައިންއާއި އިމާމް ޢަލީއެވެ. އެބޭކަލުންގެ މަގަކީ ނަބަވީ މަންހަޖެވެ. ޚިލާފަތުގައި ވެރިކަން ހިންގަމުން ދިޔައީ ސީދާ ނަބަވީ މަންހަޖުގެ މައްޗަށެވެ. އިތުރު އެކަލޭގެފާނަށް ފަހު ނަބަވީ މަންހަޖުގެ މަތިން މި އުންމަތުގައި 33 އަހަރު ވެރިކަން ކުރާނޭ ކަމުގެ ޚަބަރު އިތުރު އެކަލޭގެފާނު ދެއްވާފައިވެއެވެ. 

ވިރާސީ ރަސްކަން 

އެއަށް ފަހުގައި ފެށިގެން ދިއައީ ވިރާސީ ރަސްކަމެކެވެ. ނަބަވީ މަންހަޖުގެ މަތިން ވެރިކަން ހިނގަމުން ދިޔައީ ޤުރުއާނާއި ސުންނަތުގެ ޙުކުމް ޤާއިމު ކުރުމުގެ މައްޗަށެވެ. ޤާބިލު މީހާއަށް މަސްއޫލިއްޔަތު ޙަވާލުވުމުގެ ތެރެއިންނެވެ. ޢާއިލާއަށް ރަޙުމަތްތެރިންނަށް ބެލުމެެއް ނެތެވެ. މިއާ ޚިލާފަށް ވިސާރީ ވެރިކަމުގައި ކަންކަން ހިނގަން ފެށީ ޢާއިލާއަށް އިސްކަން ދީގެންނެވެ. 

ނަބަވީ މަންހަޖުގެ މައްޗަށް ހިނގަމުން އައި ވެރިކަން ޤަބީލާ ނިޒާމާއި ވިރާސީ ވެރިކަމަކަށް ފުރުޅިގެން ދިއުމަކީ މިއުންމަތުގެ ވެރިކަމުގެ ތާރީޚުގައި ހިނގައި ދިޔަ ވަރަށް ބޮޑު ފިތުނައެކެވެ. އެވާހަކަ ތަކުގެ ތަފްޞީލަށް ދިއުމަކީ މިފަދަ ލިއުމެއްގައި ކުރެވޭ ވަރަށް ވުރެ ބޮޑުކަމެކެވެ. ވިސާރީ ރަސްކަމުގައި ކަންކަން ހިނގަމުން ދިޔައީ ޢާއިލާއަށް ބަލައިގެންނެވެ. މީގެ އިތުރުން ވިސާރީ ރަސްކަމުގެ ބައެއް ޒަމާންތަކުގައި ޚަލީފާއަށް މަދަޙަ ކިއުމާއި ޚަލީފާ ނިސްބަތްވާ ޢާއިލާ މަތިވެރި ކުރުމާއި ޚަލީފާއަށް ޅެން ހަދައިގެން އަންނަ މީހުންނަށް ބައިތުލްމާލުން ހަދިޔާ ދިނުމާ ދައުލަތުގެ މުދަލުން އިސްރާފު ކުރުން ފަދަ ކަންކަން ދައުލަތުގެ ތެރޭގައި އުފެދުނެވެ. މިއީ ނަބަވީ މަންހަޖުގެ މައްޗަށް ހިންގި ވެރިކަމުގައި ހުރި ސިފަތަކެއްނޫނެވެ. މިހެން މިވާހަކަ ދަންނަވާއިރު، އުމަވީ ދައުލަތާއި ޢައްބާސީ ދައުލަތުގައި ވެސް ހެޔޮ ލަފާ ވެރިން ވެރިކަން ކުރިކަން ފާހަގަކުރަމެވެ. ޢިލްމާއި ޙަޟާރަތު ކުރިއަރައި ދިޔަކަން ފާހަގަކުރަމެވެ. 



- އަދި ނުނިމޭ 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން