ރޭއަޅުކަމުގެ ގޮތުން ކުރާ ނަމާދުތަކުގައި ދުޢާކުރަން ހުރި މަޤާމްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރޭއަޅުކަމުގެ ގޮތުން ކުރާ ނަމާދުތަކުގައި
ދުޢާކުރަން ހުރި މަޤާމްތައް-

  

ކޮންމެ ނަމާދަކީވެސް ޚާއްޞަކޮށް ރޭއަޅުކަމަކީ ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި ކުރެވޭ އެންމެ ވަރުގަދަ މުޢާމަލާތެވެ. އެކަމުގެ ވަރުގަދަކަން ނިކަން ދެކިބަލާށެވެ! އަލްޙަމްދު ކިޔަވާއިރު ކޮންމެ އާޔަތެއް ކިޔެވުމުން ﷲ ތަޢާލާ ބަސްފުޅު ވަޙިކުރައްވަވައެވެ. ވީމާ މިވަރުގަދަ މުޢާމަލާތުކުރަންވާނީ ސުންނަތުން ފެންނަން އޮތް ގޮތަށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްފުޅުކޮށްދެއްވަވާފައިވާ ގޮތަށެވެ.  

ރޭއަޅުކަމުގެ ގޮތުގައި ހުރިހާ ރެއަކުވެސް ކުރަން އޮތީ ވިތުރި ޢާއި ތަހައްޖުދް ނަމާދެވެ. ތަރާވީޙް ނަމާށދަކީ ހަމައެކަނި ރަމަޟާންމަހަށް ޚާއްޞަވެގެންވާ ނަމާދެކެވެ. ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ވިތުރި ކުރުމަށް ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ވަނީ ވަޞިއްޔަތް ކުރައްވައިފައެވެ. ވީމާ އަހަރުގެ ކޮންމެ ރެއަކުވެސް ވިތުރިކުރަން މަސައްކަތްކުރަންވާނެއެވެ.  

ރޭއަޅުކަމުގެ ގޮތުގައި ކުރާ ތަރާވީޙް ނަމާދާއި ދަމުނަމާދާއި ވިތުރީގައި ދުޢާކުރުމުގެ މަޤާމްތަކަށް ބަލައިފިނަމަ އައްތަޙިއްޔާތުގައާއި ކޮންމެ ރަކްއަތެއްގެ ވެސް ސަޖިދައިގައި ދުޢާ ކުރެވޭނެއެވެ. ދެން ވިތުރީގެ ފަހު ރަކްޢަތުގެ ޤުނޫތުގައި ދުޢާކުރެވޭނެއެވެ.  

ﷲ ތައާލާ އެކަލާނގެ އަޅުތަކުންނާއި އެންމެ ބޮޑަށް ކުއްތަންވެގެންވަނީ ސަޖިދައިގައި އޮންނަ ވަގުތުގައެވެ. ވީމާ ސަޖިދައިގައި އޮވެ އެމީހަކު ބޭނުން ދުޢާއެއް ކުރަމުން ގެންދާށެވެ! ގިނަގިނައިން ދުޢާކޮށް ބޭނުންވާ ކަންކަމަށް އެދި ދަންނަވަމުން ގެންދާށެވެ!  

މީގެ އިތުރުން ނަމާދު ނިމި ސަލާމް ދެވުމާއިއެކު ދުޢާކުރަން ފަށާށެވެ! އެ ނަމާދެއްގެ ފަހުގައި ކިޔަން ހުންނަ ދުޢާ ކިޔުމާއިއެކު އެމީހަކު ހިތް އެދޭހައި ކަންކަމުގެ ވާހަކައިން އެދި ދަންނަވާށާވެ! ދުޢާކުރަން ފެށުމުގެ ކުރިން ރަސޫލް (ﷺ) އަށް ޞަލަވާތް ކިޔަވަން ހަނދުމަނެތިކޮށްނުލާށެވެ!

އެނޫން މަޤާމްތަކުގައި ކިޔަންވާނީ ނަމާދުގައި ކިޔާންހުރި ތަކެއްޗެވެ! މިބަޔާންކުރީ ނަމާދުގައި ދުޢާކުރުމުގެ މަޤާމުތަކެވެ. މީގެ އިތުރުން ނަމާދު ނިމިގެން ސަލާމްދީފައި އެމީހަކު ބޭނުން ކަމަކަށް އެދި ބޭނުންވަރަކަށް ދުޢާކުރަންވީއެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން