ކޮޕް-31 (COP31) ސަމިޓުގެ ހަވާސާގައި ޖަރުމަނުވިލާތުގެ ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ "ޑޮއިޗެ ވެލެ" (DW) އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް މިނިސްޓަރު ޢަލީ ޝަރީފް ގޮވާލައްވައިފިއެވެ.
މި އިންޓަވިއުގައި މިނިސްޓަރު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލުންވާ ޤައުމުތަކަށް އެހީތެރިވުމަށް އުފައްދާފައިވާ "ލޮސް އެންޑް ޑެމޭޖް ފަންޑު" ފުރިހަމައަށް ހިންގަން ފެށުމުގެ (އޮޕަރޭޝަނަލައިޒް ކުރުމުގެ) މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ފަސޭހަކަމާއެކު ލިބޭނެ، ޔަޤީންކަން އޮތް ހިލޭ އެހީގެ (ގްރާންޓް ބޭސްޑް) މާލީ ނިޒާމެއްގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ މިންވަރު ބަޔާންކޮށްދެއްވަމުން، މިނިސްޓަރު ވިދާޅުވީ ކަނޑުގެ ލޮނގަނޑު އުފުލުމާއި މޫސުމީ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ދާއިރާތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
ހަމައެއާއެކު، ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަދަލުވުމަށް (ކްލީން އެނާޖީ ޓްރާންސިޝަން) ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، މި އަމާޒަށް ވާސިލުވުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާ މިންވަރުވެސް މިނިސްޓަރު ޢަލީ ޝަރީފް ވަނީ މި އިންޓަވިއުގައި ފާހަގަކުރައްވާފައެވެ.
ހަބަރު: ސަރުކާރު