ދާދިފަހުން ހިނގި ކަމެކެވެ. މީހަކު ކުއްޔަށް ހިފީ ދެބެއިންގެ ފަންގިފިލާއެވެ. އެއްތަން ހިފީ ބޯކޮށާތަނެއް ހިންގާށެވެ. އަނެއްތަން ހިފީ ކޮޓަރިކުއްޔަށްދޭށެވެ. ދެކަމަކީވެސް އެކަމުގެ އަޞްލަށް ބަލައިފިނަމަ ހުއްދަ ކަންކަމެވެ.
ދުވަސްކޮޅެއްފަހުން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ދެބެއިން ގޮސްބެލިއިރު ބޯކޮށާތަނުގައި ގެންގުޅެނީ ހަށިވިއްކާ އަންހެނުންނެވެ. ކޮޓަރިކުއްޔަށްދެނީ ޒިނޭކުރާށެވެ! ދެބެއިން ބުނީ އެގްރިމަންޓަށް ބަލަން ބޭނުން ނޫންކަމަށާއި ރެދްހޭންޑްވަންދެން މަޑުކުރަންވެސް ބޭނުން ނޫންކަމަށެވެ. 3 ދުވަހުގެ ތެރޭގައި ތަންހުސްކޮށް ޙަވާލުކުރުމަށެވެ.
"އަހަރެންގެ ގެ ކުއްޔަށް ދިނީ ޤާނޫނު ހުއްދަކުރާ ކަންކަން ކުރަން!" ކަމަށް ބުނުމަކުން ނުފުދޭނެއެވެ. އެތަނުގައި ކުރަނީ ޤާނޫނު ހުއްދަކުރާ ކަންކަންތޯ ބެލުމަކީވެސް އެމީހެއްގެ ވާޖިބެކެވެ. ނޫންނަމަ އެތަނުގައި ކުރާ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. ފާފަކުރާނަމަ އެކަންވެސް ބޮލުގައި އެޅޭނެއެވެ.
ގުޅުންހުރި ލިޔުމެއް!:
މިހާރަކަށް އައިސް ސެލޫން އާއި ސްޕާގެ ނަންބޯޑުތައް ޖަހައިގެންނާއި ނުޖަހައި ހަށިވިއްކުމުގެ ނުބައި ޢަމަލު ހިންގުން މިވަނީ ޢާންމު ކަމަށްވެފައެވެ. މިކުރެވޭ ކަމަކީ ފާޙިޝް ޢަމަލުތައް ފެތުރުމެވެ. ފާފަކުރަން މަގުފަހިކޮށްދިނުމެވެ. އެހެންކަމުން ޝައިޚް މޫސާ އަންވަރު ވިދާޅުވެފައިވާ މިބަސްފުޅުގެ ހަނދާން އައުކޮށްލަން އެބަޖެހެއެވެ.
ފާޙީޝްކަންކަން ފެތުރުމުގެ ނުބައިކަން:
މާތް الله سبحانه وتعالي އާއި އެކަލާނގެ ރަސޫލާގެ ލަޢްނަތާއި ވަޢީދު ހުރިކަން ބަޔާން ކުރައްވާފައިވާ ހުތުރުކަންބޮޑު ފާފައިގެ ވާހަކަ އާއި، އެ ފަދަ عمل، ތައް ފެތުރުމަށް މަސައްކަތް ކުރާ މީހުން އުޅޭކަމީ ހިތާމަ ހުރިކަމެވެ.
އެފަދަ މީހުންނަށް ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب ހުރި ވާހަކަ ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ވަނީ ބަޔާން ކުރައްވާފައެވެ. މިކަމަށް އިޝާރް ކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ﴾ (سورة النور19) މަނާއަކީ."ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ."
ނުބައިކަންކަން ފެތުރިގެން ދިއުމަށް އެކަލާނގެ ލޯބިވޮޑިއެއް ނުގަންނަވައެވެ. އެފަދަ ކަންކަން ފެތުރުމަށް މަސައްކަތް ކުރާ މީހުންނީ މުޖުތަމަޢުގައި ފިތުނަ އުފައްދާ ބައިބައި ކުރުމަށް މަސައްކަތް ކުރާ މީހުންނެވެ. އެހެންކަމުން އިސްލާމީ ޝަރިޢަތާއި ޤާނޫނު އަސާސީގެ ތެރެއިން އެމީހުންނާ މެދު ފިޔަވަޅު އަޅަން ޖެހެއެވެ. އެއީ ކަންކުރާ މީހާ އާއި އެކަން ފެތުރުމަށް މަސައްކަތް ކުރާ މީހާ އާއި އެއްފަދަ ވާތީއެވެ.
- ޝައިޚް މޫސާ އަންވަރު ޙަސަން