އެއީ ތަނަވަސް ޒުވާނެކެވެ. މައިންބަފައިންގެ އެހީތެރިކަމާއިއެކު ފެށި ކުޑަ ވިޔަފާރިއެއް މިހާރުވަނީ މާތް ﷲ ގެ ވާގިފުޅާއިއެކު މަޝްހޫރު ބޮޑުވިޔަފާރިއަކަށް ބަދަލުކޮށްފައެވެ. އެފަދަ ބޮޑު ކާމިޔާބީއެއް ވިޔަފާރީގެ ގޮތުން ޙާޞިލުކުރުމުގެ ވިސްނުން ހުރިނަމަވެސް ދިރިއުޅުމުގެ އެންމެ މުހިންމު ކަންތަކުގައި ހުރެވެނީ ގޮތް ނިންމަން ނުކެރިފައެވެ.
މިބުނަނީ އޭނާގެ ކައިވެނީގެ ޥާހަކައެވެ. އޭނާގެ ކުރިމަތީގައި ދެއަންހެނަކު ތިބެއެވެ. އެކަކީ އޭނާ އެމީހަކު ދެކެ އެންމެ ލޯބިވާ އަންހެނާއެވެ. ދެވަނައީ ސްކޫލް ދައުރުން ފެށިގެން މިއަދާއި ހަމައަށްވެސް އެކުގައި ހުރި އެކުވެރިޔާއެވެ. ޖަވާބު ހޯދަން އުނދަގޫވާ ސުވާލަކީ ޙަޔާތުގެ ބައިވެރިއަކަށް މިތަނުން އިޚްތިޔާރުކުރަންވީ ކާކުހެއްޔެވެ؟ އޭނާ ބޭނުންނަމަ ކޮންމެ އަންހެނަކާއިވެސް ކައިވެނިކުރެވޭނެކަން އޭނާއަށް އެނގެއެވެ.
ގޮތް ނިންމަން އުނދަގޫވުމުން ގިނަބައަކު ފަދައިން މަޝްވަރާކުރީ އެކުވެރިންނަކާއެއް ނޫނެވެ. މަންމައާއިއެވެ. މަންމަ އެދުނީ އެކަން މަންމައަށް ދޫކޮށްލުމަށެވެ. އެހެން ބުނެފައި މަންމަ ދެ އަންހެނުންނާއި ވަކިވަކިން ބައްދަލުކުރިއެވެ. ކޮންމެ އަންހެނަކަށްވެސް ވިސްނައިދިނީ ދަރިފުޅު ހުރީ އޭނާއާއި ކައިވެނިކުރަން ބޭނުންވެގެން ކަމަށެވެ. ނަމަވެސް މައްސަލައަކީ ދަރިފުޅުގެ ހިތަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ދުނިޔޭގައި މާގިނަ ދުވަހު ނުހުރެވިދާނެކަން ކަމަށެވެ. އަދި ދަރިފުޅުގެ ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ކޮށްފިނަމަ ބަލި ވަޤުތުން ސީރިޔަސްވެދާނެކަމުގެ ބިރު ވަރަށް ބޮޑުކަމަށެވެ. ދެއަންހެނުންވެސް ބުނީ ވިސްނާނެ ކަމަށެވެ.
ޒުވާނާ ލޯބިވާ އަންހެންކުއްޖާގެ ޖަވާބަކަށްވީ ކައިވެނިކުރަން ޢުޒުރުވެރިވާ ކަމަށެވެ. އެކުވެރިޔާގެ ޖަވާބަކަށްވީ ޢުމުރު ކަނޑައަޅުއްވަވަނީ ﷲ ކަމަށްވާތީ އެކަމަށް އޭނާ ޖެހިލުން ނުވާ ކަމަށެވެ. "އަހުރެމެންގެ މެދުގައި އޮތީ އެންމެ ގާތް އެކުވެރިކަން. އެއީ ޢިޝްޤީ ލޯތްބަށްވުރެ މާބޮޑުކަމެއް! އަހުރެން ބޭނުންވަނީ ކައިވެނިކޮށް އޭނާއަށް އުފާވެރިކަން ހޯދައިދިނުން. އުފަލުގައި އުޅެވުމަކީވެސް ހިތުގެ ބަލިތަކަށް ޝިފާލިބޭކަމެއް! ވީމާ އަހުރެން ބޭނުންވަނީ އަހުރެންގެ ސަބަބުން އޭނާއަށް ޝިފާލިބުން. އެއީ އެކުވެރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑުކަންތައް!"
މަންމަގެ ކިބައިން އެކަންކަން އުޅުންފިލުމުން ޒުވާނާ އޭނާގެ އެކުވެރިޔާއަށް ކައިވެނި ހުށަހެޅިއެވެ. އެކައިވެނި ކުރެވުނެވެ. އެކައިވެންޏަށް މިހާރު 15 އަހަރުވެއްޖެއެވެ. ދެމަފިރިން ދިރިއުޅެމުން އަންނަނީ އެންމެ އުފަލުގައެވެ.
އަޅުގަނޑަކީ އެދެމަފިރިންގެ އެންމެ ގާތް އެކުވެރިއެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައިލުމުގެ ބޭނުމަކީ އުފާވެރި ދިރިއުޅުމަކަށް އެދޭނަމަ ބައިވެރިޔާ އިޚްތިޔާރުކުރަން އޮތް އެންމެ ރަނގަޅު ގޮތް ބުނެލުމެވެ. ހަމަ ޔަޤީނުންވެސް އެނގޭ ކަމަކީ އިސްކަންދޭންވީ ތިމާ ލޯބިވާ މީހާއަށް ނޫންކަމާއި ތިމާދެކެ ލޯބިވާ މީހަކަށް ކަމެވެ. އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް އޮތީ މިގޮތެވެ.
- ފައުޒިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ