ދީން ކުރިއަރުވަން އެމީހަކަށް ކުރެވެން އޮތްކަމެއް ނުކުރީމާ އެކަމުގެ ދެރަ ލިބޭނީ އެމީހަކަށް! އެނަގައިލެވެނީ އެމީހަކަށް ލިބެން އޮތް ޘަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ދީން ކުރިއަރުވަން އެމީހަކަށް ކުރެވެން އޮތްކަމެއް ނުކުރީމާ އެކަމުގެ ދެރަ ލިބޭނީ އެމީހަކަށް! އެނަގައިލެވެނީ އެމީހަކަށް ލިބެން އޮތް ޘަވާބު!

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ! "ﷲ ގެ ދީނަށް މީހަކު ނަޞްރުދިނަސް ނުދިނަސް ދީން މަތިވެރިކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. ﷲ ތަޢާލާ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. އެކަން ރަސޫލްބޭކަލުންގެ ސޮޔަރަތުތަކުން ރަނގަޅަށް އެނގޭނެއެވެ.  

ދެން އޮތީ އަހުރެމެންގެ ވާހަކައެވެ. އަހުރެމެންނަކީ ﷲ ތަޢާލާއާއި އެކަލާނގެ ދީން ދެކެ ލޯބިވާ ބައަކުނަމަ ދީން މަތިވެރިކުރަން މަސައްކަތްކުރާނެއެވެ. އެކަމަށް ދެއްވަވާ އުޖޫރަވެސް އެހައި މަތިވެރިއެވެ. އެހެނީ އެމީހަކަށް ގިނަގުނަ ޘަވާބާއި ދަރުމަ ދެއްވަވަތެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަނުމަށް އޮތް މަގެކެވެ. މިއަށްވުރެ ބޮޑު ނަޞީބެއް ކޮބައިހެއްޔެވެ؟"  

ދީނަށް ނަޞްރުދިނުމަކީ ދީނީ ޢިލްމުވެރިން ނުވަތަ ވަކިބައަކު ކުރަންޖެހޭނެ ކަމެއް ކަމަކަށް ދެކެގެން، އެމީހަކަށް ކުރެވެން އޮތް ކަމެއް ނުކޮށް ހުންނަ މީހާ އެނގައިލަނީ އެކަމުން އެމީހަކަށް ލިބެން އޮތް ޘަވާބެވެ!  

މިއަދު އަދި މިސްކިތްތައް ތަޅާކަށް ނުބުނާނެއެވެ. ދައްކާނީ ތާޅަފިލީގެ އަޑުގަދަވާހަކައެވެ. މިސްކިތްތަކުގައި ދަރުސްދޭތީ އުނދަގޫވާ ވާހަކައެވެ. ދަރުސް ނުދޭކަށް ނުބުނާނެއެވެ. ބުނާނީ ދަރުސްތައް ކުރުކުރުމަށެވެ.  

ދަރުސްތައް ކިތަންމެ ދިގުވިއްޔާ މީހަކަށް އޮތީ ކޮން އުނދަގުލެއް ހެއްޔެވެ؟ އެމީހަކަށް ވަޤުތު ނެތްނަމަ އަޑުނުއަހައި ފައިބައިގެންދާންވީ ނޫންހެއްޔެވެ؟ މިސްކިތްތަކުގައި ދަރުސްތައް ދެނީ ކުރިއަށް ތާވަލުކޮށްގެންނެވެ. އެހެންކަމަށްވާއިރު ދަރުސް އަޑުއަހަން ބޭނުން ނޫން މީހުން ދަރުސް އޮންނަ މިސްކިތްތަކަށް ނުދިއުމުން ނިމުނީ ނޫންހެއްޔެވެ؟  

މިފަދަ ހުރިހާ ކަމަކުންވެސް އެނގެނީ އިސްލާމް ދީނަށް ނަޞްރުދޭން ކުރަންޖެހިފައިވާ މަސައްކަތްތައް ގިނަކަމެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވެން އޮތް ކަމެއް ކުރަންޖެހިފައިވާ ކަމެވެ. ފުރަތަމަ ކަމަކަށް ދީނުގެ ވާހަކަ ގޭގެ މީހުންނާއި ދައްކާށެވެ! ތިމާގެ ޒިންމާގެދަށުގައިވާ މީހުން ހޭލުންތެރިކުރުވާށެވެ! އެކުވެރިންނަށްވެސް ކިޔައިދޭށެވެ. އެކަންކުރަން ތިމާއަކީ ޝައިޚަކަށް ވާކަށް ނުޖެހޭނެއެވެ. ﷲ ތަޢާލާގެ އަޅަކަށް ފުރިހަމަ ގޮތުގައި ވެވުމުން ފުދުނީއެވެ.  

ތިޜީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

"ލީބިޔާ އިސްތިޢުމާރު ކުރި އިޓަލީންނާއި ދެކޮޅަށް ދީނާއި ދީބުގެ ދިފާއުގައި ޖިހާދު ކުރެއްވި ސަހަރާގެ ސިންގާ ޢުމަރު މުޚްތާރު رحمه الله ޝަހީދުކޮށްލެވުނުތާ 93 އަހަރު ފާއިތުވެގެންދިޔައިރުވެސް އެބަޠަލުގެ ޒިކުރާ ދެމިގެންވެއެވެ.

 ދީނާ ދީބުގެ ދިފާއުގައި ކުރާ މަސައްކަތް ގެއްލިގެން ނުދާނެއެވެ."

- ޝައިޚް މުޙައްމަދު ޝިފާން  

ޝައިޚް ޝިފާންގެ މިބަސްފުޅަކީ މިއަދުގެ ޙާލަތުގައި މިދީބަށް ވަރަށް މުހިންމު ބަސްފުޅެއްކަން ފާހަގަކުރެވެއެވެ. ވަށައިގެން ހުރި ބިޔަ ކަރަތަކުން ރާއްޖޭގައި އޮތް އެއްދީންވަނަތަކަން ނަގާލަން އެމީހުންނަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު ޢުމަރު މުޚްތާރު رحمه الله ފަދައިން އަމިއްލަ އެދުން ދޫކޮށް ﷲ ތަޢާލާގެ މަގުގައި ޙައްޤު ބަސްބުނެ ދީނާއި ދީބުގެ ދިފާޢުގައި ޖިހާދުކުރަން ކެރޭނެ ފަހުލަވާނުންނަށް ވަނީ އިންތިހާއަށް ބޭނުން ބޮޑުވެފައެވެ.

 

މިއަދު އޮންލައިން