މިހެން ނުވާނެ ގޮތަކަށް އުޅެން ވިސްނަބަލަ!: ހެޔޮލަފާ ބައިވެރިޔާއަށް ބޭވަފާތެރިވިކަމުގެ އަގު ކަރުނައިގެ ކޯރަކުން ދައްކަން ޖެހުނު ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
މިހެން ނުވާނެ ގޮތަކަށް އުޅެން ވިސްނަބަލަ!: ހެޔޮލަފާ ބައިވެރިޔާއަށް ބޭވަފާތެރިވިކަމުގެ އަގު ކަރުނައިގެ ކޯރަކުން ދައްކަން ޖެހުނު ފިރިއެއްގެ ވާހަކަ-

އެދެމަފިރިންނަކީ އުފަލުގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. ދިރިއުޅެނީ އަނބިމީހާގެ ތަނަވަސްކަމުގައެވެ. ހުރީ އެންމެ ދަރިއެކެވެ. އެއީ އަންހެން ކުއްޖެކެވެ. އެދަރިފުޅުގެ ޢުމުރުން 22 އަހަރުގައި ގެއަށް މަސައްކަތްކުރަން ގެނެވުނު ޒުވާނަކަށް ހިތްދީ ކައިވެނިކުރަން ބޭނުންވުމުން އެކަމަށް ދެކޮޅުހެދީ ބައްޕައެވެ. 

ބައްޕަ ބުނީ އެއްވެސް ވަރެއްގެ ފުދުންތެރިކަމެއް ނެތް މީހަކާ ކައިވެނިކޮށްގެން ނުއުޅެވޭނެ ކަމަށެވެ. ލޯބީގެ އަވާގައި ޖެހިގެން ކައިވެނިކުރިނަމަވެސް ދުވަސްކޮޅެއްވާއިރަށް ފޫހިވެ ވަރިވާންޖެހޭނެ ކަމަށެވެ.  

ދެކެވުނު ވާހަކަތައް ހޫނުވެ ބައްޕަގެ ރުޅިގަދަވުމުން ދަރިފުޅު ބުންޏެވެ. "ބައްޕާއެވެ! ބައްޕަ ތިއަ ދައްކަނީ ބައްޕައަށް ދެއްކެން ނެތް ވާހަކަތަކެކެވެ. ފުރަތަމަ ސަބަބަކީ ބައްޕަ މަންމައާއި ކައިވެނިކުރީ ތަނަވަސްކަން ހުރެގެން ހެއްޔެވެ؟ ދެވަނަ ސަބަބު ބުނެފިނަމަ މަންމަ އިރުކޮޅަކަށްވެސް ބައްޕަ މިގޭގައި ނުބަހައްޓާނެތީ ބުނާކަށް ނެތީމެވެ. ބައްޕަ ވިސްނައިލުމުން އެނގޭނެއެވެ."  

އެހިސާބުން ވާހަކައިގެ ތެރެއަށް މަންމަ ވަދެ އެވާހަކަ ބުނަން ދަރިފުޅަށް މަޖުބޫރުކުރުވުމުން ކިޔައިދިނެވެ. "ބައްޕާއެވެ! މާފުކުރާށެވެ! މިއީ ދުވަހަކުވެސް ދައްކަން ބޭނުންވެގެން ހުރި ވާހަކައެއް ނޫނެވެ. އެކަމަކު ބައްޕަގެ ގޮތް ދޫނުކުރުމުގެ ސަބަބުން ކިޔައިދޭން މަޖުބޫރުވީމާ މިބުނަނީއެވެ. ބައްޕަ މަންމައަށް ސިއްރުން ލޯބިވެރިއަކަށް ތިއަ ގެންގުޅެނީ ތަނަވަސް އަންހެނެއް ހެއްޔެވެ؟ މަންމަގެ ފައިސާއިން ސަންފައަށް މަހަކު ކިތައްހާސް ރުފިޔާ ޚަރަދުކުރަން ހެއްޔެވެ؟ ދެން އޮތް ބައި ބައްޕަ މަންމައަށް ކިޔައިދޭށެވެ."

ބައްޕައަށް ބުނެވޭނެ އެއްޗެއް ނެތެވެ. ދަރިފުޅު އެބުނީ ޙަޤީޤީ ވާހަކައެކެވެ. އެއީ ހިނގަމުން އަންނަ ކަމެކެވެ. އެހިސާބުން އަނބިމީހާ ފިރިމީހާއަށް އެންގީ 27 އަހަރުވީ ކައިވެނި ރޫޅާލާފައި ވަޤުތުން ގެއިން ނުކުތުމަށެވެ.  

ފިރިމީހާ އެތައްއިރެއްވަންދެން ބާރަށް ރުޔެވެ. މާފަށް އެދި އެތައް ފަހަރަކު އަނބިމީހާގެ ފައިމައްޗަށް ތިރިވިއެވެ. އެއިން އެއްވެސް ކަމަކުން އަނބިމީހާއަށް އެއްވެސް އަސަރެއް ނުކުރުމުން ޖެހުނީ ރޮމުން ގެއިން ނުކުމެގެން މައިންބަފައިންގެ ގެއަށްދާށެވެ. އެގެއަކީވެސް އަނބިމީހާ އަޅައިދީފައި ހުރި ގެއެކެވެ. އަޅައިދީފައި ހުރީ އަނބިމީހާ ބޭނުންވެއްޖެނަމަ ކުރި ޚަރަދު ހޯދަން ގެ އަނބިމީހާއާއި ޙަވާލުކުރަންޖެހޭނެ ގޮތަށެވެ. ވީމާ ގެއަށް ވަދެވުމަކުންވެސް ހަމަޖެހުމެއް ނެތެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ހެޔޮލަފާ ބައިވެރިއަކު ލިބުމުން ބޭވަފާތެރިނުވާށެވެ. އަދި ބައިވެރިޔާއަށް ލިބިފައިވާ ތަނަވަސްކަމުން ހޭދަކުރާނަމަ ޝުކުރުވެރިވުން އިތުރުކުރާށެވެ. ކިތަންމެ ސިއްރުން ކުރާ ކަންކަންވެސް ބޭޒާރުވާނެ ވަޤުތެއް އަންނާނެއެވެ. އެއީ ހެޔޮލަފާ ބައިވެރިޔާއަށް ބޭވަފާތެރިޔާގެ ކިބައިން ސަލާމްވެވުމަށް ދެއްވަވާ ފުރުޞަތެކެވެ.

 

- ޒުހުރާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

 

 

މިއަދު އޮންލައިން