ފާފަ ނުވަތަ އެމީހަކު ކުރަން ބޭނުންވާހައިކަމެއް ކޮށްފަ ހުރިހާ ކަމެއް ޝައިޠޯނާގެ ބޮލަށް ޖަހައި ޝައިޠޯނާކުށްވެރިކުރެއެވެ. އަދި އެންމެ ބޮޑު ޢަދާވާތްތެރިއަކީ ޝައިޠޯނާ ކަމަށް ބަލައި އެކަން އެގޮތަށް ކަނޑައަޅައެވެ.
އެކަމަކު އެއީ ރަނގަޅު ނިންމުމެއް ނޫނެވެ. އެމީހެއްގެ އެންމެ ބޮޑު ޢަދާވާތްތެރިއަކީ އެމީހާއެވެ. އެހެނީ ފާފަކުރުމުގެ ޝައުޤުވެރިކަން ޝައިޠޯނާ އުފެއްދުވިނަމަވެސް އެފާފަ ނުކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާވަނީ އިންށާނުންނަށް ދެއްވަވައިފައެވެ. ތިބާ އެބާރުގެ ބޭނުން ނުހިފައި ޝަހްވަތްތެރިކަމަށް ހެއްލިގެންދަނީއެވެ. އެކަމުން އުފަލާއި ހިތްހަމަޖެހުން ހޯދަން ބޭނުންވެ ފާފަތައް ކުރަނީއެވެ.
ތިބާ ފާފައެއްކުރަން ހިތަށް އެރުވުމަކުން ތިބާއާއިއެކުގައިވާ ރަޙްމަތުގެ މަލާއިކަތުން ތިބާ ދޫކޮށްލައްވަވާފައި ދުރަށް ވަޑައެއް ނުގަންނަވަތެވެ. ތިއަކުރަންއުޅެނީ ފާފައެއްކަން ވިސްނަވައިދެއްވަވަތެވެ. ﷲ ތަޢާލާޢަށް ބިރުވެތިވުމަށް ވިސްނަވައިދެއްވަވަތެވެ. ތިބާ ދޫކުރައްވަވައި ދުރަށް ވަޑައިގަންނަވާނީ އެކަންކަން ޤަބޫލުނުކޮށް ފާފަކުރަން ތިބާ ނިންމުމުންނެވެ.
ދެން ނިކަން ބުނެބަލާށެވެ! ތިބާގެ އެންމެ ބޮޑު ޢަދާވާތްތެރިއަކީ ތިބާ ނޫންހެއްޔެވެ؟ ފާފައެއް ކުރަން ވިސްނޭނީ ޝައިޠޯނާގެ ސަބަބުންނެވެ، ވިސްނޭއިރަށް ތިބާ ނިކަން ޛިކުރުކުރަން ފަށައިބަލާށެވެ! ފާފަކުރުމުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ. އެއީ ޛިކުރުކުރަން ފެށުމުން ތިބާ ދޫކޮށްލައި ޝައިޠޯނާ ދުރަށްދާތީއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ ތިމަން ﷲ ގެ އަޅާ ތިމަން ﷲ ގެ ަމތިން ހަނދުމަކުރާނަމަ ތިމަން ﷲ އެއަޅާގެ މަތިން ހަނދުމަކުރައްވަވާނެކަމަށެވެ. އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅު ކުރައްވަވަނިކޮށް އެމީހަކާ ޝައިޠޯނާއަށް ކައިރިވެސް ނުވެވޭނެއެވެ. ވީމާ ފާފަކޮށްފައި ޝައިޠޯނާ ކުށްވެރިނުކުރާށެވެ! ތިމާގެ އަމިއްލަ ނަފުސް ކުށްވެރިކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން