ކޮންމެ ޤައުމެއްގެ ވެސް އެންމެ އަގުބޮޑު ރައުސްމާލަކީ އެ ޤައުމެއްގެ ޒުވާނުންނެވެ. ޤައުމުގެ މުސްތަޤުބަލު ބިނާވަނީ އެ ޖީލެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތަކާއި، އެ ޒުވާނުންނަށް ލިބިދެވޭ ފުރުސަތުތަކެއްގެ މައްޗަށެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ސަރުކާރުގެ ފަރާތުން ވަނީ ދިވެހި ޒުވާނުން ބާރުވެރިކުރުވައި، އެ ފަރާތްތަކަކީ ޤައުމުގެ އުފެއްދުންތެރި ބަޔަކަށް ހެދުމަށާއި، ޤައުމުގެ މާލީ އަދި އިޤްތިސާދީ ހާލަތު ހަމަމަގަށް އެޅުވުމަށް ޚާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ޒުވާނުން ކުރިއެރުވުން
ޒުވާނުންނަކީ ގައުމުގެ ރައުސްމާލު ކަމަށް ރައީސް މުއިއްޒު އަންނަނީ ވިދާޅުވަމުންނެވެ. އެހެންކަމުން ޒުވާނުންގެ ހިތުގައި ގައުމީ ލޯބި އާލާކޮށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ކުދިންގެ ހިތުގައި އުފައްދައި އާލާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. ގައުމުގެ މުސްތަގުބަލު ކަމަށްވާ ޒުވާން ޖީލު މަސްތުވާތަކެތިން ސަލާމަތްކޮށް ފަހި ފުރުސަތުތައް ތަފާތު އެކި ދާއިރާތަކުން އަންނަނީ ހޯދައިދެމުންނެވެ. އެގޮތުން ބަލާއިރު:
ޒުވާނުންގެ މެދުގައި ޤައުމީ ލޯތްބާއި ޚިދުމަތުގެ ރޫހު އާލާކުރުމަށް 1 އޮކްޓޫބަރު 2025 ގައި ފެށި "ނެޝަނަލް ސަރވިސް ޕްރޮގްރާމް" ގެ ފުރަތަމަ އަހަރުގެ އަމާޒު ކަމަށްވާ 1،000 ޒުވާނުން ތަމްރީނުކުރުމުގެ ލަނޑުދަނޑި ވަނީ ހާސިލުކޮށްފައެވެ. މިގޮތުން ތިން ބެޗަކުން ޖުމްލަ 1,028 ޒުވާނުން ދަސްވެނިވެފައިވާއިރު، ވަތަނީ ޚިދުމަތުގެ ހަތަރު ވަނަ ބެޗުގައި ހިމެނޭ 352 ބައިވެރިންނާއެކު މިހާރު ވެސް ތަމްރީނުތައް ކުރިއަށްދެއެވެ. މީގެއިތުރުން "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" މެދުވެރިކޮށް ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފުޅާކޮށް، އޭ-ލެވެލް މަންހަޖުގެ ތެރެއަށް "ވޮކޭޝަނަލް ޕާތުވޭ" ތަޢާރަފުކޮށް އަތޮޅުތެރޭގައި މަތީ ތަޢުލީމާއި ހުނަރުގެ މަޝްރޫއުތައް ވަނީ ހިންގާފައެވެ.
މިއްލަ ވިޔަފާރި ފަށަން އެދޭ ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ޔޫތު އެންޓަރޕްރެނަރޝިޕް ފައިނޭންސިންގ ފެސިލިޓީ" ފަދަ ލުއި ލޯނު ސްކީމްތައް ވަނީ ތައާރަފުކޮށްފައެވެ. އަދި ޕްރައިވެޓް ސެކްޓަރުގައި ދިވެހިންނަށް ވަޒީފާ ކަށަވަރުކުރުމަށާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދައިގެން ޒުވާނުންނަށް ރައްކާތެރި އާމްދަނީއެއް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.
ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤު ކަމުގައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި މާލެއާއި އަތޮޅުތަކުން ވެސް ޒުވާނުންނަށް ޚާއްސަ ކޯޓާއެއް ވަނީ ކަނޑައަޅާފައެވެ.
މާލޭގައި އަލަށް ޤާއިމުކުރެވުނު "ޔޫތު ހަބް" (ތާރޑް ސްޕޭސް) ގައި ފަންނުވެރިންނަށް ޚާއްސަ ޖާގައާއި، މިއުޒިކް ރެކޯޑިންގ ސްޓޫޑިއޯއާއި، ހިލޭ ކިޔެވޭނެ ސްޓަޑީ ހޯލްތައް ވަނީ ހިމަނާފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމަށް ޔޫތު ހަބްގެ ތެރޭގައި "ހެޕިނަސް ލައުންޖް" ޤާއިމުކޮށް، ހިލޭ ކައުންސެލިންގެ ޚިދުމަތް ވަނީ ފަށާފައެވެ.
ޤައުމީ ފެންވަރުގެ ނިންމުންތަކުގައި ޒުވާނުންގެ އަޑު އިއްވުމަށް "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު" އެކުލަވާލައި، "ޔޫތު ކޮފީ ވިތް ދަ ޕްރެޒިޑެންޓް" އަދި ނެޝަނަލް ޔޫތު ކޮންފަރެންސް ފަދަ ޙަރަކާތްތައް ވަނީ ބާއްވާފައެވެ. އަދި ފަންނުވެރިކަމުގެ ދާއިރާއިން އާޓް ގެލެރީތަކާއި "މީޑިއާ ވިލެޖް" އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައުޓްޑޯ ޖިމްތަކާއި ވޮލީ ކޯޓުތައް އެޅުމުގެ އިތުރުން، ހުޅުމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ނެޝަނަލް ފުޓްސަލް އެރީނާ ޤާއިމުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ
ޤައުމުގެ އިޤްތިސާދު ނަގައި ކޮޅަށް ޖެހުމަށް ކުރެވުނު މަސައްކަތްތައް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައަްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ސަރުކާރުގެ އިޤްތިސާދީ އެޖެންޑާ މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެމް.އެސް.އެމް.އީ) ބާރުވެރިކުރުވުމަށެވެ. ވެރިކަމާ ހަވާލުވިއިރު އޮތް މާލީ ނާޒުކު ހާލަތުން އަރައިގަނެ، ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ނުރައްކަލުން ޤައުމު ސަލާމަތްކުރުމަށް މުހިންމު އިސްލާހީ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
މި އަހަރުގެ ފާއިތުވި އަށް މަސްދުވަހުގެ ތެރޭގައި އެކަނިވެސް ދައުލަތުގެ ދަރަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ހާމަކުރައްވާފައެވެ. ދައުލަތުގެ ރިޒާވުން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ދަރަނި ދެއްކުމަށާއި ތެޔޮ އެތެރެކުރުމަށެވެ. އެގޮތުން 2015 އިން 2023 އަށް ދެއްކި މިންވަރާ އެއްވަރުގެ ބޮޑު އަދަދެއް މި އަހަރުގެ މިހާތަނަށް ދައްކަން ޖެހުމަކީ ސަރުކާރަށް ކުރިމަތިވި ބޮޑު މާލީ ތަކުލީފެކެވެ. މީގެއިތުރުން، ތެލަށް ކުރާ ހޭދަ މި އަހަރު 683 މިލިއަން ޑޮލަރަށް ދަށްކުރެވިފައިވާއިރު، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރީގެ ރައީސް ސާލިހުގެ ވެރިކަމުގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލް (ފެސިލިޓީ) ވެސް މިހާރު ވަނީ އެއްކޮށް ދައްކައި ނިންމާފައެވެ. މި ފެސިލިޓީގެ ތެރެއިން މި ސަރުކާރުން ވަނީ ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު، 11 މޭ 2024 ގައި އިތުރު 50 މިލިއަން ޑޮލަރު، އަދި އެންމެ ފަހު 50 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓް 17 ސެޕްޓެމްބަރުގައި ދައްކައި މުޅި ދަރަނި އެއްކޮށް ޚަލާސްކޮށްފައެވެ.
އިންވެސްޓްމަންޓް މާހައުލު ހަރުދަނާކުރުމަށްޓަކައި 40 އަހަރުވީ ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ވަނީ ޒަމާނީ ބަދަލުތައް ގެނެވިފައެވެ. މީގެ ބޭނުމަކީ ދިވެހި ވިޔަފާރިތައް ހިމާޔަތްކުރުމާއެކު އައު ދާއިރާތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމެވެ. އަދި ގޫގުލްގެ ސަބްމެރިން ކޭބަލް އެޅުމުގެ މަޝްރޫއާއި، އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ ހިމެނޭހެން ޓްރޭޑް އެކްސެލެރޭޝަން ޒޯނެއް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ރޮނގުން "ރަސްމާލެ" ފަދަ ބޮޑެތި މަޝްރޫއުތަކަކީ ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަކަން ހޯދައިދީ، ބިމުގެ ދަތިކަން ހައްލުކޮށް ގެދޮރުވެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ ގޮތަށް އެސް.އެމް.އީ ޑިޖިޓަލް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން އަލީބާބާ ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކާ ގުޅިގެން 'އޮތެންޓިކް މޯލްޑިވްސް' ގެ އުފެއްދުންތައް ބޭރުގެ މާކެޓަށް ނެރުމަށް މަސައްކަތްކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ޖީ.ޑީ.ޕީގެ 15 އިންސައްތައަކީ ކްރިއޭޓިވް އިންޑަސްޓްރީގެ ހިއްސާއަށް ހެދުމެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، 2024 ވަނަ އަހަރު 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް ރެކޯޑެއް ހެދިއިރު، ޙަލާލް ޓޫރިޒަމާއި އިސްލާމިކް ފައިނޭންސްގެ އޮނިގަނޑު ހަރުދަނާކުރުމަށް ވެސް ވަނީ އިސްކަންދީފައެވެ.
މި ހުރިހާ އިސްލާހީ ފިޔަވަޅުތަކަކާއެކު ވެސް، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އިޤްތިސާދީ ކުރިއެރުމުގެ ދުވެއްޔަށް ވަނީ އަސަރުކޮށްފައެވެ. 2025 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު 6.3 އިންސައްތައިގައި ކުރިއަރާނެކަމަށް ލަފާކުރެވުނު ނަމަވެސް، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުފެއްދުންތެރިކަން (ރިއަލް ޖީ.ޑީ.ޕީ) ހުރީ 0.03 އިންސައްތައިގައެވެ. އަދި ވޯލްޑް ބޭންކުން މި އަހަރަށް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ލަފާކޮށްފައިވަނީ 0.7 އިންސައްތައިގައެވެ. މި ހިސާބުތަކުން ދައްކަނީ މާލީ ހަމަޖެހުން ދެމެހެއްޓުމުގައި ދުނިޔޭގެ އަދި އެތެރޭގެ ބޮޑެތި ގޮންޖެހުންތަކެއް އަދިވެސް ހުރި ކަމެވެ.
ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ދިވެހި ޒުވާނުންނަށް ވަނީ އުންމީދީ އަދި އުފެއްދުންތެރި މާހައުލެއް ބިނާކޮށްދެވިފައެވެ. ތައުލީމާއި، އިޤްތިސާދާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެމުންދާއިރު، ޤައުމުގެ މާލީ ހަމަޖެހުމާއި އިޤްތިސާދީ ދުވެލި ވަރުގަދަކުރުމަށް އެޅެމުންދާ ފިޔަވަޅުތަކަކީ މުސްތަޤުބަލަށް ކޮށޭ މުހިންމު މަގެކެވެ. ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ކާމިޔާބުވެ، ދިވެހި ރައްޔިތުންނަށާއި ޒުވާނުންނަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ލިބުން ބިނާވެފައިވަނީ، މި މާލީ އިސްލާހުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭ މިންވަރެއްގެ މައްޗަށެވެ.