ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ފޭރާމަށް ބަލާއިރު، ދިވެހި ކޮންމެ ރައްޔިތަކަށް އަބުރުވެރި، އަމާން އަދި ދެމެހެއްޓެނިވި ހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަކީ ޒަމާނުއްސުރެ ދައުލަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މައްސަލައިގެ ސަބަބުން އާއިލާތަކުގެ އިޖުތިމާއީ ދުޅަހެޔޮކަމަށާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑެތި ބުރަތަކެއް އުފުލަން ޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މއިިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ އިސް ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ޒަމާންވީ މި ތަކުލީފަށް ދާއިމީ އަދި ޖުމްލަ ހައްލެއް ހޯދައިދިނުމެވެ. އެގޮތުން ކުރީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ނިންމުމާއި، އައު ވިސްނުންތަކާއެކު ބިޔަ މަޝްރޫއުތައް ފެށުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް، ޒަމާނީ ފެންވަރުގެ އިކޯ-ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ "ރަސްމާލެ" މަޝްރޫއަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތަސައްވުރުގެ އެންމެ މައި ބިންގަލެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ އަމާޒަކީ ޖުމްލަ 65,000 ހައުސިންގ ޔުނިޓް ގާއިމުކުރުމެވެ. މި މަޝްރޫޢުގެ ޚާއްސަ ކަމަކީ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުނުވާނެހެން އަދި ޤައުމުގެ ދަރަނި އިތުރުނުވާނެ ފަދަ އީޖާދީ މޮޑެލްތަކެއް ބޭނުންކޮށްގެން، ބޭރުގެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް މިކަން ކުރިއަށް ގެންދިއުމެވެ. މީގެއިތުރުން "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ރަސްމާލެއިން 15,000 ގޯތި ދޫކުރުމަށާއި، މާލޭ ރައްޔިތުންނަށް ހާއްސަކޮށް ހުޅުމާލެ އާއި ވިލިމާލޭގައި 7,900 ތިން ކޮޓަރީގެ ފްލެޓް އެޅުމަށް ވަނީ އިއުލާންކުރެވިފައެވެ. މިއީ ޝަރުތުހަމަވާ އެންމެންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދިނުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.
އައު މަޝްރޫއުތަކުގެ އިތުރުން، ކުރީ ސަރުކާރުން ފަށާފައިވާ "ބިންވެރިޔާ" ސްކީމްގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ވަނީ އިސްކަންދީފައެވެ. ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި ދޫކުރި ގޯތިތަކުގެ ލޭންޑް ޔޫސް ޕްލޭނަށް، އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށްޓަކައި ގެނައި ބަދަލުތަކާއެކު، އިންސާފުވެރިކަމާއެކު އަލުން ގުރުއަތު ނަގައި ރަޖިސްޓްރީ ދޫކުރުމުގެ މަރުހަލާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ގިރާވަރުފަޅަށް ބަލާއިރު، އެތަނުން 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އަދިވެސް ނުހިކި އޮތް 97.15 ހެކްޓަރުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅުގައިވެސް، އެކި ސައިޒުތަކުގެ ޖުމްލަ 4,000 އަށްވުރެ ގިނަ ގޯތި ދޫކުރުމުގެ އިދާރީ ކަންކަން ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި 1250 އަކަފޫޓުގެ 2605 ގޯއްޗާއި، 1650 އަކަފޫޓުގެ 1213 ގޯއްޗާއި، 2050 އަކަފޫޓުގެ 253 ގޯތީގެ އިތުރުން 2450 އަކަފޫޓުގެ 1 ގޯތި ހިމެނެއެވެ. ހަމައެއާއެކު ހުޅުމާލެ ފޭސް 3 އިން ދޫކުރި 698 ގޯތީގެ ތެރެއިން 603 ބިމެއްގެ އިންވަކިކޮށް، ގިނަ ފަރާތްތަކަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ބާރަށް ހިނގަމުންނެވެ.
ބޯހިޔާވަހިކަމަކީ ހަމައެކަނި ބިން ދޫކުރުމެއް ނޫނެވެ. އެއީ އުސޫލުތަކަށް ގެންނަ އިސްލާހުތަކުން ރައްޔިތުންނަށް ފަސޭހަކޮށްދިނުންވެސް މެއެވެ. އެގޮތުން، މީގެކުރިން އޮތް ބޭއިންސާފު އުސޫލެއް ކަމަށްވާ، ސަރުކާރުގެ ބޯހިޔާވަހިކަމެއް ލިބުމުން ކުރިން އޮތް 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އޮތް އުސޫލު ރައީސް ޑރ. މުއިއްޒު ވަނީ އުވާލައްވާފައެވެ. މިއީ އާންމު ރައްޔިތުންގެ މިލްކިއްޔާތު ރައްކާތެރިކޮށްދިނުމަށް ނިންމެވި ވަރަށް މުހިންމު ނިންމެވުމެކެވެ.
މީގެއިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް ހުޅުމާލޭގައި އަޅަމުންދިޔަ 4,000 ފްލެޓްގެ މަސައްކަތް ފާއިތުވި ތިން އަހަރުގެ ތެރޭގައި ނިންމައި ތަޅުދަނޑި ހަވާލުކުރަން ފެށުމާއި، އީގަލް ހިލްސްއާ ގުޅިގެން ޒުވާނުންނަށާއި، މަސްވެރިންނަށާއި، ރިސޯޓް މުވައްޒަފުން ފަދަ މަސައްކަތްތެރިންނަށް ހާއްސަކޮށް 2028 ވަނަ އަހަރަށް ނިންމުމަށް ތާވަލުކޮށްފައިވާ 5,000 ފްލެޓްގެ މަޝްރޫޢަކީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެވެ.
މި ސިޔާސަތު ހަމައެކަނި މާލެ ސަރަހައްދަށް ހަނިވެފައެއް ނެތެވެ. ލާމަރުކަޒީ އުސޫލުން މުޅި ރާއްޖެއަށް ތަރައްޤީ ފޯރުކޮށްދިނުމުގެ ގޮތުން، 2025 ގެ ނިޔަލަށް އަތޮޅުތެރޭގެ 13 ރަށެއްގައި ހައުސިންގ ޔުނިޓްތައް އެޅުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް، ފައިސާގެ އިންތިޒާމުތައް ހަމަޖައްސައި އެޑްވާންސް ފައިސާ ވަނީ ދޫކުރެވިފައެވެ. އަދި އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލުއި އިންޓްރެސްޓް ރޭޓްތަކެއްގައި ހައުސިންގ ފައިނޭންސް ލިބޭނެ މަގުވެސް ވަނީ ފަހިކޮށްދީފައެވެ.
މަޝްރޫއުތަކުގެ ބޮޑުކަމާއި ދުނިޔޭގެ މާލީ ހާލަތުގެ ސަބަބުން މަސައްކަތުގެ ދުވެއްޔާ މެދު އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ސަރުކާރުގެ އަމާޒު ހުރީ ސާބިތުކަމާއެކުގައެވެ. މި ސަރުކާރުގެ ލަނޑުދަނޑިއަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށް އަންނައިރު، ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ނިންމައި ރައްޔިތުންނަށް އެ ތަންތަނުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ފާއިތުވި ތިން އަހަރަކީ ބޯހިޔާވަހިކަމުގެ ހަގީީޤީ ބިންގާތައް އެޅި، ލިޔެކިޔުމުގައި ހުރި ޕްލޭންތައް އަމަލީ ސިފައަކަށް ބަދަލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެވުނު ދުވަސްވަރެކެވެ. ރަސްމާލެއާއި އަތޮޅުތެރޭގެ ހައުސިންގ ޕްރޮޖެކްޓްތަކަކީ ހަމައެކަނި އިމާރާތްތަކެއް ނޫނެވެ. އެއީ ދިވެހި ރައްޔިތުންގެ މުސްތަޤުބަލާއި، އިޖުތިމާއީ ހަމަޖެހުމާއި ގުޅިފައިވާ އުންމީދުގެ ދަންމަރެވެ. މި މަސައްކަތްތައް ނިމުމަކާ ހަމައަށް ދާއިރު، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ކާރިސާއަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.