ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވުމާއެކު، ދިވެހީންގެ ޤައުމިއްޔަތާއި އާދަކާދައިގެ އެންމެ މައިގަނޑު ބިންގަލަކީ މާތްވެގެންވާ އިސްލާމްދީނެވެ.
ފާއިތުވީ ތިން އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އިސްލާމްދީން ކުރިއެރުވުމަށާއި، ވަކިން ޚާއްސަކޮށް ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އަށަގަންނުވައި، ދީނީ ކަންކަމުގައި ޒުވާނުން ބައިވެރިކުރުމަށް އިސްކަންދީގެން ގިނަގުނަ މަޝްރޫއުތަކެއް ހިންގާފައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މެދުވެރިކޮށް ގެންދެވުނު މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ދީނީ ދާއިރާއަށް ވަނީ އައު ދިރުމެއް ލިބިގެން ގޮސްފައެވެ.
މި ސިޔާސަތުގެ ދަށުން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ "ޒުވާން ޚަތީބު" ޕްރޮގްރާމެވެ. ރަށްރަށުގެ މިސްކިތްތަކުގައި ހުކުރު ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރާނެ މީހުން ލިބުމުގެ ދަތިކަން އޮތް އޮތުމަށް ހައްލެއް ހޯދުމުގެ ގޮތުން މިހާތަނަށް ފަސް ބުރެއްގެ މަތިން 700 އަށްވުރެ ގިނަ ޒުވާނުން ވަނީ ތަމްރީނުކޮށްފައެވެ.
ޒުވާން ހަތީބުން ތަމްރީން ޕްރޮގުރާމަކީ މި ދައުރުގައި ކުރިއަށް ގެންދެވޭ އެންމެ ކާމިޔާބު އެއް ޕްރޮގުރާމުކަން ފާހަގަކޮށްލެވެއެވެ. އެ ޕްރޮގްރާމަކީ ގްރޭޑް 10 އާއި ގްރޭޑް 11 އަދި ގްރޭޑް 12 ގައި އުޅޭ ކުދިންގެ އިތުރުން ސްކޫލު ނިމިފައިވާ ޒުވާން ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދައުރުގެ ތެރޭގައި 1،000 ހަތީބުން ތަމްރީނު ކުރުމަށެވެ.
ސްކޫލް ނިންމާ އުމުރުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގި މި ޕްރޮގްރާމުގެ ސަބަބުން، މިންބަރުތަކަށް ޒުވާން ޖީލެއް އުފެދި، ރަށްރަށުގެ ޒުވާނުން ދީނީ ޚިދުމަތަށް ނުކުތުމަށް ބޮޑު ހިތްވަރެއް ލިބިގެންދިޔައެވެ. މިއީ ޤައުމީ ފެންވަރުގައި ޒުވާނުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
2023 އިން 2026 އަށް ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ހާފިޒުން އުފެއްދުމުގެ ދާއިރާއިންވެސް ތާރީޚީ ކުރިއެރުންތަކެއް ވަނީ ހޯދިފައެވެ. އެގޮތުން ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމަށްޓަކައި ހާފިޒުންނަށް ދޭ މަހު އެލަވަންސް ވަނީ ދެގުނައަށް ބޮޑުކޮށްފައެވެ. މީގެއިތުރުން ސަނަދު ހާސިލުކުރާ ކޮންމެ ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެއްޔާއި، ދައުލަތުގެ ޚަރަދުގައި އުމްރާ ދަތުރެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ހާފިޒުކަމުގެ ސަނަދަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ ޤައުމީ ފެންވަރުގެ ސަނަދަކަށް ހެދުމުން ހާފިޒުންނަށް އިތުރު ޤަދަރަކާއި ފުރުސަތުތައް ފަހިވިއެވެ. މި ދައުރުގެ ތެރޭގައި 500 ހާފިޒުން އުފެއްދުމުގެ ލަނޑުދަނޑީގެ ދަށުން، މިހާތަނަށް 310 ހާފިޒުން ދަސްވެނިވެފައިވާއިރު، ގާތްގަނޑަކަށް 2,000 ކުދިން މިހާރުވެސް ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ.
ދީނީ ތއުުލީމާއި ވަސީލަތްތައް ފުޅާކުރުމުގެ ދާއިރާއަށް ބަލާއިރު، މާލެއަށް އެކަނި ބަރޯސާނުވެ، އަތޮޅުތެރޭގެ 30 ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް އަލަށް ޤާއިމުކޮށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި ޤުރުއާނުގެ އިލްމު ދިރާސާކޮށް ކުރިއެރުވުމަށް 15 ބުރީގެ ޒަމާނީ މަރުކަޒެއް އެޅުމުގެ އަމަލީ މަސައްކަތްތައް ވެސް ދަނީ ރޭވެމުންނެވެ. ހަމައެއާއެކު، 6 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، ޒަކާތު ސްކޮލަރޝިޕް އަލުން އިއުލާނުކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުން އިސްލާމީ ޢިލްމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ޒުވާނުންނަށް މަގުފަހިކޮށްދެވުނެވެ.
މުޖުތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަމިއްލަ ޖަމިއްޔާތައް ބާރުވެރިކުރުވުމަކީ ވެސް އިސްކަންދެވުނު ކަމެކެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ދީނީ ހަރަކާތްތަކާއި ޤުރުއާން ކްލާސްތައް ހިންގާ މަދަނީ ޖަމިއްޔާތަކަށް 1.2 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މީގެއިތުރުން "މަޢުރިފާ ބުކް ފެއަރ" ފަދަ އިސްލާމީ ފޮތް މައުރަޒުތަކާއި މީޑިއާ ފޯރަމްތައް މެދުވެރިކޮށް، ދީނީ އަދި ތާރީޚީ އިލްމަށް ޒުވާނުންގެ ޝައުޤުވެރިކަން ވަނީ އިތުރުކޮށްފައެވެ. ދީނީ ޚިދުމަތްތައް ހަރުދަނާ ކުރުމުގެ އެންމެ ބޮޑު އެއް ބިންގަލަކަށް ވެގެންދިޔައީ "މޯލްޑިވްސް ޒަކާތު ހައުސް" އުފައްދައި، ޒަކާތާ ބެހޭ ޤާނޫނެއްގެ ދަށުން ޒަކާތު ފަންޑު އިޖުތިމާޢީ އަދި ތައުލީމީ ދާއިރާތަކަށް އެހީތެރިވެވޭނެ ހަރުދަނާ ނިޒާމަކަށް ބަދަލުކުރުމެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން އިސްލާމީ ދާއިރާއަށް ގެނެސްދީފައިވަނީ އުފެއްދުންތެރި، ޒަމާނީ އަދި ދެމެހެއްޓެނިވި ބަދަލުތަކެކެވެ. މިއަދު ފެންނަމުން މިދަނީ ދިވެހި ޒުވާނުން ދީނީ ޝިއާރުތަކަށް އިހްތިރާމްކޮށް، ޤުރުއާނާއި މިސްކިތުގެ މިންބަރުތަކަށް ލޯބިކުރާ މަންޒަރެވެ. މިއީ މުސްތަޤުބަލުގައި އިސްލާމީ ވަރުގަދަ އަޤީދާއެއްގެ މަތީގައި ޤައުމު ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެކެވެ.