ބަންގިގޮވަން ގާތްވުމުން އެކުވެރިންނަށް ނަމާދަށް ހަނދުމަކޮށްދިނުމަކީވެސް ދީނަށް ނަޞްރު ދިނުން! ގިނަ ޘަވާބު ލިބިގަންނަން ފަސޭހައިން ކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 1ސ
ބަންގިގޮވަން ގާތްވުމުން އެކުވެރިންނަށް ނަމާދަށް ހަނދުމަކޮށްދިނުމަކީވެސް ދީނަށް ނަޞްރު ދިނުން! ގިނަ ޘަވާބު ލިބިގަންނަން ފަސޭހައިން ކުރެވެން އޮތް ކަމެއް!

ސޯޝަލް މީޑިއާ ބޭނުންކުރާ ކޮންމެ މީހަކުވެސް ހިމެނޭ ޢާއިލީ ގްރޫޕްތަކާ އެކުވެރިންގެ ގްރޫޕުތައް ބައިވަރެވެ. ނިކަން ބުނެބަލާށެވެ! އެންމެ ފަހަރަކުވެސް ނަމާދު ވަޤުތެއް ކައިރިވުމުން އެކަން ގްރޫޕުގައި ހާމަކޮށްލެވުނު ހެއްޔެވެ؟ އެންމެ ކުޑަމިނުން "މެންދުރު ނަމާދު ވަޤުތު: 12:00" މިވަރަށް ޕޯސްޓްކޮށްލެވުނަސް އެއޮތީ ގްރޫޕުގައި ހިމެނޭ ނަމާދަށް ދަޢުވަތުދެވިފައެވެ.  

އެކަމުން ކުރާނެ ފައިދާއަށް ވިސްނައިނުލަނީ ކީއްވެގެން ހެއްޔެވެ؟ އާދޭސްކޮށްފައި ބުނަމެވެ. ފުރަތަމަ ކަމަކަށް ނަމާދުކުރާ މީހަކަށްވާށެވެ! ދެން ނަމާދަށް ހަނދާންކޮށްދޭ މީހަކަށްވާށެވެ! އެކަމުން ދިރިއުޅުމަށް އަންނަ ތަފާތު ނިކަން ތަޖުރިބާކޮށްލައިބަލާށެވެ!  

ގުޅުންހުރި ލިޔުމެއް! 

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ދީނަށް ދަޢުވަތުދިނުމަކީ ހަމައެކަނި ކާފިރުން އިސްލާމް ކުރުވަން މަސައްކަތްކުރުން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ނަމާދުވަޤުތުޖެހުމުން މުސްލިމަކަށް ނަމާދުކުރަން ހަނދުމަކޮށްދިނުމަކީވެސް އަދި ނަމާދުނުކުރާ ނުވަތަ ނަމާދަށް ފަރުވާ ކުޑަކުރާ މީހެއްގެ ގާތުގައި ނަމާދުކުރަން ބުނުމަކީވެސް ހަމަ ދީނަށް ދަޢުވަތު ދިނުމެވެ. ދީން މަތިވެރިކުރަން މަސައްކަތްކުރުމެވެ.  

އަދި ދީނުގައި ބަޔާންވެގެންވާ ކޮންމެ ހެޔޮ ޢަޢަމަލެއްވެސް ކުރަން ބުނުމާއި އަދި ދީނުގައި ނަހީކުރައްވަވާފައިވާ ކަންކަން ނުކުރަން ބުނުމަކީވެސް ދީނަށް ދަޢުވަތުދިނުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ.  

ވިސްނާށެވެ! ޢިލްމުވެރިން ބުރަ އުފުއްލަވައި މާދުރު ޤައުމުތަކަށް ވަޑައިގެން ދަރުސްތައް ދެއްވަވަނީ ކީއްކުރައްވަން ހެއްޔެވެ؟ ހަމަ އެއް ބޭނުމަކުއެވެ. ދީނަށް ދަޢުވަތު ދެއްވުމަށެވެ. ވީމާ ކޮންމެ މީހަކަށްވެސް ތިމާއަކީ ﷲ ތަޢާލާގެ ދީނަށް ދަޢުވަތުދޭ މީހަކަށްވުމުގެ ފުރުޞަތު އެބައޮތެވެ. އޮތީ އެކަމުން ލިބެން އޮތް ގިނަގުނަ ހޯދަން މަސައްކަތްކުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

މާތް ﷲ ގެ ދީނަށް ދަޢުވަތު ދިނުން- 

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް ދަޢުވަތު ދިނުމަކީ، ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ވަޒީފާއެވެ. އެންމެ މަތިވެރި، އެންމެ މާތް ވަޒީފާއެވެ.  

މާތް ﷲ ގެ ދީނަށް ދަޢުވަތު ދިނުމޭ ބުނުމުން، ބައެއް މީހުންގެ ހިތަށް އަރަނީ، އެއީ ހަމައެކަނި ޢިލްމުވެރީންގެ ޒިންމާއެއް ކަމުގައެވެ. މިއީ  ރަނގަޅު ވިސްނުމެއް ނޫނެވެ. ތެދެކެވެ. ޢިލްމުވެރީންނަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ވާރުތަވެރީންނެވެ. އެ ބޭކަލުން ވާރުތައިގެ ގޮތުގައި ދީނާރެއް ދިރުހަމެއް ދުލެއް ނުކުރައްވައެވެ. ދޫކުރެއްވީ ޢިލްމެވެ. އެ ޢިލްމު ލިބިއްޖެ މީހަކު، ޙަދީޘުގައިވާ ފަދައިން، ވަރަށް ބޮޑު ނަސީބެއް ހާސިލުކޮށްފިކަން ކަށަވަރެވެ. އެހެންކަމުން، ޢިލްމުވެރީންގެ ދަރަޖަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި، ކިޔަމަންތެރި ޒާހިދު އަޅުވެރިޔާއަށް ވުރެ މަތިވެރިވެގެންވެއެވެ.  

އާދޭހެވެ! މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް އެންމެ ފުރިހަމައަށް ދަޢުވަތު ދެވޭނީ ޢިލްމުވެރީންނަށް ކަމާމެދަކު ޝައްކެއް ނެތެވެ. އެހެނީ، އެ ބޭފުޅުންނަކީ ދީނުގެ މަޢުލޫމާތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުންނެވެ. ގިނަ އަހަރުތަކެއް ވަންދެން ދީން ދިރާސާކުރައްވައި މުޠާލިޢާކުރެއްވި ބޭފުޅުންނެވެ. ދީނީ ދަޢުވަތު ފެތުރުމަށް ބޭނުންވާ އެންމެ އަސާސީ ހަތިޔާރު ހުރީ އެ ބޭފުޅުންގެ އަތްޕުޅުގައެވެ. އަދި އެކަމަށް އެންމެ ރަނގަޅު މަގާއި އެންމެ ސާފު މަންހަޖަކީ ކޮބައިކަން ވެސް އެނގިވަޑައިގަންނަވާ ބޭފުޅުންނަކީ ހަމަ އެ ބޭފުޅުންނެވެ. 

ކަން އޮތީ އެހެން ކަމުގައި ވިޔަސް، ދީނީ ދަޢުވަތަކީ ހުރިހައި މުސްލިމުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. އެ މީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުންނެވެ. އެނގޭ މިންވަރަކުންނެވެ. އޭގައި ޢާލިމެއް ޖާހިލެއްގެ ތަފާތެއް ނެތެވެ. އެހެނީ، މާތް ނަބިއްޔާ ﷺ އުންމަތަށް އިރުޝާދު ދެއްވައިފައިވަނީ، އެކަލޭގެފާނުގެ އަރިހުން އެންމެ އާޔަތެއްގެ މިންވަރު ވިޔަސް އަނެކުންނަށް ފޯރުކޮށްދިނުމަށެވެ. އެހެންކަމުން، އެ މީހަކަށް އެނގޭ މިންވަރު އަނެކާއަށް ބަޔާންކޮށްދިނުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް ވާޖިބުވެގެންވާ ކަމެކެވެ.

އަޅުގަނޑުމެންގެ ތެރެއިން އެންމެންނަށް ވެސް، ނަމާދަކީ ފަރުޟެއްކަން އެނގެއެވެ. ޒަކާތާއި ރޯދައާއި ޙައްޖަކީ އަޅުކަމުގެ ތެރެއިން ފަރުޟު ކަންތައްކަން އެނގެއެވެ. ރާބުއިމާއި ޒިނޭކުރުމާއި ޖުވާކުޅުމާއި މީހުންގެ މުދާ ނުޙައްޤުން ކެއުމާއި ރިޝްވަތު ހިފުމާއި މީހުންގެ އަބުރުކަތިލުމާއި ޣީބަބުނުމާއި ވައްކަން ކުރުމާއި މާރާމާރީ ހިންގުމާއި މީހުން މެރުމާއި މި ނޫން ވެސް އެތައްއެތައް ކަމެއް މާތް ﷲ ވަނީ ނަހީކުރައްވައި ޙަރާމްކުރައްވައިފައިކަން ވެސް އެނގެއެވެ.

އެހެންކަމުން، ނަމާދު ނުކުރާ މީހަކު ފެނިއްޖެއްޔާ، އޭނާއަށް ނަމާދަށް ފަރުވާތެރިވުމަށް ބާރުއަޅާން ޖެހޭނެއެވެ. ރޯދަ ނުހިފާ މީހަކު ފެނިއްޖެއްޔާ، ރޯދަ ހިފުމަށް ބާރުއަޅާން ޖެހޭނެއެވެ. ޒިނޭކުރުމާއި ރާބުއިން ފަދަ ނުބައި ޢަމަލެއް މީހަކު ކުރާކަން އެނގެންޏާ، އޭނާއަށް ނަސޭހަތްތެރިވެ، މާތް ﷲ އަށް ބިރުވެތިވުމަށް ގޮވައިލަން ޖެހޭނެއެވެ. މި އުންމަތް، އެންމެ މަތިވެރި އުންމަތް ކަމުގައި ވެފައިވަނީ، ހެޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ނަހީކުރާ އުންމަތަށް ވާތީއެވެ.  

އާލު ޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ ۗ   މާނައީ: "މީސްތަކުންނަށް ޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް އީމާންވަމުއެވެ."

 

- ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން