ފަތިހު ނުހޭލައި ނިދާ މީހުންނަށް ލިބޭނެ 2 ދެރައަކީ ފޫބެއްދޭނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ފަތިހު ނުހޭލައި ނިދާ މީހުންނަށް ލިބޭނެ 2 ދެރައަކީ ފޫބެއްދޭނެ ކަމެއް ނޫން!

ފަތިހު ނުހޭލައި ނިދާ މީހުންނަށް ލިބޭނެ 2 ދެރައަކީ ފޫބެއްދޭނެ ކަމެއް ނޫން!

މީހަކަށް ދިމާވާ ގޮތަކުން އެއްރެއަކު ނުވަތަ ދޭތެރެއަކުން ފަތިސްނަމާދަށް ނުހޭލެވުމާއި އާދަވެގެން ނުހޭލުމަކީ މުޅިން ތަފާތު ދެކަމެކެވެ. އަދި ދިމާވާ ގޮތަކުން ފަތިސްނަމާދަށްފަހު ޢާންމުކޮށް ނިދުމާއިވެސް އެއީ މުޅިން ތަފާތު ދެކަމެކެވެ.  

ޞިއްޙީ ގޮތުން ނުވަތަ އެނޫން ކަމަކާއިހުރެގެން ނަމަވެސް ރޭގަނޑުގެ ނިދި ހަމައަށް ނުލިބޭމީހުންނަށްވެސް އޮތީ ފަތިހު ތެދުވެ ފަތިސްނަމާދުކުރުމެވެ. އަދި ޛިކުރުތައް ކިޔުމަށްފަހު ކޮންމެވެސް މަސައްކަތަކަށް ފެށުމެވެ. އެއީ ގޭތެރޭގެ މަސައްކަތެއް ނަމަވެސްމެއެވެ. އިރުއެރުމުން އިރުކޮޅަކު ނިދައިލަންވީއެވެ. އެއީ މައްސަލައެއް ނޫނެވެ.  

އެވަރުންވެސް ނިދިމަދުވާނަމަ އޮތީ މެންދުރުގެ ވަޤުތުގައި އިރުކޮޅަކަށް ނިދައިލުމެވެ. ޔަޤީންކުރަންވީ ފަރުޟް ފަސްނަމާދު ޖަމާޢަތުގައި ކުރެވޭކަމެވެ. އަންހެނުންނަށް ވަޤުތު ޖެހުމުން ވީހާ އަވަހަކަށް ގޭގައި ނަމާދުކުރުމަށެވެ.  

ފަތިހު ނުހޭލާ މީހުންނަށް ލިބޭނެ ދެ ދެރައަކީ ފޫބެއްދޭނެ ކަމެއް ނޫންކަން-:   

މުސްލިމް އަޚުންނޭ، މާތް ﷲ ދެއްވަވާ ރިޒްޤުގައި ބަރަކާތް ލައްވަވާ ކަންކަމުގެ ތެރޭގައި ފަތިހާ ތެދުވެ ރިޒްޤު ހޯދާ މަސެއްކަތް ފެށުން ވޭ. ކިރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވޭ --- "މާނައީ، ޙައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮށް، ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ހެނދުނުގެ ވަގުތުގައި ކުރާ މަސައްކަތުގައި ބަރަކާތް ލައްވާންދޭވެ." 

މުސްލިމް އަޚުންނޭވެ، ރޭގަނޑު ހޭލާހުރެފައި ފަތިހު ނިދާމީހުންނަށް ދެ ޣަނީމާއެއް ގެއްލޭ. އެއީ ފަތިސްނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތް. އެކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްޤުން މަހްރޫމްވޭ. ﷲ އޭނާގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ޙައްޤު އަދާ ނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެއް. އޮފީހަށް ގަޑިޖެހިގެން ދާ މީހާގެ މުސާރައިން އުނިވާގޮތަށް ޘަވާބާއި ދަރުމަވެސް އުނިވާނެ.  

ފަތިސް ނަމާދު ނުކުރުމުން ﷲ ސުބޫޙާނަހޫ ވަތަޢާލާގެ ރުއްސެވުމުން އޭނާ މަޙްރޫމްވާނެ. މި ވަޤުތުގެ ބަރަކާތުން އިންސާނާ މަޙްރޫމް ކުރެވޭތޯ ޝައިޠާނާ މަސައްކަތް ކުރާނެ. ރޭގަނޑު ކުޅިވަރުގައި ހޭލާ ހުރުން އޭނާއަށް ރީތިކޮށްދީ، ފަތިހު ތެދުވުން ބުރަ ކަމަކަށް ހަދާނެ. މިފަދަ މީހާގެ ގާތަށް ނިދި އަންނާނީ ފަތިސްވުމުން. އޭނާއަށް ފަތިސް ނަމާދުވެސް އަދި ދުވާލުގެ ފެށުންވެސް ގެއްލުނީ. ހިތާމައިގެ ކޮޅެއްވެސް ނެތް. 

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، ފަތިސްނަމާދަށް ރައްކާތެރިވެ ހެނދުނުގެ ވަޤުތުގައި ހީވާގި ކަމާއި އެކު ރިޒްޤު ހޯދަން މަސެއްކަތް ކުރާ މުރާލި ބަޔަކު ކަމުގައި އަޅަމެން ލައްވަވާންދޭވެ.  

އަޅުގަނޑުމެންނަށް އޮތީ މިފަދަ އަގުހުރި ނަޞީޙަތްތައް ޤަބޫލުކޮށް ޢަމަލުކުރުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެން އޮތީ އެމީހަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަމުންނެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން