ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތިމާ އެންމެ ބޮޑަށް ލޯބިވާ މީހާއާއި ކައިވެނިކުރެވިއްޖެނަމަ ދިރިއުޅުމުގައި އެއްވެސް މައްސަލައެއް ނުޖެހި އުފަލުގައި ދިރިއުޅެވޭނެ ކަމަށެވެ. ނަމަވެސް އެއީ ކުށް ވިސްނުމެކެވެ. ކިތަންމެ ބޮޑަށް ލޯބިވާ މީހަކާއި ކައިވެނިކުރެވުނަސް މައްސަލަތައް ޖެހެނޭނެއެވެ.
އެންމެ ޢާދައިގެ ކަންކަމުގައިވެސް މައްސަލަ ޖެހޭނެއެވެ. އަދި ބޮޑެތި ކަންކަމުގައިވެސް މައްސަލަ ޖެހޭނެއެވެ. މިކަންކަމުން އަރައިގަނެވޭނެ ގޮތަކާއިމެދު ދެމީހުން އެކުގައި ކަންބޮޑުވާންޖެހޭ ދުވަސްތައްވެސް އަންނާނެއެވެ.
މައްސަލަ ޖެހުނަސް އުފރަލުގައި ދިރިއުޅެވޭނެ ގޮތްވެސް އެބައޮތެވެ. އެއީ ކުށެއް ކުރެވިއްޖެނަމަ ދޮގުނުބުނެ ކުށަށް އިޢުތިރާފްވެ މާފަށް އެދުމާއި މާފުކުރުމެވެ. އަދި އެހިސާބުން އެވާހަކަ ނުވެސް ދެއްކުމެވެ. އެވާހަކަ ދައްކާނަމަ އެކަންވާނީ ދިރިހުރި މައްސަލައަކަށެވެ. އަބަދުވެސް ދާނީ ހެދިބޮޑުވަމުންނެވެ.
އެންމެ ލޯބިވާ މީހާގެ ކިބައިންވެސް ތިމާގެ ހިތް ނުރުހޭ ކަންކަން ފެންނާނެއެވެ. އޭނާއަށްވެސް ކުށްކުރެވޭނެއެވެ. އެކަމުން ކުރާ އަސަރުވެސް ބޮޑުވާނެއެވެ. ޔަޤީންކޮށްގެން ހުންނަންވީ އެއީ ކުރިމަތިވާނެ ކަންކަން ކަމަށެވެ. އަދި ކަންކަން ކުރިމަތިވުމުން ކުރިން މިބުނި މަގުން ޢަމަލުކުރާނަމަ އަބަދުވެސް އުފަލުގައި ތިބެވޭނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން