ނިކަމެތި އަންހެން ކުއްޖަކަށް ތަނަވަސް ބައިވެރިއަކު ލިބެން އުޅޭތީ ޙަސަދަވެރިވެ އަމިއްލަ ދަރިފުޅަށް އެޒުވާނާ ހޯދައިދޭން އުޅުނު ފަހަރިއަކަށްއަށް ލިބުނު ބޮޑުދެރައިގެ ވާހަކަ-

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 27ސ
ނިކަމެތި އަންހެން ކުއްޖަކަށް ތަނަވަސް ބައިވެރިއަކު ލިބެން އުޅޭތީ ޙަސަދަވެރިވެ އަމިއްލަ ދަރިފުޅަށް އެޒުވާނާ ހޯދައިދޭން އުޅުނު ފަހަރިއަކަށްއަށް ލިބުނު ބޮޑުދެރައިގެ ވާހަކަ-

އޭނާގެ މަންމައާއި ބައްޕަ ނިޔާވީ ދާދި ގާތުގައެވެ. އެއިރު އެމީހުންގެ ދަރިފުޅު ޝަރީފާގެ ޢުމުރަކީ 14 އަހަރެވެ. ޝަރީފާގެ ބެލެނިވެރިކަމާއި ޙަވާލުވީ ބޮޑުބޭނެއެވެ. ބޮޑުބޭބެ ޝަރީފާދެކެ ވަރަށް ލޯބިވެއެވެ. އެހެންވެ ގެއަށް ގެންގޮސްގެން ގެންގުޅެން ފެށިއެވެ.  

ބޮޑުބޭނެގެ އަނބިމީހާ ފުރަތަމަ ދުވަހުން ފެށިގެންވެސް ވިސްނަމުން ދިއައީ ޝަރީފާ ގެއިން ފޮނުވައިލެވޭނެ ގޮތަކަށެވެ. އެހެންވެ ބުރަކޮށް މަސައްކަތްކުރުވައެވެ. ކިޔަވާނެ ވަޤުތެއްވެސް ނުދެއެވެ. ދޭތެރެއަކުން ނުކުރާ ކަންކަން ބޮލުގައި އަޅުވައި މައްސަލަތައް ޖައްސުވައެވެ. ނަމަވެސް ބޮޑުބޭބެއަށް އެކަންކަން ހިނގާ ގޮތް ވިސްނޭތީ ޝަރީފާއަށް ސަލާމަތްވެވެނީއެވެ.  

އެންމެ ބޮޑު މައްސަލައަކަށްވީ ޝަރީފާގެ ޢުމުރުން 20 އަހަރުގައި ތަނަވަސް ޒުވާނަކު ޝަރީފާ އާއި ގުޅެން ބޭނުންވުމެވެ. ފަހަރި ބޭނުންވީ އޭނާގެ ދަރިފުޅު އެޒުވާނާއާއި ކައިވެނިކުރުވުމެވެ. އެހެންވެ ދެމައިން ރާވާލައިފަ އެޒުވާނާ ކެއުމަކަށް ގެނައެވެ.  

ކެއްކީ ޝަރީފާއެވެ. ކައްކައި ނިންމިފަހުން ސިއްރުން އެއަށް ލޮނާއި އެހެންވެސް ތަކެތި އަޅައި ރަހަ ނުބައިކޮށްލިއެވެ. އެކަން ޝަރީފާއަކަށް ނުއެނގެއެވެ. އެންމެންނަށްވެސް އެނގުނީ ކާން ފެށުމުންނެވެ. "މިއީ އެންމެ ކުޑަމިނުން އެއްޗެއް ކައްކަން އެނގޭ އަންހެނެއްވެސް ނޫން" ކަމަށް ބުނެ އެއްޗެތިކިޔަން ފެށުމުން ބޮޑުބޭބެ ބުނީ ޝަރީފާ މިގޭގައި ކައްކާތާ އެތައް އަހަރެއްވީއިރު މިފަދަ ކަމެއް މެދުވެރިނުވާ ކަމަށެވެ. ގޭގެ އެންމެންވެސް ކައި މިއުޅުނީ ޝަރީފާ ކައްކާ އެއްޗެތި ކަމަށެވެ.  

އެހިސާބުން ކަންކަން ވެގެން މިއުޅޭ ގޮތް ޒުވާނާއަށް ވިސްނުނެވެ. ވިސްނުމުން ބޮޑުބޭބެގެ ކިބައިން އެދުނީ އަވަހަށް ކައިވެނިކުރުމުގެ ހުއްދައަށެވެ. ފަހަރި ސުވާލުކުރީ ކައްކަން ނުއެނގޭ އަންހެނަކާއި ކައިވެނިކޮށްގެން އުލެވޭނީ ކިހިނަކުންތޯއެވެ؟ ޒުވާނާގެ ޖަވާބަކަށްވީ ޝަރީފާއަށް ކައްކަން ނުޖެހޭނެ ކަމާއި ކައްކަން މިހާރުވެސް ގޭގައި ދެއަންހެނުން ގެންގުޅޭ ކަމަށެވެ.  

ދެތިން ދުވަހެއްގެ ތެރޭގައި ކައިވެނިކުރެވިއްޖެއެވެ. ކައިވެނިކޮށްގެން ޝަރީފާ ގެއިން ގެންދިއަތާ ހަފްތާއެއްވެސް ނުވަނީސް ބޮޑުބޭބެ އިތުރު ކައިވެންނެއް ކޮށްގެން އަނބިމީހާ ގެއަށް ގެންގޮސްފިއެވެ. އަނބިމީހާ ޝަކުވާކުރުމުން ބުނީ އަނބިމީހާގެ ކެއްކުމަށް އިތުބާރުނުކުރާތީ ކަމަށެވެ. ކޮއްކޮ ޝަރީފާ ކެއްކީމާ އެއަށް އެއްޗެތި އަޅައި ރަހަނުބައިކުރަން ކެރުނު މީހަކަށް އަހުރެންނަށް ޒަހަރުދޭންވެސް ކެރޭނެ ކަމަށެވެ. ވީމާ އަނބިމީހާ ކައްކާ އެއްޗެތި ކެއުން މިހިސާބުން ނިމުނީ ކަމަށެވެ.  

ފިރިމީހާ ދެވަނަ އަނބިމީހާ އާއިއެކު ލޯބިން އުޅޭތަން ފެންނަން ފެށުމުން ކެތެއް ނުކުރެވުނެވެ. އަމިއްލައަށް ވަރިވެގެން ހިނގައްޖެއެވެ. އެކުގައި ދަރިފުޅު ގެންދަން އުޅުމުން ދަރިފުޅު ބުނީ ހުންނަން ބޭނުންވަނީ ބައްޕަގެ ގާތުގައި ކަމަށެވެ. އެހެންވެ ނުކުމެގެން ދާންޖެހުނީ އެކަންޏެވެ.  

މިޙާދިސާއިން ފާހަގަކޮށްލަން އަޅުގަނޑު ބޭނުންވާ ކަމަކީ ކުށެއް ނެތް ނިކަމެތި ކުދިންނަށް ދެރަދޭން މަސައްކަތްކުރާނަމަ އެކަން އެމީހަކާއި ދިމާއަށް އެނބުރި އަންނާނެ ކަމެވެ. ދަރިފުޅަށް ރަނގަޅު ބައިވެރިއަކު ހޯދައިދޭން ކުރަން އޮތްކަމަކީ ނިކަމެތިން ނިކަމެތިކުރުން ނޫންކަމާއި ރަނގަޅު ފިރިއަކު ހޯދައިދޭން މަސައްކަތްކުރުން ކަމެވެ.

 

- އިޙްޞާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން