އެއީ ކައިިވެނިކޮށްގެން ހުރި ޒުވާނެކެވެ. އެކަމަކު ހިތެއް ނުފުރެއެވެ. ހިލޭ އަންހެނުންނާއިއެކު ގުޅުން ހިންގައެވެ. އޭނާއަށް ޢިލްމްވެރިން ދެއްވާ ނަޞީޙަތުގެ އަޑުއިވޭކަމަކަށް ނުހަދައެވެ. މިހެން އުޅެނިކޮށް އޭނާގެ ވަޒީފާ ގެއްލުނެވެ. ވަޒީފާއެއް ހޯދަން އުޅެއުޅެ ލިބޭނެ ގޮތްނުވެ ހުއްޓައި އަތްމަތި އެކުގައި ހުސްވެ ގޮތް ހުސްވުމުން ޢިލްމްވެރިއެއްގެ އަރިއަހަށް ދިއައެވެ. އޭނާއަށްޓަކައި ހެޔޮ ދުޢާއެއް ކޮށްދެއްވެވުން އެދިގެންނެވެ.
ޢިލްމްވެރިޔާ ވިދާޅުވިއެވެ. "އަހުރެން ދުޢާކޮށްދޭނަމެވެ. އެކަމަކު ޝަރުޠެއް ކުރަން ބޭނުމެވެ." އެއީ ކޮންމެ ޝަރުޠަކަށްވީނަމަވެސް އެއްބަސްވާނެކަމަށް ބުނުމުން ޢިލްމްވެރިޔާ ވިދާޅުވިއެވެ. "އެކަމަކީ ކުރާ ކޮންމެ ކަމެއްވެސް ކުރަން ފެށުމުގެ ކުރިން ބިސްމިﷲ ކިޔައި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. ﷲ ތަޢާލާގެ މަތިވެރި އިސްމްފުޅު "ﷲ" ހިތަށް ގެނައުމެވެ."
އެއިގެ ދުވަސްކޮޅެއްފަހުން އެޒުވާނާ މިސްކިތުން ފެންނަން ފެށުމުން ޢިލްމްވެރިޔާ ސުވާލުކުރެއްވިއެވެ. "ދިރިއުޅުމުގެ ކަންކަން މިހާރު ކިހިނަކުން ހެއްޔެވެ؟" ޒުވާނާ ދެންނެވިއެވެ. "މިހުންނަނީ ލަދުން އެވާހަކަ ދައްކަންވެސް ނުކެރިފައެވެ. ރަނގަޅު ވަޒިފާއެއްވެސް ލިބިއްޖެއެވެ. ބަލިފައިވެސް އިޞްލާޙްކުރެވިއްޖެއެވެ. ޢިލްމްވެރިޔާއެވެ! އަޅުގަނޑު އަދިވެސް މިހުރީ ޢިލްމްވެރިޔާ ކުރެއްވެވި ޝަރުޠުގައި ހިފަހައްޓައިގެންނެވެ. ކޮންމެ ކަމެއް ކުރަން ފަށަމުންވެސް ބިސްމިﷲ ކިޔަމެވެ. އެހެންވެ ބިސްމިﷲ ކިޔާފައި ފާފަކުރަން ބިރުގަންނާތީ އަންހެންކުދިންގެ ގާތަށްދިއުންވެސް ހުއްޓައިލެވިއްޖެއެވެ. މިހާރު މިއަންނަނީ މިސްކިތަށެވެ. މިހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ."
ގުޅުންހުރި ލިޔުމެއް!:
"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ." (އަލްޢަލަޤް: 1)
މިއާޔަތާއިމެދު ވިސްނައިލާށެވެ! ހިރާފަރުބަދައިގެ ހޮހޮޅައިގައި އިންނަވަނިކޮށް ޖިބްރީލްގެފާނު ވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވީ ކިޔަވައި ވިދާޅުވުމަށެވެ. އެހިނދު އިތުރުއެކަލޭގެފާނު ވިދާޅުވީ ތިމަންކަލޭގެފާނީ ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ނުވަމުއެވެ. ދެން ޖިބްެީލްގެފާނު ވިދާޅުވީ " ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ!"
މިކަމުން އެނގިގެންދަނީ ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާއަށް ވަކީލްކޮށް، އެކަލާނގެ ޙަޟްރަތުން ވާގިއެދި އަދި އެކަލާނގެ މަތިވެރި ނަންފުޅުން ކުރަން ފަށައިފިނަމަ ކާމިޔާބުވާނެކަމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ޤިޔާމަތް ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ފިޔަވައި އެހެން ހުރިހާ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންވެސް ކަންބޮޑުވެވަޑައިގެން އުޅުއްވަވާނީ އެބޭކަލެއްގެ އަމިއްލަފުޅު ނަފްސާއިމެދުގައެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ކަންބޮޑުވެވަޑައިގަންނަވާނީ އިތުރުއެކަލޭގެފާނުގެ އުންމަތާއިމެދުގައެވެ.
މީސްތަކުންނޭވެ! ބިރުވެތިވާންވީ އެދުވަހަށެވެ! ތިމާ އެކަނިވެރިވެ ނިކަމެތިޙާލުގައި ހުރެ ﷲ ތަޢާލާގެ ޙަޟްރަތަށް ޖަވާބުދާރީވާންޖެހޭނެ ވަޤުތަށެވެ. ނަމަވެސް މިއަދު މީސްތަކުންގެ ކިބައިން ކަންބޮޑުވުން މިފެންނަނީ އެކަމަކަށް ނޫނެވެ. މިދުވެވެނީ ދުނިޔަވީ ކޮންމެވެސް އުފަލެއްގެ ފަހަތުންނެވެ. ނިކަން ބުނެބަލާށެވެ! އެގޮތަށް ކަންތައްކޮށްގެން އެދުވަހުގެ އެވަޤުތުގައި ތިމާއަށް ސަލާމަތްކަން ލިބޭނީ ކޮންގޮތަކުން ހެއްޔެވެ؟
ވީމާ ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާއަށް ވަކީލްކޮށް، އެކަލާނގެ ޙަޟްރަތުން ވާގިއެދި އަދި އެކަލާނގެ މަތިވެރި ނަންފުޅުން ކުރަންފަށާށެވެ! އެއިރުން ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކޮށް ހުރެވޭނެއެވެ. އެހެނީ ﷲ ތަޢާލާއަށް ބިރުވެތިވާ މުސްލިމަކު ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރަން އެމަގުން ނުފަށާނެތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން