ހައިހޫނުކަމުގައި ހުރި މީހަކަށް ކާނެ އެއްޗެއް ދިއްކޮށްލުމަކީ ކުރެވޭ ކުޑަކަމެއް ކަމަށް ނުދެކޭށެވެ! އެއީ ތިމާއާ ނަރަކައާ ދެމެދުގަ ލެވޭ އައްޑަނައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހައިހޫނުކަމުގައި ހުރި މީހަކަށް ކާނެ އެއްޗެއް ދިއްކޮށްލުމަކީ ކުރެވޭ ކުޑަކަމެއް ކަމަށް ނުދެކޭށެވެ! އެއީ ތިމާއާ ނަރަކައާ ދެމެދުގަ ލެވޭ އައްޑަނައެކެވެ!

އެއީ ރަނގަޅު ފެންވަރުގެ ރެސްޓޯރަންޓެއްގެ ބަދިގޭގައި މަސައްކަތްކުރާ އަންހެނެކެވެ. ކޮންމެ ރެއަކުވެސް އުކާލަން (ބާކީވެފައި) ހުންނަ ތަކެތި ކޮތަޅުތަކަށް އަޅައިގެން ގެންގޮސް އަވަށްޓެރި ފަޤީރުންނަށް ކާންދެއެވެ.  

އެކަން އެނގުމުން ސުޕަވައިޒަރު އެމައްސަލަ ވެރިންނަށް ހުށަހެޅިއެވެ. ހުއްދަ ނުނަގައި ކާތަކެތި ގެންދާ މައްސަލައެވެ. އެހެންވެ އޭނާ ޙާޒިރުކޮށް ސުވާލުކުރުމުން އޭނާ އެކަންކުރާ ގޮތް ކިޔައިދިނެވެ. "އަޅުގަނޑު އެއްޗެތި އަޅަނީ އެކަމަށް އަޅުގަނޑު ގަނެފައި ހުންނަ ކޮތަޅަށެވެ. އެއެއްޗެއްސަކީ އަޅުގަނޑު ނުގެންދާނަމަ މަސައްކަތު މީހުން ކުނިވަށިގަނޑަށް އަޅާނެ ތަކެއްޗެވެ. އަޅުގަނޑު އެކަންކުރަނީ ޞަދަޤާތެއްގެ ގޮތުގައެވެ. އެކަމުން ތަނުގެ ވެރިންނަށްވެސް ރަޙްމަތް ލައްވަވާނެތީއެވެ."  

އޭނާގެ ވާހަކަ ނިމުމުނުތަނާ ވެރިމީހާ ވަދެ ޖެހިގެން އުޅޭ މައްސަލަޢާއިމެދު ސުވާލުކުރުމުން އޭނާ އޭނާގެ ވާހަކަ ތަކުރާރުކުރިއެވެ. ވެރިމީހާގެ ނިންމުން އެނގޭހެއްޔެވެ؟ ވެރިމީހާ ނިންމީ އެކަމަކީ އެތަނުން ރަސްމީކޮށް ކުރާކަމަށް ހެދުމަށެވެ. އަދި އެކަންކުރަމުން އައިމީހާ އެކަމުގައި އިސް މީހަކަށް ހަމަޖައްސައި މަޤާމް މަތިކޮށް މުސާރަބޮޑުކުރިއެވެ.  

އެހެންވެ މިހާރު އެމަސައްކަތްކުރަނީ ތަނުގެ މުވައްޒިފުންނެވެ. މާގިނަ ތަކެތިވެސް ބަހައެވެ. އުފުލަނީވެސް ތަނުގެ ވެހިކަލުގައެވެ.  

ލޮބުވެތި އެކުވެރިންނޭވެ! އެއްގޮތަކުން ބަލާނަމަ އޭނާ އެކުރީ ވަރަށް ކުޑަކުޑަ ކަމެކެވެ. ނަމަވެސް އެކަން ކުޑަ ކަމަކަށް ނުވެއެވެ. ހައިހޫނުގައި ތިބި ބައަކަށް ކާންދެވޭތީއެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކުޑަކަމެއް ނޫނެވެ. ބޮޑުކަމެކެވެ. މަތިވެރިކަން ބޮޑުވެގެންވާ އަޅުކަމެކެވެ.  

ހޭލުންތެރިވާށެވެ! ހައިހޫނުކަމުގައި ހުރި އެންމެ މީހަކަށް ކާނެ އެތިކޮޅެއް ދިއްކޮށްލުމަކީވެސް މަތިވެރި ޞަދަޤާތެކެވެ. ކޮންމެ ޞަދަޤާތަކީވެސް ތިމާއާއި ނަރަކައާއި ދެމެދުގައި ލެވޭ އައްޑަނައެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން