މީސްތަކުންނޭވެ! އުޑުގައި މަތިވެރިވެގެންވާ މަޤާމެއްގައި ހުރި އިބްލީސް އުޑުން ބޭރުކޮށްލެއްވެވުނީ ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވި އެންމެ ސަޖިދައެއް ނުކުރުމުންނެވެ. އަހުރެމެންގެ މައްޗަށް ﷲ ތަޢާލާ މިވަނީ ކޮންމެ ދުވަހަކު 5 ނަމާދުކުރަން ފަރުޟް ކުރައްވަވައިފައެވެ. އެކަމަކު އެންމެ ނަމާދެއްވެސް ނުކުރާ މީހުން ވަރަށް ގިނައެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ނަމާދުކުރާ މީހުންނާއި ނަމާދުނުކުރާ މީހުންގެ ތަގާތު ރޮނގަކުން ދައްކަވައިފައެވެ. މިބުނަނީ މުސްލިމްކަމާއި ކާފިރުކަމާއި ދެމެދުގައި އޮތީ ނަމާދު އެޅުންކަމަށް ޙަދީޘްފުޅު ކުރެއްވެވި ވާހަކައެވެ. އެޙަދީޘްފުޅުން އެނގެނީ އެއްފަރާތުގައި ތިބީ ކާފިރުންކަމާއި އެއީ ނަމާދުނުކުރާ މީހުން ކަމެވެ.
އިބްލީސް ﷲ ތަޢަލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވީ އޭނާގެ ހުރި ބޮޑާކަމުންނެވެ. އަހުރެމެން ނަމާދުނުކުރީމާ ޢަމަލުން އެދެއްކެނީ އޭނާގެ ހުރި ބޮޑާކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް އޭނާގެ ހިތުގައި ބިރުވެރިކަން ނެތްކަމެވެ. ނަރަކައަށް ވަންޖެހިޑާނެ ކަމަށް ކަންބޮޑުނުވާ ކަމެވެ. އެފަދަ މީހެއްގެ ކިބައިގައި އޮންނާނީ ކޮން އިސްލާމް ކަމެއް ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނަމާދުތަކަށް ރައްކައުތެރިވާށެވެ. ނަމާދުކުރާ އަޅަކު ކަމުގައިވާށެވެ. ނަމާދުނުކޮށް ހުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު ކުށެވެ.
- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން