މަދު ދުވަސްކޮލަކު ނޫނެވެ. 2 އަހަރު ދުވަހު ލޯބީގެ ކުޅިގަނޑު ކުޅުމަށްފަހު ކައިވެނިކުރަން ނިންމައި ރަންކިޔަން އޮތް ރެއެވެ. އެދުވަހު ލޯބިވެރިޔާގެ ގެއަށް ދިއައީ އެހައިތަނަށް އޭނާ ބޭނުންވެގެންހުރި ހުރިހާ އެއްޗެއް ގަނެގެންނެވެ. އިތުރަށްވެސް ގަނެގެންނެވެ.
އެގެއަށް ނުވަދެވެނީސް އެކުވެރިއަކު އަހުރެން ހުއްޓުވާފައި ފޯނުން ޘާބިތުކޮށްދިނީ ލޯބިވެރިޔާ އަހުރެންގެ އެންމެ ގާތް އެކުވެރިޔާ އާއިވެސް ލޯބީގެ ގުޅުން ބާއްވާކަމެވެ. އަހުރެންނާއި ކައިވެނިކުރަނީ އަހުރެންގެ ތަނަވަސްކަން ބޮޑުވުމުންކަމާއި ކައިވެނިކުރުމަށްފަހުވެސް ދެމީހުންގެ ގުޅުން ކުރިއަށް ގެންދާނެކަމެވެ.
އަހުރެން ގެއަށް ނުވަދެ އެނބުރި ދިއައީއެވެ. ފޯނުކޮށްފައި ބުނީ ރަންކިޔުމުގެ ރަސްމިއްޔާތު ލޯބިވެރިޔާގެ ގޭގައި ބޭއްވުމުގެ ބަދަލުގައި ބާއްވާނީ އަހުރެންގެ ގޭގައި ކަމަށެވެ. އެހެންވެ ގަޑިއަށް އަހުރެންގެ ގެއަށް އައުމަށެވެ. މައިންބަފައިންވެސް ގެނައުމަށެވެ.
ގަޑި ޖެހުމުން ރަންކިޔަން އަހުރެން އެދުނީ ލޯބިވެރިޔާގެ ކިބައަކުން ނޫނެވެ. އަހުރެންދެކެ ލޯބިވާކަމަށްބުނަމުން އައި އެހައިތަނަށް އަހުރެންގެ އެކުވެރިއެއްގެ ކިބައިންނެވެ. އެކަމުން އެންމެންނަށް ސިހުމެއް ލިބުނެވެ. ރާވާފައި އޮތްގޮތަށް ރަންކިޔައި ކައިވެނީގެ ފޯމުގައި ސޮއިކޮށް ނިންމާފައި ޓީވީން ވީޑިއޯ ކްލޕްތައް ދައްކައިލީމެވެ. ލޯބިވެރިޔާ ކުޅެމުން އައި ލޯބީގެ ކުޅގަނޑުގެ ކްލިޕްތަކެވެ.
ކްލިޕްތައް ފެނުމުން ލޯބިވެރިޔާއާއި އޭނާގެ ޢާއިލާގެ މީހުން ނުކުމެގެން ދިއައީއެވެ. އެކަމަކު އޭނާގެ އެކުވެރިންނެއް ނުދެއެވެ. އެމީހުން ތަޢްރީފްކުރީ އަހުރެންނަށެވެ. އެއީ އަހުރެން އޭނާއަށް ކޮށްދިން ކަންތައްތަކާއި އަހުރެންގެ އަޚްލާޤް އެމީހުންނަށް އެނގޭތީއެވެ.
މިއީ ކުޅެފައިވާ ފިލްމެއް ނޫނީ ޑްރާމާއެއް ނޫނެވެ. ހަމަ މިމާލޭގައި މީގެ ދެމަހެއްހައި ދުވަސްކުރިން ހިނގާފައިވާ ކަމެކެވެ. އަޅުގަނޑުގެ އުންމީދަކީ ލޯބިވެގެން އެކުގައި އުޅެމުން ހިތްނުފުރި ޚިޔާނާތްތެރިވުން ހުއްޓާލަން ބުނުމެވެ. މިޙާދިސާގައި ފަޅާއަރާފައިއެވަނީ ކައިވެނީގެ ކުރިންނެވެ. ކައިވެނީގެ ފަހުން ފަޅާއެރިޔަސް ލިބޭނެ ދެރައަށް ކުރިން ނުވިސްނިނަމަ މެދުވެރިވާނީ ދެރަ ގޮތްތަކެވެ.
- ސޫޒަން / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ