އެއީ ވަރަށް ގާތް ދެއެކުވެރިންނެވެ. އެކަކީ އަމިއްލަ މަސައްކަތުން ކުރިއެރުން ލިބިފައިވާ މީހެކެވެ. އަނެކާއަކީ ކުރިއަރަމުން އަންނަ މީހެކެވެ. ދެމީހުން ކައިވެނިކުރީ އެކުއެކުގައެވެ.
ކައިވެންޏަށްފަހު ތަނަވަސް މީހާގެ ކުރިއެރުން ބޮޑުވެގެންދިއައެވެ. އެހެންވެ ދުވަސްކޮޅެއް ފަހުން އަނެކާ އޭނާގެ އަނބިމިހާވެސް ގޮވައިގެން ޝަކުވާކުރިއެވެ. އެކުވެރިޔާ ދެއްކި އަންހެނާއާއި ކައިވެނިކުރުމުން އޭނާގެ ދިރިއުޅުން ކުރިނުއަރާތީއެވެ.
ތަނަވަސް އެކުވެރިޔާ ބުންޏެވެ. "ރަނގަޅެވެ. ކައިވެނިކުރީ އަހުރެން ދެއްކި އަންހެނަކާއެވެ. އެކަމަކު ކައިވެނިކުރުމަށްފަހު ކަންތައްތައް ތިއަކުރަނީ އަހުރެން ބުނެދިން ގޮތަށް ހެއްޔެވެ؟
ފުރަތަމަ ކަމަކަށް އަނބިމިހާ ވަޒީފާއަދާކޮށްގެން ހޯދާ ފައިސާ އޭނާގެ ނުރުހުމުގައި އެބަ ގެއަށް ޚަރަދުކުރުމެވެ. އެކަން މަނާކުރަނީ އަހުރެންނެއް ނޫނެވެ. އެކަން މަނާކުރަނީ ދީނެވެ. ދެވަނަ ކަމަކަށް އަނބިމީހާއަށް އުފާވެރިކަން ހޯދައިދިނުމުގެ ބަދަލުގައި ތިއަބައިންދަނީ ރޮއްވާފައެވެ. ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއިރުން އަނބިމީހާގެ ހެޔޮދުޢާ ލިބޭނެހެއްޔެވެ؟ އަހުރެން ހުރިހާ ކަމެއްވެސް މިކުރަނީ އަނބިމީހާގެ ހެޔޮދުޢާ ލިބޭނެ ގޮތަށެވެ. އެހެންވެ އަހުރެންގެ އަނބިމީހާ އަހުރެންނަށްޓަކައި ހެޔޮދުޢާކޮށްދެއެވެ."
އެހެން ބުނެފައި އަނބިމީހާގެ ގާތުގައި ހެޔޮދުޢާކޮށްދެންތޯ ސުވާލުކުރުމުން ބުނީ ކުރިން ކޮށްދިނިން ކަމަށާއި ރޮމުން ހެޔޮދުޢާ ނުކުރެވެނީ ކަމަށެވެ.
މިއީ ކޮންމެ ފިރިއަކުވެސް ޢިބްރަތް ޙާޞިލުކުރަން އޮތް ފިލާވަޅެކެވެ. އަނބިމިހާގެ އަމިއްލަ މަސައްކަތުން ހޯދާ ފައިސާ އޭނާގެ ނުރުހުމުގައި ގެއަށް ޚަރަދުކުރުވާނަމަ އެއީ ޙަލާލް ފައިށާއަކަށް ނުވާނެއެވެ. އެކަމުގެ ނޭދެވޭ އަސަރު ދިރިއުޅުމަށް ކުރާނެއެވެ. ދެވަނަ ކަމަކީ އަނބިމީހާގެ ހިތުގައި ޖައްސުވާފައި ބައިންދާނަމަ އޭނާގެ ހެޔޮ ދުޢާ ނުލިބުމުގެ އިތުރަށް ﷲ ތަޢާލާގެ ޙަޟްރަތުން އެކަމަށް ޖަޒާ ދެއްވަވާނެތެވެ. އެފަދަ މީހުންގެ ދިރިއުޅުން ކުރިއަރާނީ ކިހިނަކުން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން