ކޮންމެ އަންހެނަކު ނުގަނެވޭނެކަން ދައްކާ ބޮސް ސައިޒުކޮށްލި ސަޢީދާގެ ވާހަކަ- ވަޒީފާ އަދާކުރާ ހުރިހާ ކަނބަލުންނަށް ވަރުގަދަ ނަމޫނާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ކޮންމެ އަންހެނަކު ނުގަނެވޭނެކަން ދައްކާ ބޮސް ސައިޒުކޮށްލި ސަޢީދާގެ ވާހަކަ- ވަޒީފާ އަދާކުރާ ހުރިހާ ކަނބަލުންނަށް ވަރުގަދަ ނަމޫނާއެއް!

ސަޢީދާއަކީ ބޮސްގެ ސެކެޓްރީއެވެ. ކައިރިކުރަމުން އައިސް މިހާރުހުރީ ވަރަށް ކައިރިކޮށްފައެވެ. ގެންދަނީ ދުވަހެއް ދުވަހަކަށް ދޭ ހަދިޔާގެ އަގުބޮޑުކުރަމުންނެވެ. ރަނގަޅަށް މަޅީގައި ޖެއްސުމަށްފަހު ބުނީ ތައިލަންޑުގައި އޮންނަ ކޮންފަރެންސަކަށް އެކުގައި ގެންދަން ބޭނުންކަމަށެވެ.  

ސަޢީދާ ގެއަށްގޮސް ފިރިމީހާގެ ގާތުގައި އެވާހަކަ ބުނުމުން ބުނީ ނުދިއުމަށެވެ. ނަމަވެސް ނުގޮސްފިނަމަ ލިބެން އޮތް ޕްރަމޯޝަން ނުލިބިދާނެ ކަމުގެ ބިރަށް ސަޢީދާ ނިންމީ ދިއުމަށެވެ. ފިރިމީހާގެ ގާތުގައި ބުނީ ގަދަކަމުން ނޫނީ އޭނާގެ ގައިގަ ބީހިވެސް ނުލެވޭނެ ކަމުގެ ޔަޤީންކަންދޭކަމަށެވެ. ކޮންމެ ދުވަހަކު ގުޅާނެކަމަށާއި އެއްވެސް ކަމެއް ގޯސްކޮށްދާނަމަ ބުނާނެ ކަމަށެވެ.  

ސަޢިދާ ދަތުރު ދިއައެވެ. ހަފްތާއަކަށެވެ. ދަތުރުގެ ދެވަނަ ރޭ ކައިނިމިގެން ބޮސްއަކަށް ކެތެއް ނުކުރެވުނެވެ. ދަތުރުގައި ސަޢީދާ ގެނައި ބޭނުން ބުނެފިއެވެ. ސަޢީދާ ވަޤުތުން ދެކޮޅު ހެދިއެވެ. ބުނީ އޭނާ ހުރީ ކައިވެނިކޮށްގެން ކަމަށާއި ފިރިމީހާއަށް ބޭވަފާތެރިނުވާނެ ކަމަށެވެ.

ބޮސްބުނީ އޭނާގެ ހުށަހެޅުން ޤަބޫލުނުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށާއި އެންމެންނަށް ފަޟީހަތްކޮށްލާނެ ކަމަށެވެ. ސަޢީދާ ބުނީ ވަޒީފާއިން ވަކިކުރިޔަސް ކިތަންމެ ބޮޑު ފަޟީހަތެއް ކުރިނަމަވެސް ބޮސްއެދޭ ގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ. އަދި އެންމެ އަވަހަށް ޖާގަ ލިބޭ ފްލައިޓަކުން އެނބުރި ރާއްޖެ ދާނެ ކަމަށެވެ.  

ބޮސްއަށް ބޮޑު ޙައިރާންކަމެއް ލިބުނީ ހެނދުނު ހޭލައިގެންގޮސް ސަޢީދާގެ ކޮޓަރީގައި ޓަކިޖެހުމުން އެހެން ޤައުމެއްގެ ބައަކު ދޮރުހުޅުވުމުންނެވެ. ސަޢީދާ ފުރީއެވެ. ކޮޓަރި އެހެންބައަކަށް ދިނީއެވެ.  

ސާޢީދާ ފުރުމުން ބޮސް އޭނާ ބޭނުންވާ ގޮތަށް ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރިއައިސް ގެއަށްވެސް ނުގޮސް ދިއައީ އޮފީހަށެވެ. އަވަހަށް ސަޢީދާ ވަޒީފާއިން ވަކިކުރުމަށެވެ. ފުރަތަމަވެސް ލިބުނީ ޙައިރާންކަމެކެވެ. އެއްވެސް މުވައްޒިފަކު އޭނާއަށް ހިނިތުން ނުވުމުންނެވެ. ހީކުރީ ސަޢީދާ އައިސް އޭނާ ބޭޒާރުކޮށްލުމުން މުވައްޒިފުން ހިތްހަމަނުޖެހިފައި ތިބީ ކަމަށެވެ.

ވަދެގެންގޮސް ކޮޓަރިއަށް ވަންއިރު އޭނާގެ މޭޒުގައި އިނީ އަނބިމީހާއެވެ. ހިނިތުންވެގެންހުރެ ގޮސް ބައްދައިަލް އުޅުމުން ބުނީ ގައިގަ އަތްނުލުމަށެވެ. "ފުރަން އުޅުނުއިރުވެސް ބުނިން ދަތުރުގެ ބޭނުން ވިސްނެއޭ. އެތައް ހުވައެއް ކޮށްފަ ފުރީ. ކުރި ހުވާތައް އުވައިލީމަ އަހުރެން މިހުރީ ކައިވެނި އުވާލައިގެން. ކައިވެނި އުވައިލީމަ މިހާރު ކަލެއަކަށް ވަޒީފާއެއް ނެތް. ވަންދޮރުން އަވަހަށް ނުކުމެގެންދޭ. ގެއަކަށްވެސް ނުވައްދާނެ. އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް ކޯޓަށްގޮސް އަހަރެން ލާފަ އޮތް ފޯމަށް ޖަވާބުދާރީވެ ކައިވެނި ނިންމައިލުން."  

"ތިއައުޅެނީ ސަޢީދާ ބޭނުންވި ވަރަށް ފައިސާ ނުދިނީމަ ހެދި ދޮގުތައް ޤަބޫލުކޮށްގެން" ކަމަށް ބުނީމާ އަނބިމީހާ ބުނީ މިހާރުވެސް ތިއަހަދަނީ ދޮގުކަމަށެވެ. "ސަޢިދާ އާއިއެކު ރޭކުރަން ބޭނުންވެގެން ބުނީމާ އެކަމަށް އިންކާރުކޮށްގެން ސަޢީދާ ވާހަކަދެއްކީ އަހަރެންނަށް ގުޅައި އަޑުއިއްވަމުން. ސީދާ އޮފީހަށް ތިއައައީ ސައީދާ ވަޒިފާއިން ވަކިކޮށް ތިއަބުނާ ފަޟީހަތެއް ކުރަންނު! ދެން ފަޟީޙަތް ކޮށްބަލަ! ބަލަ ފަޟީޙަތް ކުރެވޭނީ ސަބަބެއް އޮވެގެން ނޫންތަ؟ މޮޅިއްޔާ ތިއަބުނާ އެއްޗެއް ނިކަން ދައްކަބަލަ މަށަށް!"  

ފިރިމީހާއަށް ޖެހުނީ ބަސްހުއްޓި މަންމަންވާށެވެ. ސަޢީދާ އެއްވެސް ކަމެއް ނުކުރާތީ ފަޟީހަތްކުރަން ދެއްކޭނެ އެއްވެސް އެއްޗެއް ނެތެވެ. ކުންފުންޏަކީ އަނބިމީހާގެ މައިންބަފައިންގެ ތަނަކަށްވުމުން ޖެހުނީ ލަދުވެތިކަމާއެކު ނުކުމެގެންދާށެވެ.  

މިޙާދިސާޢަށް ވިސްނަވާށެވެ! އެންމެ ބޮޑުކަމަކީ ސަޢީދާގެ ހުޝިޔާރުކަމެވެ. ފުރުމުގެ ކުރިން ބޮސްގެ އަނބިމީހާއާއި ގުޅުން އުފެއްދި ކަމެވެ. އެންމެ ނުރައްކާވި ވަޤުތުގައިވެސް ފިރިމީހާއަށް ތެދުވެރިވިކަމެވެ. ހަރުދަނާ އަޚްލާޤުގެ މަތީގައި ޘާބިތުވެހުރިކަމެވެ. އެކަންކަމުގެ އަގަކަށް ސަޢީދާ މިހާރު އެހުރީ ބޮޑު ޕްރަމޯޝަނެއް ލިބުމުގެ އިތުރަށް މެޑަމްގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައެވެ.  

މިއީ ވަޒިފާއަދާކުރާ ކޮންމެ އަންހެނަކަށްވެސް އަގުހުރި ފިލާވަޅަކަށް ވާނެކަމަށް އުންމީދުކުރަމެވެ.

 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން