މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާން އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފައިވާ ނިންމުމަކީ ކޯލިޝަން އެއްބަސްވުމާ ޚިލާފް ނިންމުމެއްކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ މިއަދު އަދާލަތުޕާޓިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން އޭރުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިިހާ އެކު ސޮއިކުރި އެއްބަސްވުން އެ ޕާޓީން އާންމު ކުރުމުންނެވެ.
އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނީ "އެމްޑީޕީ، ޖޭޕީ، ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އަދާލަތު ޕާޓީން ބޭއްވި މަޝްވަރާތަކުން ނިންމުމުގެ ކަންކަމުގެ މައްޗަށް ބިނާކޮށް، އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަދާލަތު ޕާޓީއާ އެކު ސޮއިކުރެވިފައިވާ އެއްބަސްވުން ދެމިއޮތް ކަމަށާއި މި އެއްބަސްވުމަށް ރައީސުލްޖުމްހޫރިއްޔާ ފުރިހަމަ އަށް އަމަލުކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް" ކަމަށެވެ.
އަދި މީގެ އިތުރުން ތިން ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެއްބަސްވުމުގައި ސޮއިކުރި މަންޒަރު ފެންނަ ވީޑިއޯ ވެސް ވަނީ ސޯޝަލް މީޑިއާގައި ބަޔަކު އާންމުކޮށްފަ އެވެ. މިވީޑިއޯއިން ފެންނަ ގޮތުގައި އެއްބަސްވުންތަކުގައި ސޮއިކުރައްވަނީ އޭރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އެމްޑީޕީން ހަސަން ލަތީފާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އަދި ޖުމްހޫރީ ޕާޓީން ޑރ. ހުސއިން ރަޝީދު ހަސަނެވެ.
އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ސޮއިކުރި ވަކިވަކި އެއްބަސްވުންތަކުގައި ވާގޮތުން އަންނަ މަޖިލިސް އިންތިޚާބާއި 2020 ގައި ބާއްވާ ކައުންސިލް އިންތިޚާބުގައި ވެސް ގުޅިގެން ވާދަކުރަން އެ އެއްބަސްވުމުގައިވެ އެވެ. މި އެއްބަސްވުންތަކުގައި ވާގޮތުން އެމްޑީޕީގައި ސަރުކާރުގެ ހިއްސާއަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ އަށް 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް ދޭން އެ ލިޔުމުގައި އެއްބަސްވެފައިވެ އެވެ.
MDP, JP, Raees MAG adhi AP in beyvvi mashwara thakun nimmunu kankamuge machah binaakoh MDP ge eyruge Riyaasee candidate adhi mihaaru ge RJ @ibusolih AP aaeku soikuravvaafaivaa ehbasvun dhemioyikamashaa mi ehbasvumah RJ furihamayah amalukuravvaane kamuge furihama ithubaaru ebaoyi. pic.twitter.com/7fGN37zbAN
— Adhaalath Party (@AdhaalathOffice) December 2, 2018