އޭޑީކޭ ސިނަރޖީގެ މެމްބަރުންނަށް މިފަހަރު ހާސްކަމެއްނެތި "ހާސްމޭލު"

ކިޔުމަށް ހޭދަވާނީ 1މ 56ސ
އޭޑީކޭ ސިނަރޖީގެ މެމްބަރުންނަށް މިފަހަރު ހާސްކަމެއްނެތި "ހާސްމޭލު"

އޭޑީކޭ ކޮމްޕެނީގެ މުވައްޒަފުންގެ މެދުގައި އޮންނަ "އޭޑީކޭ ސިނަރޖީ" ގެ މެމްބަރުންނަށް "ހާސްމޭލު" ގެ ނަމުގައި ޗެލެންޖެއް ހުޅުވާލައިފިއެވެ.

މިއީ މިއަހަރުގެ ޖެނއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން 31 ޑިސެމްބަރގެ ނިޔަލަށް ކުރިއަށްގެންދާގޮތަށް ހަމަޖައްސާފައިވާ ޗެލެންޖެކެވެ. އަދި މި ޗެލެންޖުގައި އޭޑީކޭ ކޮމްޕެނީގެ ހުރިހާ މުވައްޒަފުންނަށްވެސް ބައިވެރިވެވޭނެއެވެ. 

މި ޗެލެންޖު މުޅި އަހަރަށް ބަހާލާފައިވުމުން ކޮންމެ ދުވަހަކުވެސް ދުވަންޖެހޭނީ 4 ކިލޯމީޓަރެވެ. ކޮންމެ ބައިވެރިއަކުވެސް ދުވުމަށްފަހު، އޭގެ ތަފްޞީލު އެކަމަށް ޚާއްޞަ އެޕްލިކޭޝަނަކަށް ފޮނުވަންޖެހެއެވެ. 

މި ޗެލެންޖާއިބެހޭގޮތުން އޭޑީކޭ ސިނަރޖީގެ އޮފިޝަލަކު ވިދާޅުވީ މި ޗެލެންޖުގެ ތެރޭގައި އަހަރުގެ އެމީހަކު ބައިވެރިވާ ރޭސްތަކުގެ ދުވުންވެސް ހިމެނޭނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ރާއްޖޭއާއި ރާއްޖެއިން ބޭރުގައި އޮންނަ ދުވުންތައްވެސް ހިމެނޭނެ ކަމަށެވެ. 

 

ފޮޓޯ: އޭޑީކޭ ސިނަރޖީ އިން ރަމަޟާން މަހު ބޭއްވި 111K ގެ ތެރެއިން

 

މިއީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމާއި މީހާގެ އިތުބާރު ދެމެހެއްޓުމާއެކު ކުޅިވަރުގެ ތެރެއިން އެކުވެރި މަޖާ މާޙައުލެއް ޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ޗެލެންޖެކެވެ. އަދި މަސައްކަތުގެ މާޙައުލުން ލިބޭ ނުތަނަވަސްކަން ފިލުވާލަދިނުމަށް މަގުފަހިކޮށްދިނުމަކީވެސް މަޤުޞަދެކެވެ. 

މުޅި އަހަރަށް ބަހާލައިގެން ބާއްވާ 'ހާސްމޭލު' ނުވަތަ އަހަރުގެ ތެރޭގައި އެއްހާސް މޭލުގެ ދުވުން ހަމަކުރުމަށް ބާއްވާ މި ޗެލެންޖުގެ ހާސްމޭލު ހަމަކުރާ ފަރާތްތަކަށް ބްރޯންޒް، ސިލްވަރ އަދި ގޯލްޑް މެޑެލް އާއި ފިނިޝަރ ޓީޝާޓް ލިބޭނެއެވެ. އަދި 750 މޭލު ހަމަކުރާ ފަރާތްތަކަށް ބްރޯންޒް އަދި ސިލްވަރ މެޑެލް ލިބޭ އިރު، 500 މޭލު ހަމަކުރާ ފަރާތްތަކަށް ލިބޭނީ ބްރޯންޒް މެޑެލް އެކަންޏެވެ.

ސިއްޙީ ދާއިރާގައި ބުރަކަމާއެކު މަސައްކަތް ކުރަމުންވެސް އޭޑީކޭ އިން އަންނަނީ ތަފާތު އެކު ކުޅިވަރުތަކުގައި ބައިވެރިވެ، މުވައްޒަފުން ދުޅަހެޔޮ ސިއްޙަތެއްގައި ބޭތިއްބުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ.

އެގޮތުން އޭޑީކޭ ސިނަރޖީ އިން ވަނީ ފާއިތުވި ރަމަޟާން މަހުވެސް 111 ކިލޯ މީޓަރގެ ދުވުން ހަމަކުރުމަށް ޗެލެންޖެއް ބާއްވާފައެވެ. އަދި ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތްކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގައިވެސް އަންނަނީ ބައިވެރިވަމުންނެވެ.

މިއަދު އޮންލައިން