ސޯޝަލް މީޑިއާގަ އާއި އެ ނޫންވެސް ގޮތް ގޮތުން ހޫނު ހަމަލާތައް ބަދަލުކުރެވެމުން އަންނައިރު އެކަން ހިނގަން މެދުވެރިވާ ސަބަބުވެސް ބަލައިލަން ގިނަ ބައަކު އެދެއެވެ. އެގޮތުން ބައެއް މީހުން ބުނަނީ އިސްލާމް ދީނަށް ފުރައްސާރަކުރީމާ އެމީހަކު މިވަނީ އަޅައިލުމާއި އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީ ލިބެންޖެހޭ ނަފްސާނީ ބަލި މީހަކަށް ކަމަށެވެ. އެފަދަ މީހަކާއި ދެކޮޅަށް ނުވަތަ އިސްލާމް ދީނުގެ ހިމާޔަތުގައި ބަހެއް ބުނެފިނަމަ އެމީހަކު ވަނީ ހަރުކަށި ފިކުރު ގެންގުޅޭ ހައްދުފަހަނައަޅާފައި ހުރި މީހަކަށް ކަމަށެވެ. އެހެންކަމުން މިއީ ހަމަ އެންމެ ރަނގަޅު އިންޞާފު ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.
ބައެއް މީހުން ބުނަނީ ނަފްސާނީ ބަލީގައި ވެސް މިފެންނަނީ ހަމަ އެކަނި އިސްލާމް ދިނަށް ފުރައްސާރަކުރުމުގެ ބަލި ޖެހިފައިވާ މީހުން ކަމަށެވެ. އެފަދަ މީހުން ދައްކަނީ ޑިމޮކްރަސީގެ ވާހަކަ ކަމަށާއި އެކަމުގައިވެސް މައްސަލަތަކެއް އެބަ ހުންނަ ކަމަށެވެ.
ހަމަ އެއާއިއެކު އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ މައްސަލަތައް ފެންމަތިވެ ކަމާއިބެހޭ މުއައްސަސާތަކުން މައްސަލަ ބަލައިފައިވާ ބައެއް މީހުންނަށް މިސަރުކާރުން ވެސް އިސް މަޤާމުތައް ދީފައިވާތީ މިސަރުކާރުގެ ސިޔާސަތާއިމެދު ވެސް ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. ސުވާލު އުފައްދާ މީހުން ބުނަނީ އެމީހުން ތައުބާވިކަން އެނގެން ބޭނުން ކަމަށެވެ. "އެމީހުން އިސްލާމް ދީނަށް ފުރައްސާރަ ކުރަނީ އެންމެންނަށް އަނގައިގެން. ވީމާ އިޞްލާޙްވެ ތައުބާވި ނަމަ އެކަންވެސް އެނގެން ޖެހޭނެ ނޫންތޯ؟"
"މިސާލަކަށް މީހަކަށް އިސްލާމް ދީން ކަމު ނުދިއައީ. އެއީ އިސްލާމް ދީނަށް ފުރައްސާރަކުރަން ޖެހޭ ސަބަބެއްތޯ؟ ކޮބައިތޯ އިސްލާމް ދީން ޤަބޫލުކޮށްގެން ތިބި މީހުންގެ ހައްޤުތައް؟ މަދު ބައަކު ގިނަ ބައަކަށް ފުރައްސާރަކޮށް ރުޅިއެރުވުންތޯ ޑިމޮކްރަސީއަކީ؟"
މިފަދަ ޚިޔާލުތައް ފައުޅުކުރަމުން ގެންދާއިރު ކޮންމެ ޤައުމެއްގައިވެސް އުޅެވޭނީ އެ ޤައުމެއްގެ ޤާނޫނު އަސާސީއަށް ކިޔަމަންވެ އަމަލުކޮށްގެންނެވެ. އެހެން ނޫން ނަމަ އެމީހަކު އެކުރަނީ ކުށެކެވެ. ވީމާ ރާއްޖޭގައި އުޅޭނަމަ ރާއްޖޭގެ ޤާނޫނު އަސާސީއަށް ބޯލަނބަން ޖެހޭނެއެވެ. އެ ޤައުމެއްގެ ޤާނޫނު އަސާސީގެ މައްޗަށް ޑިމޮކްރަސީ އަރައިގެން އުޅޭ އެއްވެސް ޤައުމެއް އޮތްކަން އެނގިފައެއް ނެތެވެ.
އެހެންކަމުން ރާއްޖޭގެ ޤާނޫނު އަސާސީއަށް އަމަލުކުރަން ބޭނުން ނުވާ މީހުން، ރާއްޖެ ދޫކޮށް ފުރައިގެން ދިއުމުގެ ފުރުޞަތު އެބައޮތެވެ. އެއީ ރާއްޖޭގެ ޤާނޫނު އަސާސީ މަނާކުރާ ކަމެއް ނޫނެވެ. އަދި އެތައް ބައަކު ވަނީ މިހާރުވެސް އެފަދަ ސަބަބުތަކަށްޓަކައި ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައެވެ. އެމީހުން އަނބުރައި ރާއްޖެ ގެންނާކަށްވެސް ސަރުކާރުން މަސައްކަތެއް ނުކުރެއެވެ.