ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ވެރިކަމުގައި ތަރައްޤީކުރި، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމުގައިވާ ދަރުމަވަންތަ ހޮސްޕިޓަލު މިއަހަރުގެ އޭޕްރިލް މަހު ހުޅުވަން ނިންމައިފިއެވެ.
މީގެކުރިން މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާ މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވުމަށް ތައްޔާރުވި ނަމަވެސް، ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާނެ ވަސީލަތްތައް ހޯދުމަށް ހަވާލުކުރި ކުންފުނިތަކަށް ދިން ތާރީޚުގައި އެކަން ނުވެގެން އެހޮސްޕިޓަލު އެއިރު ހުޅުވިފައެއް ނުވެއެވެ.
އެހޮސްޕިޓަލު ހުޅުވުމާއި ބެހޭގޮތުން އައިޖީއެމްއެޗް ގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތްތައް ފެށުމަށް ބޭނުންވާ ހުރިހާ އާލާތްތަކެއް ވެސް މިހާރު ލިބިފައިވާ ކަމަށާއި އޭޕްރިލް މަހު ހުޅުވޭނީ އެހޮސްޕިޓަލުގެ ހަތަރު ފަންގިފިލާއެއް ކަމަށެވެ.
މުޅިއަކު 25 ފަންގިފިލާ ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވުމަށްފަހު، އައިޖިއެމްއެޗް އިން މިހާރު ދެމުން ގެންދާ ބައެއް ޚިދުމަތްތައް އެހޮސްޕިޓަލަށް ބަދަލު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.