އެޕްރީލް 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކުން ވެސް މާލެ އާއި އެއް އަގުގައި، ހަނޑޫ ކިލޯއެއް 4.80އަށް، ހަކުރު ކިލޯއެއް 4.82 އަށް އަދި ފުށް ކިލޯއެއް 3.80 އަށް ގަންނަން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ބުނީ ރާއްޖެތެރޭގައި ކާޑު ވިއްކަން އިކޮނޮމިކް މިނިސްޓްރީން މިހާރު ހަމަޖައްސާފައިވާ އުޞޫލަށް ބަލައިފިނަމަ މާލެއަށްވުރެ ކިލޯއެއް 1.21 އަގުބޮޑުކޮށް ވިއްކިދާނެ ކަމަށެވެ. ނަމަވެސް އެޕްރިލް 1 ވަނަ ދުވަހުން ފެށިގެން ހުރިހާ ރަށަކުންވެސް ކާޑުގެ ބާވަތްތައް ވިއްކަން ޖެހޭނީ މާލެ ޢާއި އެއް އަގުގައި ކަމަށާއި އެކަމަށް އެސްޓީއޯ އިން މަގުފަހިކޮށްދޭނެ ކަމަށެވެ.
އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ޙުސައިން ޢަމްރް މުޙައްމަދު ރަޝާދު ވިދާޅުވީ ރާއްޖެތެރޭގައި ކާޑުގެ ބާވަތްތައް ވިއްކާ އަގު ބޮޑުވަނީ ކާޑު ރަށްރަށަށް ގެންދަން ނާލަށާއި އެހެނިހެން ބައެއް ކަންކަމަށް ޚަރަދުކުރަންޖެހޭތީ ކަމަށާއި އެ ޚަރަދުތައް އެސްޓީއޯ އިން ކަނޑައަޅާ އެޖެންޓުންނަށް ދެމުން ގެންދާނެ ކަމަށެވެ. އެހެންކަމުން މާލެ އާއި އެއް އަގުގައި ކާޑުގެ ބާވަތްތައް ރަށްރަށުގައި ވިއްކޭނެ ކަމަށެވެ.
އަމްރް ވިދާޅުވީ މިކަމަށް ދައުލަތުން ވެސް އަދި އެސްޓީއޯ އިންވެސް އެއްވެސް ފައިސާއެއް އިތުރަށް ޚަރަދުކުރަން ނުޖެހޭނެ ކަމަށާއި އެކަމަށް ހިނގާނެ ޚަރަދު ހޯދާނީ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލުން ކަމަށެވެ.
މިގޮތަށް ހަމަޖެހުމުން ރަށްރަށުގައި ކާޑު ވިއްކާނީ އެސްޓީއޯ ޢާއިއެކު އެއްބަސްވުމެއް އެކުލަވާލައި އެޖެންޓުންގެ ގޮތުގައި ހަމަ ޖައްސާ ފަރާތްތަކުންނެވެ. އެސްޓީއޯގެ އެޖެންޓުންނަށް ވާން ބޭނުންވާ ފަރާތްތަކަށް ބީލަން ޑޮކިޔުމަންޓް މާދަމާ މެންދުރު 2.00 އިން ފެށިގެން ރަށްރަށުގައި ހުރި އެސްޓީއޯ ފާމަސީތަކުން ލިބޭނެއެވެ. އެސްޓީއޯގެ އެޖެންޓުންނަށް ވާން ބޭނުންވާ ހުރިހާ އެންމެންނަށް އެކަމުގެ ފުރުޞަތު ވަނީ ހުޅުވާލައި އަދި ދައުވަތުދީފައެވެ.