އެސްޓީއޯގެ ވިޔަފާރިތަކަކީ ފައިދާވާ ވިޔަފާރިތަކަށް ހެދުމަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެސްޓީއޯ ސްޕަމާޓް ބަންދު ނުކުރައްވާނެ ކަމަށާއި އެއްވެސް މުވައްޒިފަކުވެސް ދޫކޮށް ނުލައްވާނެ ކަމަށް އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ޙުސައިން ޢަމްރް މުޙައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމްރް މިއަދު ވިދާޅުވީ ހިންގުމަށް ބަދަލު ގެންނަވައި އެސްޓީއޯގެ ވިޔަފާރިތަކަކީ ފައިދާވާ ތަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އެކަން ކުރައްވާނީ އެތަނުގެ ވިޔަފާރި މިހާރު ހިންގާ ގޮތް އެހެން ގޮތަކަށް ބަދަލުކޮށްގެން ކަމަށާއި އެބަދަލުގެ ސަބަބުން ޢާންމު ވިޔަފާރިތަކާ ވާދަކުރުން ނެތިގެންދާނެކަމަށެވެ. އަދި އެބަދަލުގެ ސަބަބުން ޢާންމުވިޔަފާރިތަކަށް އެހީތެރިވެ މަގުފަހިކޮށްދޭ ތަނަކަށް އެސްޓީއޯ ސްޕަރމާޓްވެސް ވެގެންދާނެ ކަމަށެވެ.
"އެސްޓީއޯގެ މަޤްޞަދަކީ ގެއްލުންވަމުން އަންނަ ވިޔަފާރިތަކުން ގެއްލުން ނުވާނެ ގޮތް ހެދުން. ޢާންމު ވިޔަފާރިތަކާ ވާދަކޮށް ޢާންމު ވިޔަފާރިތައް ނައްތައިލާފަ ކުރިއަށް ދިއުމުގެ ސިޔާސަތެއް އެސްޓީއޯއަކުން އެއްވެސް އިރަކު ނުގެން ގުޅޭ. އެކަން އަދިވެސް ބޮޑަށް ތަންފީޒުކުރެވޭތޯ މިބަލަނީ. އެސްޓީއޯ އުފެދިގެން އައީވެސް ޢާންމުންނަށް ނުކުރެވޭ ބޮޑެތި ވިޔަފާރިތައް ކުރަން. ޚާއްޞަކޮށް ކާޑާ ތެލާ ބޭހާ މިކަންކަމަކީ ޢާންމުކޮށް މީހަކަށް ކުރެވޭނެ ކަންކަމެއް ނޫން. އެކަންކަމުގެ އިތުރުންވެސް ޢާންމުންނަށް ނުކުރެވޭނެ ބައެއް ކަންކަން އެސްޓީއޯ އިން މިކުރަނީ. އެކަންކަމަށް އަޅުގަނޑުމެން ބޮޑަށް ފޯކަސް މިކުރަނީ."
ޙުސައިން ޢަމްރް ވިދާޅުވީ މިބަދަލު ގެނެސް ވިޔަފާރި ކުރަން ފެށުމުން އެސްޓީއޯ ސްޕަރމާޓަށް ލިބޭ ފައިދާވެސް އިތުރުވެގެންދާނެ ކަމަށެވެ. ބައެއް ބާވަތްތައް ވާދަވެރި އަގުތަކުގައި އަމިއްލަ ފަރާތްތަކުން މިހާރުވެސް އެތެރެކުރާ ކަމަށާއި އެފަރާތްތަކާއި އެސްޓީއޯ ގުޅި ބައިވެރިވެގެން ވިޔަފާރި ކުރުމުން މިހާރަށްވުރެވެސް އަގުތައް ހެޔޮ ކުރެވޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ޢާންމުކޮށް ބޭނުންކުރާ ބާވަތްތައް މިހާރަށްވުރެވެސް ހެޔޮ އަގުތަކުގައި ވިއްކުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޙުސައިން އަމްރް ވިދާޅުވިއެވެ.