މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ފަދައިން 1 އެޕްރިލުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކުން ވެސް މާލެ އާއި އެއްއަގެއްގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އިންތިޒާމު އެސްޓީއޯ އިން ހަމަޖައްސައިދިނުމުން އެ އަގުތަކުގައި ކާޑުގެ ބާވަތްތައް ރައްޔިތުންނަށް ގަންނަން ލިބޭކަން ކަށަވަރުކޮށްދިނުމަށް ރަށު ކައުންސިލްތަކުންނާއި ކަމާއިބެހޭ ފަރާތްކުގެ ކިބައިން އެސްޓީއޯ އިން އެދިއްޖެއެވެ.
އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީ އަދި ސީއީއޯ ޙުސައިން ޢަމްރް މުޙައްމަދު ރަޝާދު މިއަދު ވިދާޅުވީ ރަށްތަކުގައި ކާޑުގެ ބާވަތްތައް ވިއްކާނެ އެޖެންޓުންނާއިއެކު ހެދޭ އެއްބަސްވުންތަކުގައި މިކަން ވަރަށް ރަނގަޅަށް ބަޔާންކޮށްފައި ވާނެ ކަމަށާއި އަދި އަމަލުނުކޮށްފިނަމަ އަމަލުކުރެވޭނެ ގޮތްތައްވެސް ބަޔާންކޮށްފައިވާނެ ކަމަށެވެ.
މިބައްދަލުވުމުގައި އެސްޓީއޯ އިން ބުނެފައިވަނީ އެސްޓީއޯއަކީ ތަންފީޒީ އިދާރާއަކަށް ނުވުމުން ކާޑުގެ ބާބވަތްތައް ބޮޑުއަގުގައި ވިއްކި ނަމަވެސް ފިޔަވަޅު އެޅުމުގެ ބާރު އެސްޓީއަށް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެބާރު ލިބިގެންވާ އިދާރާތައް ކޮންމެ ރަށެއްގައިވެސް އެބަހުރި ކަމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ރަށްރަށުން ކާޑު ގަންނަން ލިބޭކަން ކަށަވަރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމެކެވެ.
ރާއްޖޭގެ ހުރިހާ ރަށަކުންވެސް އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކާނެ ކަމަށް ކުރީގެ ސަރުކާރުތަކުންވެސް ވަނީ ވައުދުވެފައެވެ. ނަމަވެސް އަދި މިހައިތަނަށް އެއްވެސް ސަރުކާރަކުން މި ވައުދު ފުއްދައިފައެއް ނުވެއެވެ.